މޯލްޑިވިއަން އައިޑޮލް 2

ގޯލްޑެން ޓިކެޓް ލިބުނު ހިސާބުން ދިރިއުޅުން ރަނަށް ބަދަލުވެއްޖެ

ޕިއާނޯ ރައުންޑާ ހަމައިން މޯލްޑިވިއަން އައިޑޮލް އަށް އަލްވަދާއުކީ އުއްމީދީ ލަވަކިޔުންތެރިޔާ އަހުމަދު މާއިޝް ބުނަނީ މިހެންނެވެ. އޭނާ ބުނީ އޮޑިޝަނުން ފާސްވި ހިސާބުން ފެށިގެން އޭނާގެ ހަޔާތް ބަދަލުކޮށްލި ގޮތަށް ބަލާއިރު ކުރީގެ މާއިޝް މަތިން އޭނާ މިހާރު ހަނދާނެއް ވެސް ނެތެވެ.

"ކުރީގެ މާއިޝްގެ ވާހަކަތައް ކިޔައިދޭކަށް ވެސް އަސްލު ނޭނގޭ މިހާރު. ގޯލްޑެން ޓިކެޓް ލިބުނު ހިސާބުން މުޅި މީހާގެ ލައިފް އެކުގައި ބަދަލުވެއްޖެއޭ ބުންޏަސް ދޮގަކަށް ނުވާނެ،" އަވަސް އަށް ދިން އިންޓަވިއުއެއްގައި މާއިޝް ބުންޏެވެ.

"ކުރިން މަގުމަތިން ހިނގާލާފައި ދާއިރު ވެސް މީހަކަށް ނޭނގޭނެ ކާކު ކަމެއް. ސެލްފީ ނަގާކަށް ވެސް ނޫޅޭނެ. އެކަމަކު މިހާރު މީހުން ބަލާތީ ކުޑަކޮށް ލަދު ވެސް ގަނޭ. އެއީ މީގެ ކުރިން ދުވަހަކު ވެސް މިކަހަލަ ކަމެއް ދިމާވެފައި ނެތީމަ."

މާއިޝް ބުނަނީ މޯލްޑިވިއަން އައިޑޮލް އަކީ އޭނާގެ 22 އަހަރުވީ ހަޔާތަށް އައި އެންމެ ބޮޑު އެއް އުފާވެރި ކަމެވެ. އެހެންކަމުން ޕިއާނޯ ރައުންޑާ ހަމައިން ޝޯ އަށް ޓާޓާ ކިޔަން ޖެހުނަސް އޭނާގެ މާ ބޮޑު ކަންޑުވުމެއް ނެތެވެ. ސަބަބަކީ ޕިއާނޯ ރައުންޑު ވެސް އޭނާގެ ހުވަފެނެއްގައި ފެނިފައި ނުވާތީ އެވެ.

"އޮޑިޝަންސްއާ ހިސާބުން ފާސްވީމަ ދެން ހީއެއް ނުކުރަން، ތިއޭޓާ ރައުންޑުން ކުރިއަށް ދާނެ ކަމަކަށް. އެއީ މިފަހަރު ކޮންމެ ކުއްޖަކު ވެސް، ވަކި ކުއްޖެއް ނޫން، އެންމެން ވެސް ވަރަށް ވަރުގަދަ،" ބައްޕާ އެކު ރިސޯޓް މިއުޒިކްގެ ތެރޭގައި އުޅެމުން އައިސް މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުގައި ބައިވެރިވި މާއިޝް ބުންޏެވެ.

