ކުޅިވަރު

ގްރީންއަށް ދެ މެޗުން ހަތަރު ޕޮއިންޓް، ސޮބާ ހިތްހަމަ ޖެހޭ

Mar 6, 2017

ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރާ، ގްރީން ސްޓްރީޓަށް މިހާތަނަށް ކުޅުނު ދެ މެޗުގައި ހަތަރު ޕޮއިންޓް ލިބުމުން، އެކަމާ ހިތްހަމަޖެހޭ ކަމަށް، އެ ޓީމުގެ ކޯޗް ސޮބާހް މުހައްމަދު (ސޮބާ) ބުނެފި އެވެ.

އިއްޔެ ވެލެންސިއާއާ ދެކޮޅަށް، ގްރީން ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެން ނެވެ. ނަމަވެސް މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދީ ގްރީންގެ ކުޅުންތެރިން ނެވެ.

ސޮބާ ބުނީ، ވެލެންސިއާގެ މެޗަށް ވެސް ޓީމު ދަނޑަށް ނިކުތީ ތިން ޕޮއިންޓް ހޯދުމުގެ އަމާޒު ގައި ކަމަށެވެ. ނަމަވެސް މެޗުގައި ފެނުނު ކަންތައްތަކާއެކު އެއް ޕޮއިންޓް ލިބުމުން ވެސް ހިތް ހަމަޖެހޭ ކަމަށެވެ.

"މެޗު ބެއްލެވި ހުރިހާ ބޭފުޅުންނަށްވެސް އެނގިލައްވާނެ، މެޗުގައި ގިނަ ހަމަލާ އުފައްދާ، ގިނަ ޗާންސް އުފެއްދީ އަޅުގަނޑުމެންކަން ގްރީނުން ކަން، ވެލެންސިއާގެ ކީޕަރު ފައިސަލް އައުޓްސްޓޭޑިން، ދެން އެ ޓީމަށް އެ ލިބުނު ޗާންސް ބުނެވިދާނެ އަޅުގަނޑުމެންނަށް ކޮންސަންޓްރޭޝަން ދަށް ކޮށްދިޔަ ތަންކޮޅެއް ފަސޭހަ ކޮށްލައިގެން ތިބި ގަޑީގައި، ދެން މެޗުގައި މި ފެނުނު ކަންތައްތަކާ އެކު އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަޖެހޭ އެއް ޕޮއިންޓް ހިފައިގެން ގެއަށް ދާން ޖެހުނަސް،"

"ބުނެވިދާނެ މިދިޔަ އަހަރާއި ބަލާފައި، ވެލެންސިއާ އެހާ ސްޓްރޯންގެއް ނޫނޭ، ނަމަވެސް، އެޓީމުގައި އެބަތިބި ބޮޑެތިން ނަންތަކެއް ގައުމީ ޓީމު ލެވަލުގެ ވެސް ކުޅުންތެރިން ތަކެއް، އެހެންވެ އެ ޓީމާ ދެކޮޅަށް ގްރީންގެ ކުޅުންތެރިން އެދެއްކި ކުޅުމާއެކު ވަރަށް ބޮޑަށް ހިތްހަމަޖެހޭ، ހުރިހާ ދުވަހަކު ބޭނުންވާ ގޮތަކަށް ކަންތަތަކެއް ނުވާނެ، އެހެންވެ ހިތް ހަމަޖެހޭ،" ސޮބާ ބުންޏެވެ.

އޭނާ ބުނީ، މިހާތަނަށް ކުޅުނު ދެ މެޗުން ބަލިނުވެ، ކުރިއަށް ދިއުމަކީ ކުރިއަށް އޮތް މެޗަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ގްރީން އަށް ދެން އޮތީ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ. މިހާތަނަށް އެޓީމު ކުޅުނު ދެ މެޗުން، އެންމެ އިތުބާރާއެކު އޮތް ޓީމަކީ މާޒިޔާކަން ދޭހަ ވެއެވެ.

"އަޅުގަނޑަކަށް ނެތް މުބާރާތް ކާމިޔާބު ކުރަން، ނުވަތަ ދެން ޖެހިގެން އޮންނަ މުބާރާތް ކާމިޔާބު ކުރާ ވާހަކަ ދެއްކޭކަށް، މަޒިޔާއާ ދެކޮޅަށް ނިކުންނާނީ ރާއްޖޭގެ އޮތް އެންމެ ވަރުގަދަ ޓީމުކަން ދެނެގެން، އެޓީމާ ދެކޮޅަށް އެންމެ ރަނގަޅަށް ކުޅޭވޭނެ ގޮތަކީ ކޮބައިކަން ދެނެގެން،"

މާޒިޔާ އާއި ގްރީން ކުޅޭ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ގަ އެވެ.