ކުޅިވަރު

ބާސާ ނިކުންނަނީ ތާރީހު ބަދަލު ކުރަން

Mar 7, 2017

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، ފްރާންސްގެ ޕީއެސްޖީ އަތުން، 4-0 ގެ ނަތީޖާ އަކުން ބާސެލޯނާ، ބަލިވުންމުން އެންމެނަށް ލިބުނީ ޝޮކެކެވެ. އެހާ ތަފާތު ބޮޑުކޮށް ބާސާ ބަލިވެ ދާނެ ކަމަށް އެއްވެސް މީހަކު ހިއެއް ނުކުރެ އެވެ. ކުއާޓާ ފައިނަލަށް ބާސާ ދާން ބޭނުން ނަމަ، އެޓީމަށް އޮތީ ބުރަ މަސައްކަތެވެ. ތަފާތު ބޮޑު ނަތީޖާ އެއް އަނބުރާ ލުމެވެ.

ޗެމްޕިއަންސް ލީގްގެ ތާރީހުގައި، އެ މުބާރާތުގެ ދެ ވަނަ ބުރުގައި 4-0 ގެ ނަތީޖާ، އެއްވެސް ޓީމަކަށް އަނބުރާ ލެވިފަ އެއް ނުވެ އެވެ. ސުވާލު އުފެދެނީ، އެހެން ވެއެވެ. ނަމަވެސް، ބާސާގެ އެޓޭކިންގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ، ވައިސް ކެޕްޓަން ލިއޮނަލް މެސީ އާއި ނޭމާ ގަބޫލު ކުރާ ގޮތުގައި، ބާސާ އަށް އެކަން ކުރެވިދާނެ އެވެ. އަދި އެ ދެކުޅުންތެރިން، ސަޕޯޓަރުންނަށް ވިސްނައި ދެމުން ދަނީ ވެސް، ބާސާ އަށް އެކަން ކުރެވޭނެ ކަމަށެވެ.

ޕީއެސްޖީ އަތުން، އެ ނަތީޖާއިން ބަލިވުމުން، ގިނަ ބަޔަކު ހީކުރީ ބާސާގެ ޒަމާން ދިޔައީ ކަމަށެވެ. ނަމަވެސް، އެކަން ވީ އެހެނެއް ނޫނެވެ. އެ މެޗަށް ފަހު، ބާސާގެ ތެރޭގައި އެ ޓީމުގެ ކޯޗް އުފެއްދި ރޫހު މާ ގަދަވެެގެން ދިޔަ އެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން ތަފާތު ބޮޑުކޮށް ދެ މެޗުން، މޮޅުވި އެވެ. އެ ހަތަރު މެޗުގައި، އެޓީމުން ވަނީ 14 ލަނޑު ޖަހާފަ އެވެ. އެޓީމު ކޮޅަށް ވަނީ ތިން ލަނޑެވެ. ސްޕެނިޝް ލީގްގެ އެއް ވަނަ މަގާމު، ވާދަވެރި ރެއާލް މެޑްރިޑް އަތުން ދަމައިގަނެ، އެއް ވަނަ އަށް އެރި އެވެ.

އެހެންވެ، މެސީ އާއި ނޭމާ ވެސް ސަޕޯޓަރުންނަށް ވިސްނައި ދެމުން ދަނީ ޕީއެސްޖީގެ މައްޗަށްވެސް ބާސާ އަށް ގަދަވެ ގަނެވޭނެ ކަމެވެ. އޭގެފަހުން، ބާސާގެ ނަތީޖާ ތައް ރަނގަޅު ވުމަކީ، މެސީ އާއި ނޭމާ އަށް އޮތް ބޮޑު އުންމީދެކެވެ.

ބާސާގެ ކޯޗް ލުއިސް އެންރީކޭ، ގެ އޮތީ އެކަން ކުރެވޭނެ ކަމުގެ ނުގުޑާ ފަދަ ޔަގީން ކަމެކެވެ.

"އަހަރެންގެ އެބައޮތް ނުގުޑާ ފަދަ ޔަގީން ކަމެއް އަހަރެމެންނަށް މިކަން ކުރެވޭނެ ކަން،" ލުއިސް އެންރީކޭ ބުންޏެވެ.

އެ މެޗު ކާމިޔާބު ކުރުމަށް، ބާސާއިން އޮތީ ރިސްކު ނަގަން ތައްޔާރަށެވެ. ސަޕޯޓަރުންގެ އެހީތެރިކަމާއެކު، އަމިއްލަ ދަނޑުގައި ބާސާ އަށް އެކަން ނުކުރެވެންވީ ސަބަބެއް ނެތެވެ.

"އެމީހުންނަށް އަހަރުމެން ފަސޭހައިން ބަލި ކުރުމަކީ އާދައިގެ ކަމެއް ނޫން، އަހަރެމެންގެ މަގުސަދަކީ މެޗުގެ 90 މިނެޓް ތެރޭގައި އަހަރެމެން ކޮޅަށް ނަތީޖާ އަނބުރާލުން،" އެންރީކޭ ބުންޏެވެ.

ފުރަތަމަ ލެގް މެޗަށް ފަހު، ޕީއެސްޖީ އަށް ލިބުނީ އުނދަގޫ ނަތީޖާ ތަކެކެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވީ އެވެ. ނަމަވެސް އޮލިމްޕިކް މާސޭއާ ދެކޮޅަށް އެޓީމުން ވަނީ ތަފާތު ބޮޑު ކޮށް މޮޅުވެފަ އެވެ. ނަމަވެސް، ދެން ކުޅުނު ދެ މެޗުން އެޓީމަށް ލިބުނީ އުނދަގޫ މޮޅެ ކެވެ.