ކުޅިވަރު

ޓެވަރޭސް މާ ތަފާތު ކޯޗެއް!

ނިއު ރޭޑިއަންޓްގެ ކޯޗް ޕޯޗުގަލްގެ ބެނާޑޯ ޓެވަރޭސް، އަކީ ފުރަތަމަ ޑިވިޝަންގެ ކުލަބު ތަކުން ފެންނަ އެންމެ ތަފާތު ކޯޗެވެ. ޕްރީ ސީޒަންގައި އޭނާގެ ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދިޔަ ގޮތާއި، ޕްރެކްޓިސް ޝެޝަންގައި ކުޅުންތެރިންނާ ބައްދަލުވެ މަރުހަބާ ކިޔާ ގޮތްވެސް އެންމެން ޝައުގުވެރި އެވެ. ޕްރީ ސީޒަންގައި ނިއުގެ ޕްރެކްޓިސްގައި ފާހަގަ ކުރެވުނީ، ޕްރެކްޓިސް ސެޝަންތަކުގެ ކޮންމެ ސެގްމެންޓެއް ވެސް ކުޅުންތެރިންނާ އިންޓަރެކްޓްވި ގޮތަކަށް ގެންގޮސް ކުޅުންތެރިންނަށް ހާނުވާލުމުގައި ޓެވަރޭސް ވަރުގެ ފައްކާ ޓެކްޓީޝަނެއް ނެތް ކަމެވެ.

ކޮންމެ މީހަކާ ބައްދަލުވާއިރު އަބަދުވެސް ހިނިތުން ވެފައި ހުންނަ، ޓެވަރޭސްގެ ވާހަކަ ތަކުން ދަސްވާ ފިލާވަޅަކީ، ދިވެހި ފުޓްބޯޅަ އަށް އޭނާގެ ޝައުގުވެރިކަން ހުރި ކަމެވެ. ކޮންމެ މެޗެއްގައި ވެސް އޭނާ ބޭނުން ވަނީ، ނިއުގެ ކުޅުންތެރިން ވަރުގަދަ އަށް ވިއްދައިގެން ކުޅުވާށެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި، ފަސޭހަ ޓީމެއް ނިއު އަކަށް ނުޖެހޭނެ އެވެ. ނިއުއާ ޖެހޭ ކޮންމެ ޓީމެއްވެސް އުނދަގޫ ވާނެ އެވެ.

ބޯޅަ ޑޮމިނޭޓް ކޮށްގެން، ގިނަ ޕާސްތަކެއް އުފައްދައިގެން ކުޅެ، މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުމުން އޭނާ އުފާ ކުރެއެވެ. ކުޅުންތެރިންގެ އުފަލުގައި އޭނާ ބައިވެރި ވެއެވެ. މީޑިއާގައި އެކަން ފާހަގަ ވެސް ކުރެ އެވެ. އޭނާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެހުރިހާ ކަމަކާއެކު ކޮންމެ މެޗެއްގައި ވެސް ނިއުގެ ކުޅުންތެރިންގެ ފަރާތުން އެންމެ މަތީ ޕާފޯމަންސް ފެނިގެން ދިއުމެވެ. އޭނާ ބޭނުން ވަނީ 100 ޕަސަންޓެވެ.

ޓަވަރޭސްގެ ބަހުން ނަމަ، އެކަމުގެ ފައިދާ އޮތީ، ހަމަ އެކަނި ނިއު އަކަށް ނޫނެވެ. އެހެން ކުލަބު ތަކަށާއި ދިވެހި ފުޓްބޯޅަ އަށްވެސް އޭގެ ފައިދާ ލިބިގެން ދާނެ އެވެ.

"ކުޅުންތެރިންގެ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ، އެކަމަކު އަހަރެންގެ ކުޅުންތެރިން ޖެހޭނެ މެޗަށް ވަރަށް ފާރަވެރިވާން، ހުރިހާ ވަގުތެއްގައި ވެސް އަހަރެން ބޭނުން ވަނީ ކުޅުންތެރިން ތޫނުފިލި ބަޔަކަށް ވުން، އެއީ އެންމެ ރަނގަޅަށް، އެހެން ކުލަބު ތަކަށްވެސް އަދި ދިވެހި ފުޓްބޯޅަ އަށްވެސް އަހަރެމެންނަށް އެހީތެރި ވެދެވޭނެ ގޮތަކީ،" އެންމެ ފަހުން ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ޓެވަރޭސް ބުންޏެވެ.

"ކުޅުންތެރިންގެ 100 ޕަސަންޓް ދޭން ޖެހޭނެ ކަމަށް މިވާހަކަ ދައްކަނީ ވެސް، އިދިކޮޅު ކުލަބު ތަކަށާއި ދިވެހި ފުޓްބޯޅަ އަށް ވެސް ރަނގަޅަކަށް، އަހަރެމެން 100 ޕަސަންޓް ދީފިއްޔާ، އިދިކޮޅު ޓީމުތައް ވެސް 100 ޕަސަންޓް ދޭން ޖެހޭނެ، އެގޮތަށް ކޮންމެ މެޗެއްގައި 100 ޕަސަންޓް ދޭން ބާރު އަޅާ ކަމަންވަންނާ ދެން ހުރި ހުރިހާ މެޗުތަކަށް އެކަން އާދަ އަކަށް ވެގެންދާނެ."

ނިއު އަށް ދެން އޮތީ، މި ސީޒަނަށް އެންމެ ލަހުން ތައްޔަރުވާން ފެށި، ޔުނައިޓަޑް ވިކްޓަރީ އެވެ. ލަހުން ފެށިޔަސް، ޓެވަރޭސްގެ އިހްތިރާމް ޔުވީ އަށް އެބައޮތެވެ. އެ ޓީމާ ދެކޮޅަށްވެސް އޭނާ ބޭނުން ވަނީ ކުޅުންތެރިންގެ 100 ޕަސަންޓެވެ.