މިއީ އޭނާ ބުނާ ގޮތުން ނަމަ މިފަދަ މުބާރާތެއްގައި ނުވަތަ ލަވަކިޔުމުގެ ސްޓޭޖަކަށް އޭނާ ނެގި ފުރަތަމަ ފިޔަވަޅެވެ. ސްކޫލްގައި އުޅުނުއިރު ވެސް މާއިޝް އަކީ އެއްވެސް ވަރަކަށް ލަވަކިޔައި އުޅުނު ޒުވާނެއް ނޫނެވެ. އޭނާ ބުނަނީ ލަވަކިޔޭތޯ ބަލަން މަސައްކަތްކުރަން ފެށީ ވެސް ވަރަށް ފަހުންނެވެ.

"ކުރިން ކުޅުނީ ގިޓާ. ދެން އެއް ދުވަހަކު ލަންކާއިން ވެޑިންއެއްގެ ތެރެއިން ފެންނަނީ ވަރަށް ރީއްޗަށް މީހަކު ޕިއާނޯ ކުޅޭ މަންޒަރު. އެނބުރި އައިސް ކީބޯޑެއް ގަނެގެން ދެން ދަސްކުރީ ކުޅެން. އެހެން އުޅެނިކޮށް ބައްޕަ އަށް ފާހަގަ ކުރެވިގެން ބޭންޑުން ފުރުސަތު ދިނީ،" މަޝްހޫރު ލަވަކިޔުންތެރިޔާ ފަތޯ ވެސް މިއުޒިކް ކުޅެމުން އަންނަ ބްލޫ ނޭޗާ ބޭންޑުން ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން މާއިޝް ބުންޏެވެ.

އޭނާ ބުނީ އައިޑޮލްގެ ކުރިން ވެސް އަދި އައިޑޮލް އަށް ފަހު ވެސް އޭނާގެ ބޮޑު ސަމާލު ކަމެއް ދޭނީ ރިސޯޓް މިއުޒިކަށެވެ. އެއީ ރަނގަޅު އާމްދަނީއެއް ހޯދަން ބޭނުން ނަމަ މިއުޒީޝަނުންނަށް ހުޅުވިފައިވާ ރަނގަޅު ދޮރެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ޕީއެސްއެމުން ގަދަ 16 އަށް ދޭ ކޮންޓްރެކްޓް ވެސް އުފަލާއެކު ބަލައިގަންނާނެ ކަމަށް މާއިޝް ބުންޏެވެ.

"މުބާރާތުގައި ވާދަ ކުރިއިރު އަސްލު އަޅުގަނޑުގެ ޓާގެޓަކަށްވެފައި އޮތީ ގަދަ 10 އެއް. އެއީ މިދިޔަ އަހަރު ކޮންޓްރެކްޓް ލިބުނީ ގަދަ 10 އަކަށްވީމަ،" މާއިޝް ބުންޏެވެ.

އައިޑޮލްގެ ތަޖުރިބާ އަށް މާއިޝް ވެސް އެހެން ކުދިން ފަދައިން މަސައްކަތްކުރަމުން ގެންދަނީ އަމިއްލަ ރާގުގެ ލަވައެއް އެހުންތެރިންނާއި ފޭނުންނާ ހަމަ އަށް ގެނެސްދިނުމަށެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ އައިޑޮލްއެއް ނޫނޭ މީހާގެ މުޅި ކެރިއާއަކީ. އައިޑޮލް އަކީ މާއިޝް އަށް ލިބުނު ކުޑަކުޑަ ޖަމްޕް ސްޓާޓެއް. މުބާރާތުން ކުރިއަށް ނުދެވުނަސް މާއިޝް ގަބޫލުކުރާ ގޮތުގައި ޕަބްލިކުން މާއިޝް ބޭނުންވާ ވަރަށް ލޯބި ލިބިއްޖެ. ދެން އެ ހިސާބުން ޕަބްލިކުން (އަޅުގަނޑު) ބަލައިގަތީމަ ކުރިއަށްއޮތްތާނގައި ވަރަށް އަވަސް އަވަހަށް ފެނިގެންދާނެއޭ ބުނެލަން ބޭނުންވަނީ،" މާއިޝް ބުންޏެވެ.