ކުޅިވަރު

ޓީސީން ފުޓްބޯޅައަށް އިތުބާރު ހޯދައިދީފި: ބައްސާމް

ޓީސީން ދިވެހި ފުޓްބޯޅައަށް އިތުބާރާއި ޔަގީންކަން ހޯދައިދީފި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕްގެ ޗެމްޕިއަންކަން ހޯދައި ރޭ، މާލެ އައި، ޓީސީ އަށް މަރުހަބާ ކިޔުމަށް ވަޑައިގެން، އެއާޕޯޓް ވީއައިޕީ ލައުންޖުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ، ބުރަ މަސައްކަތް ކުރުމުން ކާމިޔާބު ލިބޭކަން ޓީސީގެ ކާމިޔާބުން ހާމަވެގެންދާ ކަމަށެވެ.

އަދި މިއީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް އުފުލާލަން ކުރެވޭ މަސައްކަތަށް ލިބިގެން ދިޔަ، ވަރަށް ބޮޑު ހިތްވަރެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.

"މިއީ ދިވެހި އެހެން ކުލަބު ތަކަށާއި ގައުމީ ޓީމަށްވެސް އިތުބަރު އަދި ޔަގީން ކަން ގެނުވާނެ ކާމިޔާބީ އެއް،" އޭނާ ވިދާޅުވު އެވެ. "މި ކާމިޔަބުގައި ޓީސީގެ ކުޅުންތެރިންނަށާއި، ކޯޗަށް އަދި މެނޭޖްމެންޓަށް، ވަރަށް ބޮޑަށް މަރުހަބާ ކިޔަން، ގައުމަށް އެ ހޯދައިދިނީ ވަރަށް ރީތި ނަމެއް ގައުމު ހިނިތުން ކުރުވައިފި ކަން ޔަގީން،"

މީގެ ކުރިން އަވަސް އަށް ދެއްވި އިންޓަވިއުގައި، ބައްސާމް ވިދާޅުވީ އެފްއޭއެމް އަށާއި ދިވެހި ފުޓްބޯޅަ އަށް ހަމަޖެހުން އަންނަމުންދާ ކަން ޓީސީގެ ކާމިޔާބުން ހާމަ ކޮށްދޭ ކަމަށެވެ.

"މިއީ ފުޓްބޯޅަ ރަނގަޅު ދިމާލަކަށް ދާ ކަމުގެ ހެއްކެއް،" ބައްސާމް ވިދާޅުވުި އެވެ.