ބޮލީވުޑް

"ޖައްގާ ޖާސޫސް" ގައި ސަޔާނީ އުމުރަށް ވުރެން ދެގުނަ ކުޑަ ރޯލަކުން

Mar 7, 2017

މިދިޔަ މަހުގައި ނިކުތް އަކްޝޭ ކުމާރު އާއި ހުމާ ގުރެއިޝީ ލީޑްރޯލުން ފެނިގެންދިޔަ "ޖޮލީ އެލްއެލްބީ 2" ގެ މުހިންމު ރޯލަކުން ސަޔާނީ ގުޕްތާ ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

އަންނަ މަހުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްގެ "ޖައްގާ ޖާސޫސް" ގެ ވެސް މުހިންމު ރޯލަކުން ސަޔާނީ ފެނިގެންދާނެ އެވެ.

"ޖައްގާ ޖާސޫސް" ގައި ސަޔާނީ ފެނިގެންދާނީ އުމުރުން 14 އަހަރުގެ އަންހެނުން ކުއްޖެއްގެ ރޯލުންނެވެ. އުމުރުން 32 އަހަރުގެ ސަޔާނީ ކުޅެނީ އޭނާގެ އުމުރަށް ވުރެން ގާތްގަނޑަށް ދެގުނަ ކުޑަ ރޯލެކެވެ. މި ފިލްމުގައި ކުޑަކުއްޖެއްގެ ރޯލު ކުޅެން ފުރުސަތު ލިބުމަކީ ސަޔާނީ ދެކޭ ގޮތުގައި އޭނާ އަށް މިހާތަނަށް ކުޅެން ލިބުނު އެންމެ ރަނގަޅު ރޯލެވެ.

"މިއީ އަހަރެންގެ އުމުރުގައި ވެސް ކުޅެން ލިބުނު އެންމެ ފުރިހަމަ ރޯލު. މި ފިލްމުގެ އެއްވެސް މީހަކަށް ވެސް އަހަރެން މިއީ 14 އަހަރުގެ ކުއްޖެއް ނޫން ކަމަށް ގަބޫލެއް ނުކުރެވޭ. އެހާވެސް ފުރިހަމަ އަށް ޑައިރެކްޓަރު އަނޫރާގް ބާސޫ ފިލްމުގައި އަހަރެން ދައްކާލަނީ" ސަޔާނީ ބުނެފައިވެ އެވެ.

މި ފިލްމުގައި 14 އަހަރުގެ ކުއްޖެއްގެ ރޯލު ކުޅުމަށް ސަޔާނީ ވަނީ އޭނާގެ އިސްތަށިގަނޑު ވެސް ކުރުކޮށް ކޮށާލާފަ އެވެ. އެންމެފުރަތަމަ މި ފލްމުގައި ސަޔާނީ ކުޅެން ޖެހޭ ރޯލަށް އިސްތަށިގަނޑު ކުރުކޮށް ކޮށާލަން ޑައިރެކްޓަރު އަނޫރާގް އެއްބަސްނުވި ނަމަވެސް ސަޔާނީ ބޭނުންވީ އިސްތަށިގަނޑު ކޮށާލާށެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން މި ފިލްމު އުފައްދަމުން އަންނައިރު، ވޭތުވެދިޔަ ދެ އަހަރުން ފެށިގެން ސަޔާނީ އަންނަނީ މި ފިލްމުގައި ކުޅުނު ރޯލަށް އިސްތަށިގަނޑު އެ ވަރަށް ބަހައްޓާފަ އެވެ.

"ޖައްގާ ޖާސޫސް" ރަންބީރް އާއި ކެޓްރީނާ ރުޅިވިފަހުން އެ ދެތަރިންގެ ނިކުންނަ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ރަންބީރު އޭނާގެ ގެއްލިފައިވާ ބައްޕަ ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ކެޓްރީނާއާ ދިމާވެ އެވެ.

މިދިޔަ އަހަރު ނިކުތް "ބާރް ބާރް ދޭކޯ" ގައި ސަޔާނީ ވަނީ ކެޓްރީނާ އާއެކު ފެނިގެން ގޮސްފަ އެވެ.