އޮބިޗުއަރީ

މައިޒާން އިބްރާހިމް މަނިކު އަވަހާރަވެއްޖެ

Mar 6, 2017
1

ރާއްޖެއަށާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ހިދުމަތްތެރިއެއް ކަމަށްވާ މައިޒާން އިބްރާހިމް މަނިކު މިރޭ އަވަހާރަވެއްޖެ އެވެ. އެމަނިކުފާނު އަވަހާރަވީ ސްރީލަންކާގެ ކޮލަމްބޯގެ ލަންކާ ހޮސްޕިޓަލުގައި މިރޭ 9:00 ޖަހާ އެހާކަންހާއިރު އެވެ.

އުމުރުފުޅުން 82 އަހަރުގައި އަވަހާރަވީ އާލާސް ކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ފާރުވާ ހޯއްދަވަމުން ގެންދެވީ ލޭ ގެ އާލާސްކަންފުޅަކަށެވެ.

މައިޒާން އިބްރާހިމް މަނިކަކީ ސަރުކާރުގެ ވަޒީފާގައި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ވަރަށް އަގުހުރި ހިދުމަތްތެރިއެކެވެ. އިބްރާހިމް މަނިކު އެންމެ ގިނަ ދުވަހު ވަޒީފާ އަދާކުރައްވާފައި ވަނީ ކުރީގެ ޕަބްލިކްވޯކްސް އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. ރާއްޖޭގެ ރަށްރަށުގެ ބަނދަރު ހެދުމާއި ފަޅުކޮނުމާއި ނެރު ގޮއްވުމާއި ރަށްރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުތަކާއި ބިން ހިއްކުމުގެ މަޝްރޫއުތަކުގައި އިސްކޮށް ހުންނަވައިގެން އިބްރާހިމް މަނިކު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެ ދާއިރާގައި ގާތްގަނޑަކަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އެވެ.

ކަސްޓަމްސްގަ އާއި ދާހިލީ ވުޒާރާގަ އާއި ބޮޑު ވަޒީރު އަދި ރައީސް އިބްރާހިމް ނާސިރުގެ އަރިހުގައި ވެސް މައިޒާން އިބްރާހިމް މަނިކު ހިދުމަތްތައް ކުރެއްވި އެވެ. މީގެ އިތުރުން އިބްރާހިމް މަނިކަކީ ހޭންވޭރު ކްލަބްގެ ފޯވާޑުގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ފުޓްބޯޅައިގެ އެންމެ މޮޅު ފޯވަޑެއްގެ ގޮތުގައި މަޝްހޫރުވެ ވަޑައިގަތް ބޭފުޅެކެވެ. ރާއްޖޭގެ ބައިސްކަލް ޗެމްޕިއަންގެ ގޮތުގައި ވެސް ވިދާލި ބޭފުޅެކެވެ. މީހުންނާ ވަރަށް ބޮޑަށް ސަމާސާ ކުރައްވާ ނޫސްވެރިންނާ ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ.

އިބްރާހިމް މަނިކު އަވަހާރަވި އިރު އަނބިކަނބަލަކާއި ހަ ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އޭގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ ދެ ފިރިހެން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ.