ކުޅިވަރު

ފައިސަލުގެ މޮޅު ސޭވްތަކުން ގްރީން ހުއްޓުވައިފި

Mar 5, 2017

އެސްޓީއޯ މާލޭ ލީގްގައި، ކުލަބު ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓުން އުފެއްދި ގިނަ ހަމަލާ ތަކެއް ދިފާއު ކޮށް، ވެލެންސިއާގެ ކީޕަރު، މުހައްމަދު ފައިސަލް، ގްރީން ސްޓްރީޓް ހުއްޓުވައި 1-1 ން އެއްވަރުވެ ވެލެންސިއާ އަށް ޕޮއިންޓެއް ހޯދައި ދީފި އެވެ.

އޭއެފްސީ ކަޕް ޕްލޭއޮފްގެ ދެ ވަނަ ލެގް މެޗުގައި، އިންޑިއާގެ މޯހަންބަގާންއާ ދެކޮޅަށް ކުޅެން ޖެހުމުން، ވެލެންސިއާ ކުޅެން އޮތް ފުރަތަމަ މެޗު ކެންސަލް ކުރީ އެވެ. އެއީ ނިއުރޭޑިއަންޓާ ދެކޮޅަށް ވެލެންސިއާ ކުޅެން އޮތް މެޗެވެ.

ފުރަތަމަ މެޗުގައި ވިކްޓަރީ އަށް ލަނޑު ދިން ގްރީން ސްޓްރީޓާ ދެކޮޅަށް، ވެލެންސިއާގެ ފަރާތުން ފެނުނީ، މާލޭގައި، މޯހަންބަގާންއާ ދެކޮޅަށް ކުޅުނު މެޗަށް ވުރެ ވެސް، އާދައިގެ ކުޅުމެކެވެ.

މެޗުގައި، ވެލެންސިއާ އަށް ވުރެ ގިނައިން ހަމަލާ އުފެއްދީ، ފުރަތަމަ ޑިވިޝަންގައި މިހާތަނަށް ދެ މެޗު ކުޅުނު ގްރީން ސްޓްރީޓުން ނެވެ.

ހާއްސަ ކޮށް އެޓީމުގެ ޔޫކްރޭންގެ ފޯވަޑް، ސޮބެލް އިލިއާ އަށް ވަނީ ރަނުގެ ފުރުސަތުތައް ލިބިގެން ގޮސްފަ އެވެ. ނަމަވެސް އޭނާ އުފެއްދި ގިނަ ހަމަލާތައް ދިފާއު ކުރީ، މެޗުގައި މޮޅު ކުޅުމެއް ދެއްކި ވެލެންސިއާގެ ކީޕަރު ފައިސަލް އެވެ.

މެޗުގެ 28 ވަނަ މިނެޓްގައި، އިލިއާ ފޮނުވާލީ ފްރީކިކް ދިޔަ ގޮތުން ގޯލަށް ވަންނާނެ ކަމަށް ބެލެވުނު ނަމަވެސް، ފައިސަލް ވަނީ އެ ބޯޅަ ދިފާއު ކޮށްފަ އެވެ. މެޗުގެ 39 ވަނަ މިނެޓްގައި ގްރީން ސްޓްރީޓްގެ ފޯވަޑް އަހްމަދު ރަޝީދު (އަންމަޑޭ) އުފައްދަން މަސައްކަތް ކުރި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި، ޕެނަލްޓީ އޭރިއާގެ ތެރެއިން އަންމަޑޭ އަށް، ފައިސަލް ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީ ގައި، ގްރީން އަށް ލީޑް ނަގައިދިނީ އިލިއާ އެވެ.

އޭގެ އިރުކޮޅެއް ފަހުން، ގްރީން ސްޓްރީޓްގެ ޑިފެންޑަރުން ނަށް ހެދުނު މިސްޓޭކެއްގައި، ވެލެންސިއާގެ ނައިޖީރިއާގެ މިޑްފީލްޑާ ޕްރިންސް ޗިންޑާ ވަނީ، ގްރީންގެ ގޯލު ފަސޭހަ ކަމާއެކު ފޫ އަލުވަލައި، ވެލެންސިއާ އަށް ނަތީޖާ ހަމަހަމަ ކޯށްދީފަ އެވެ.

ދެ ވަނަ ހާފުގައި ވެސް، ގްރީން އަށް ވަނީ ލަނޑު ޖަހަން ރަނުގެ ތިން ފުރުސަތެއް ލިބިގެން ގޮސްފައެވެ. އަންމަޑޭ އަށް ލިބުނު ދެ ބޯޅަ ވެސް އޭނާ ފޮނުވާލީ ގޯލް ދަނޑި މަތިން ބޭރަށެވެ. އިލިއާ އަށް ހުސްކޮށް ލިބުނު ފުރުސަތުވެސް، ފައިސަލު ވަނީ ދިފާއު ކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

ވެލެންސިއާގެ އޮމަޑޫ ވެސްޓަށް ވެސް ވަނީ ލީޑް ނަގަން ދެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އެއިން އެއްވެސް ބޯލައެއް އޭނާ އަށް ގޯލަށް ފޮނުވަލެވޭ ގޮތެއް ނުވި އެވެ.