ބޮލީވުޑް

ކަރަން، ކަންގަނާ އަށް: ބޮލީވުޑްގައި ކެތް ނުވަންޏާ ދޫކޮށްދޭ!

Mar 8, 2017

ބޮލީވުޑްގެ ކުއީންގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ ބަތަލާ ކަންގަނާ ރަނާވަތު އަކީ ބޮލީވުޑްގެ ތަރިންނާ މާ ގާތްގުޅުމެއް އޮންނަ ތަރިއެއް ނޫނެވެ. އަބަދުވެސް ކޮންމެވެސް ތަރިއަކާ ގުޅޭގޮތުން އޭނާ ބުނާއެއްޗަކުން ބޮޑު ކޯޅުން ގަނޑެއް އުފެދިގެން އުޅޭއިރު ކަންގަނާ އަކީ އޭނާގެ ހިތަށް އަރާ އެއްޗެއް ދުލާ ހަމައަށް ފަސޭހައިން ގެން ތަރިއެކެވެ.

ކަންގަނާ ފިލްމީ ދާއިރާގެ ފަރާތްތަކާ ޒާތީ ގޮތުން ޖައްސާލާ ކަމުގެ އަޑުތައް އަބަދު އަރާއިރު، އޭނާ އާއި ރިތިކްގެ ބޮޑު ކޯޅުން ގަނޑު ނުނިމެނީސް މިވަނީ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރާ ކަންގަނާ ޖެހިގަނެފަ އެވެ.

ކަރަން ހޮސްޓްކުރާ ސެލެބްރިޓީ ޓޯލްކް ޝޯގައި ޝާހިދު ކަޕޫރާއި ސައިފް އަލީ ޚާނާއެކު ކަންގަނާ ބައިވެރިވެ ވަނީ ކަރަންއަކީ ހަމައެކަނި ފިލްމީ ތަރިންގެ ދަރިން ނުވަތަ އިންޑަސްޓްރީ އަށް ނިސްބަތްވާ މީހުންގެ ދަރިން ޕްރޮމޯޓްކޮށް އެމީހުންނަށް އެ ދާއިރާއިން ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރާ މީހެއް ކަމަށް ބުނެފަ އެވެ. އަދި ކަރަން އަކީ ބޮލީވުޑްގެ ހުރިހާ ކަމަކަށް އެންމެ ނުފޫޒު ފޯރުވާ މީހާ ކަމަށް ވެސް ކަންގަނާ ވަނީ ބުނެފަ އެވެ.

ކަރަންގެ ޝޯގައި ކަންގަނާ އޭނާ އަށް ތުހުމަތުކޮށް ވާހަކަ ދެއްކި ނަމަވެސް ކަރަން އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއްނުވެ އެވެ.

ނަމަވެސް ކަރަން މިވަނީ ކަންގަނާގެ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދީފަ އެވެ. ލަންޑަނުގައި ކަރަން ވަނީ ކަންގަނާ އަބަދުވެސް އުޅެނީ މީހުން ސަމާލުކަން ހޯދަން ކަމަށާއި އޭނާ އަބަދުވެސް އުޅެނީ އަނިޔާ ލިބޭ މީހަކަށް ވެގެން ކަމަށް ބުނެފަ އެވެ.

"ކަންގަނާ އަބަދުވެސް ބުނަނީ އޭނާ އަކީ އަންހެންނަކަށް ވާތީ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް، އޭނާއަށް އަބަދުވެސް ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށް، އެކަމަކު އެހެން އަބަދު ނުވާނެ، އަބަދު އެފަދަ ވާހަކަތައް ކިޔައިގެން ހަމްދަރުދީއެއް ނުހޯދޭނެ، ފިލްމް އިންޑަސްޓްރީ އެހާ ތަފާތުކުރުން ގެންގުޅޭ ކަމަށް ހީވާނަމަ އިންޑަސްޓްރީ ދޫކޮށް ދޭ،" ކަރަން ބުނެފައިވެ އެވެ.

ކަރަން އިތުރަށް ވަނީ ބޮލީވުޑްގެ މާފިޔާގެ ގޮތުގައި ކަންގަނާ އޭނާ ސިފަކުރާއިރު މިހާތަނަށް އޭނާ ބޮލީވުޑަށް ނެރެފައިވަނީ އެންމެ ތިން ތަރިން ކަމަށެވެ. ބޮލީވުޑަށް ނިސްބަތްނުވާ ކުދިން ވެސް އެހެން ފިލްމު އުފައްދާ ފަރާތްތަކުން މި ދާއިރާ އަށް ނެރޭއިރު އެމީހުންގެ ވާހަކަ ކަންގަނާ ނުދެއްކީ ކީއްވެގެންތޯ އެވެ.

"އަހަރެން ވަކި ބަޔަކަށް ފިލްމުތަކުން ފުރުސަތު ދޭ ކަމަށްވަނީ ކަންގަނާ އަށް އަހަރެން ފިލްމަކުން ރޯލެއް ނުދޭތީ. އަހަރެންގެ ފިލްމަކުން ކަންގަނާ އަށް ފުރުސަތު ނުލިބެނީ އަހަރެން އޭނާ އާއެކު ފިލްމެއް އުފައްދަން ޝައުގުވެރިކަމެއް ނެތީމަ" ކަރަން ބުނެފައިވެ އެވެ.