ކުޅިވަރު

ކޮލިފައިންނަށް ތައްޔާރުވާން އޮމާން ޓްރެއިނިންއަށް ކޭމްޕް ކޮށްފި

Mar 6, 2017

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނޭ، އޮމާން އިން ޓްރެއިނިން އަށް ކޭމްޕް ކޮށްފި އެވެ.

ރާއްޖެ އާއި އޮމާންގެ އިތުރުން ގުރޫޕް ޑީ ގައި ދެން ހިމެނެނީ، ފަލަސްތީނާއި ބޫޓާން އެވެ.

އޮމާންގެ ކޯޗް، ހޮލެންޑްގެ ޕިމް ވާބެކް ވަނީ، ޓްރެއިނިން ކޭމްޕަށް 26 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފަ އެވެ. ކޮލިފައިން ބުރުގެ މެޗުތައް ފެށުމުގެ ކުރިން އެޓީމުން ވަނީ ޓްރެއިނިންގެ ދެ ކޭމްޕެއް ބޭއްވުމަށް ހަމައްޖައްސާފަ އެވެ. މިހާރު ޓްރެއިނިންތައް ފަށާފައި ވަނީ ވެރިރަށް މުސްކެޓްގައި ހުންނަ ސްލްތާން ގުބޫސް ސްޕޮޓްސް ކޮމްޕެލްކްސްގަ އެވެ.

ދެ ވަނަ ޓްރެއިނިން ކޭމްޕް ބާއްވާނީ، މިމަހު 20 ވަނަ ދުވަހުން ފެށިގެން ނެވެ. އޮމާން ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 28 ވަނަ ދުވަހު އެޓީމު ބައްދަލު ކުރާނީ، ބޫޓާނާ ދެކޮޅަށެވެ. އެދުވަހު މާލޭގައި ރާއްޖެއިން ނިކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

އެ މެޗު ކުޅޭ ގޮތަށް، އޮމާންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހަމަޖައްސާފައި ވަނީ، ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދާ ސުލްތާން ގުބޫސް ސްޕޯޓްސް ކޮމްޕްލެކްސްގެ ފުޓްބޯޅަ ދަނޑުގަ އެވެ.

އަދި އެ މެޗަށް، ގިނަ ސަޕޯޓަރުން ވެއްދުމުގެ ގޮތުން އޮމާންގެ އެފްއޭއިން ނިންމާފައި ވަނީ، ހިލޭ ވަދެވޭ ގޮތަށް ހަމަޖައްސާފަ އެވެ.