އާއިލާއާއެކު މާލޭގައި ދިރިއުޅުނަސް ހަމްދާނަށް މޯލްޑިވިއަން އައިޑޮލްގެ ރަނުގެ ޓިކެޓް ހާސިލު ކުރެވުނީ ބ. އޭދަފުށީގައި މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި އޮޑިޝަނަކުންނެވެ. މި އޮޑިޝަނުގެ ޚަބަރު އޭނާ އަށް ލިބުނީ މާލޭގައި އުޅެފައި ޗުއްޓީއެއްގައި ރަށަށް ގޮސް އުޅެނިކޮށެވެ. އެއީ ރ. މީދޫ އެވެ. އެހިސާބުން ފެށި ދަތުރުގައި މޯލްޑިވިއަން އައިޑޮލްގެ އެކި ސްޓޭޖުތައް ފަތަހަ ކުރުމަށް ފަހު އެންމެ ފަހުން މުހައްމަދު ހަމްދާން މި ވަނީ އެތައް ބަޔަކު ރޮއްވާލުމަށް ފަހު އައިޑޮލްއާ ވަކިވެފަ އެވެ.
ނަމަވެސް އެންމެން ވެސް ބުނަނީ މިއީ އައިޑޮލްގެ މިހިސާބުން ކަޓައިގެންދާން ޖެހޭ ވަރަށް ވުރެން ވަރުގަދަ އަދި އެހާމެ ހިތްގައިމު އަޑެއްގެ ވެރިއެއް ކަމަށެވެ. އޭދަފުށީގައި ބޭއްވި އޮޑިޝަނަށް ފަހު ވެސް އެންމެ ގަދަ އަށް ތައުރީފު އޮހުނު އެއް ލަވަކިޔުންތެރިޔަކީ މިއީ އެވެ. އެ ދުވަހު އޭނާ ދެއްކި ހުނަރު ފެނިގެން ވެސް އެތައް ބަޔަކު ބުނަމުން ގެންދިޔައީ މިއީ އައިޑޮލްގެ ދަތުރުގައި ސީލިންގާ ހަމަ އަށް އަރައިގެންދާނޭ ލަވަކިޔުންތެރިއެއް ކަމަށެވެ. -- މިއީ "ޝަލަބީ" އެކޭ ވެސް އެއް ބަޔަކު ބުންޏެވެ.
ނަމަވެސް އެހެނެއް ނުވެ ހަމްދާންގެ ވާހަކަ މި ވަނީ މިހެން ލިޔަން ޖެހިފަ އެވެ. މިއީ ގާލާ ރައުންޑްގެ ފުރަތަމަ ބުރުގައި ޝަޒާއާ ވާދަކޮށް ކަޓައިގެން ދިޔަ 18 އަހަރުގެ ހަމްދާން ވެސް ހީކުރި ގޮތެއް ނޫނެވެ.
"އަސްލު އެންމެ ފުރަތަމަ ހުރެވުނީ ގަބޫލު ނުކުރެވިފައި. ކަޓައިގެންދާނެ ކަމަކަށް ހަމަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން،" އަވަސް ދިން އިންޓަވިއުއެއްގައި ހަމްދާން ބުންޏެވެ. "އަސްލު ވަރަށް ދެރަވި. ބޭނުންވެފައި ހުރީ އައިޑޮލް އިން ވަރަށް ކުރިއަށް ދާން. އުއްމީދުކޮށްގެން ހުރީ ޓޮޕް ތްރީއާ ހަމަ އަށް ދެވޭނެ ކަމަށް."
ހަމްދާނާ އެކު ޔަގީނަށް ވެސް ޓޮޕް ތްރީއެއްގެ ހުވަފެން އެތައް ބަޔަކު ބެލި އެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ފުރުސަތު ނުލިބުނަސް ހަމްދާން ބުނަނީ ލަވަ ކިޔުމާއިގެން ކުރިއަށް ދިއުން ނޫން ގޮތެއް މިހާރު ނެތް ކަމަށެވެ.
"ލަވަކިޔުމުގައި މިހިސާބުން ކަޓައިގެން ދިޔަޔަސް އަދި ނިމުނީކީއެއް ނޫން. ހަމްދާންގެ ލައިފުގައި އަދި މިހާތަނަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ އަކީ މޯލްޑިވިއަން އައިޑޮލް. އެއީ ވަރަށް މޮޅެތި ކުދިންތަކަކާ އެކުގައި މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބި ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެން ވެސް ހިނގައްޖެ،" ހަމްދާން ބުންޏެވެ. "ކަޓައިގެން ދިޔައީ ކީއްވެގެން ކަމެއް ބުނާކަށް ނޭނގޭ. ވޯޓު ދަށްވެގެންނޭ ނުވަތަ ކެމްޕޭން ރަނގަޅަށް ނުކުރެވިގެންނޭކޭ ވެސް. ކެޓިޔަސް ކުރިއަށް ދާން ވަރަށް ބޮޑަށް ހިތްވަރު ދިން ތިން ޖަޖުން ވެސް."
މިއީ ހަމްދާންގެ ލަވަކިޔުމުގެ ހަޔާތުގައި ޔަގީނަށް ވެސް އެހެން އުފާތަކެއް ލިބިގެން ދިޔަ ތަޖުރިބާއެކެވެ. އެގޮތުން ބަލާއިރު ލަވަކިޔުންތެރިޔަކަށްވުމަށް އޭނާ އަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔަ ހުނަރުވެރިކަން ގާތުން ފެނި އެ ލަވަކިޔުންތެރިއެއްގެ ނަސޭހަތް ގާތުން ލިބިގެން ދިއުމަކީ ހަމްދާނަށް ވަރަށް ހާއްސަ ކަމެކެވެ.
ހަމްދާންގެ އެ އިންސްޕިރޭޝަނަކީ އައިޑޮލްގެ ޖަޖު އަދި ކުޅަދާނަ މިއުޒީޝަން އިސްމާއިލް އައްފާނެވެ.
"އަސްލު އެންމެ ބޮޑަށް މިއުޒިކްގެ ތެރެއަށް ވަދެވުނީ އައްފާންގެ ލަވަތައް އަޑު އަހައިގެން. އަޅުގަނޑު ދެކޭ ގޮތުގައި މިހާތަނަށް ރާއްޖޭގައި އެންމެ ތަފާތު އާޓިސްޓަކަށް އުފެދުނު މީހަކީ އައްފާން. އޭނާގެ ލަވަކިޔުމާ މެދު އެއްޗެއް ބުނާ ނަމަ ބުނެވޭނީ މި އުޅޭ އެހެން ލަވަކިޔުންތެރިންނާ ވަރަށް ތަފާތޭ،" އައިޑޮލްގެ ތެރެއިން އައްފާނާ އަލަށް ދިމާވެ، އޮޑިޝަނުގައި ވެސް އައްފާންގެ ލަވައެއް ކީ ހަމްދާން ބުންޏެވެ.
"ވަރަށް ބޮޑު އިންސްޕިރޭޝަނެއް އައްފާނަކީ."
ހަމްދާން ބުނީ އައްފާނާއެކު މަސައްކަތެއްކޮށްލުމުގެ ފުރުސަތު މިހާތަނަށް ލިބިފައި ނެތަސް އެފަދަ ފުރުސަތެއްގައި މަސައްކަތްކޮށްލުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެކެވެ.