ކުޅިވަރު

ނިޒާމްބެ ވައުދު ފުއްދައިފި

ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގައި ވާދަ ކުރުމަށް، ޓީސީއަށް ދައުވަތު ލިބި، އެކަން މީޑިއާއާ ހާމަ ކުރުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި މުބާރާތުގައި ޓީސީގެ އަމާޒަކީ ކޮބައިތޯ ސުވާލު ކުރުމުން، ކޯޗް މުހައްމަދު ނިޒާމް (ނިޒާންބެ) ބުނީ މުބާރާތައް ދަނީ މުބާރާތް ކާމިޔާބު ކުރުމުގެ އަމާޒުގައި ކަމަށެވެ.

މުބާރާތަށް ބަންގުލަދޭޝްއަށް ދާން ފުރި ދުވަހު ވެސް ދިވެހި މީޑިއާތަކާ ވާހަކަ ދައްކަމުން ވެސް އެ ވާހަކަ ތަކުރާރު ކުރި އެވެ.

"މުބާރާތެއްގައި ވާދައެއް ނުކުރާނެ މުބާރާތް ކާމިޔާބު ކުރަން ނޫނީ، ޓީސީގެ އަމާޒަކީ މުބާރާތް ކާމިޔާބު ކުރުން އިރާދަ ކުރެއްވިއްޔާ ތަށި ހިފައިގެން ގައުމަށް އަންނާނީ،" މުބާރާތުގެ ކުރިން ނިޒާމް ބުނެފައި ވެއެވެ.

ނަމަވެސް ނިޒާމްގެ ވާހަކަ، ގިނަ ބަޔަކު ގަބޫލެއް ނުކުރި އެވެ. އެ ފަރާތްތަކުން އޭރު އެހެން ބުނެފައިވަނީ، މުބާރާތުގައި ވާދަ ކުރަން އޮތް ޓީމުތަކުގެ ފެންވަރު ނޭންގިފައި އޮތުމުން ކަމަށް ވެދާނެ އެވެ.

ފައިނަލާ ހަމަޔަށް، ޓީސީ ދިއުމުން ނޫނީ، އެފަރާތްކަށް، ޓީސީ އާއި ނިޒާމް މިކަން ކޮށްފާނެޔޭ ވެސް ނުބުނެ އެވެ. ފައިނަލާ ހަމަޔަށް ދިއުމުން، ޓީސީ އަށް މުޅި ގައުމުގެ ތާއީދު ލިބުނެވެ.

"ފައިނަލަށް ދިޔަ ހިސާބުން، މުޅި ގައުމު ޓީސީގެ ފަހަތުގައި އޮތް ކަން އެނގުމުން، ވަރަށް ބޮޑު ހިތްވަރެއް ލިބުނު،" ނިޒާމް ބުންޏެވެ.

އެހިތްވަރާ އެކު، ނިޒާމް އެ އައީ ރާއްޖެ އަށް ތަށި ހިފައިގެން ނެވެ. އޭނާގެ ވައުދު ފުރިހަމަ ކޮށްފި އެވެ.

"ކޮންމެހެން ތަށި ލިބުނީމަކާ ނޫން، ތަށި ހިފައިގެން އާދެވުނީމަކާ ނޫން، މިއީ ދިވެހިރާއްޖޭގެ ފުޓްބޯޅަ އަށް އެންމެ ބޭނުންވާ އެއްކަންތައް ކަންނޭންގެ، ކުލަބަކުން ތަށި ގެނައުމުމުން މިއީ ފުޓްބޯޅަ ކުރި އަރައިގެންދާން ރަނގަޅު ސަބަބެއް، ނިޒާމް ބުންޏެވެ.

ކުޅުންތެރިންނަށް އިންޓަނޭޝަނަލް ތަޖުރިބާ ހޯދައިދިނުމަކީ، މުބާރާތުގެ ކުރިން ނިޒާމް ދެއްކި އަނެއް މުހިންމު ވާހަކަ އެވެ. އޭނާ ބުނީ ފައިނަލު މެޗަށްފަހު ކުޅުންތެރިން ދިން އެންމެ ބޮޑު ޔަގީން ކަމަކީ، ކިތަންމެ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނަސް ކޮންފިޑެންސް ބަލި ނުވާނެ ކަމަށެވެ.

އަދި މީގެ ސަބަބުން، ގައުމީ ޓީމުގެ ކޯޗަށްވެސް، ޓީމުގެ ސިލެކްޝަން ހެދުމުގައި މިހާރު ޗެލެންޖަކަށް ވާނެ ކަމަށް ނިޒާމް ބުންޏެވެ.