ބޮލީވުޑް

ކަރަން ޖޯހަރަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ

Mar 6, 2017
1

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.

އަދި ކައިވެންޏެއް ކޮށްފައިނުވާ ކަރަން އަށް އެއްމާބަނޑު ދެ ކުދިން ލިބިފައިވަނީ ސަރްޖޭޓް މަންމައެއް މެދުވެރިިކޮށެވެ.

ޓައިމްސް އޮފް އިންޑިއާ ގައި ބުނެފައިވާ ގޮތުގައި ކަރަން އަށް ލިބިފައިވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. މި ދެ ކުދިން ވިހާފައިވަނީ މިދިޔަ މަހުގެ ތެރޭގައި އިންޑިއާގައި އަންދޭރީގައި ހުންނަ މަސްރާނީ ހޮޕްސްޕިޓަލުގަ އެވެ.

ބައްޕަ އަކަށްވީ ކަން ޔަގީންކޮށްދެމުން ކަރަން ނެރުނު ބަޔާނެއްގައި ވަނީ އޭނާ އަށް ލިބިފައިވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ކަމަށާއި އެ ދެކުދިންނަށް ޔާޝް އާއި ރޫހީގެ ނަމުން ނަން ދީފައިވާ ކަމަށެވެ.

"މި ދެކުދިންނަކީ އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ. ބައްޕައެއްގެ ވާޖިބު އަދާކުރަން ހުރިހާ ގޮތަކުން ވެސް ތައްޔާރު،" ކަރަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކަރަން މިފަހުން ނެރުނު އޭނާގެ ބައޮގްރަފީގައި ވަނީ ސަރޮޖޭޓް މަންމައެއް މެދުވެރިކޮށް ނުވަތަ ކުދިން އެޑޮޕްޓް ކުރުމަކީ ދެކޭ ހުވަފެނެއް ކަމަށް ބުނެފަ އެވެ.

މި ދެ ކުދިން ބެލުމަށް ކަރަން އަށް އޭނާގެ މަންމަ ހިރޫ ޖޯހަރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ކަރަންގެ އިތުރުން މިފަހުން އެކްޓަރު ތުޝާރް ކަޕޫރު ވެސް ވަނީ ސަރޮޖޭޓް މަންމައެއް މެދުވެރިކޮށް ކުއްޖަކު ލިބިފަ އެވެ. މީގެއިތުރުން ވެސް މަޝްހޫރު ދެ ސުޕަސްޓާރުން ކަމަށްވާ ޝާހްރުކް ޚާން އާއި އާމިރް ޚާންގެ ހަނގު ދަރިފުޅު އަބްރާމް އާއި އަޒަދް އަކީ ސަރޮޖޭޓް މަންމައެއް މެދުވެރިކޮށް ހޯދާފައިވާ ކުދިންނެވެ.