ކުޅިވަރު

ރޭންކިންގެ ގަދަ ތިނެއްގައި ހިމެނުން އޭއެފްސީކަޕަށް ހިތްވަރެއް

އޭއެފްސީ ކުލަބު ރޭންކިންގައި، މާޒިޔާ އަށް ދެކުނު އޭޝިއާ ސަރަހައްދުގެ ތިން ވަނަ ލިބުމަކީ، އޭއެފްސީ ކަޕަށް ނުކުންނަ އިރު، އެ ޓީމަށް ލިބޭނެ ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށް، މާޒިޔާގެ ކޯޗް މަރުޔަން ސްކޮލަސްކީ ބުނެފި އެވެ.

އޭއެފްސީ، ކުލަބު ރޭންކިންގައި، މިއަހަރު މާޒިޔާ އަށް ލިބުނީ ރޭންކިންގެ 89 ވަނަ އެވެ. މެޗެއް ނުކުޅެ އޮތުމުން އެ ޓީމު ވަނީ 12 ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. ނަމަވެސް، އޭއެފްސީ ކަޕްގެ ރަނަރަފު އިންޑިއާގެ ބެންގަލޫރު އެފްސީ އާއި މޯހަންބަގާންގެ ފަހަތުން މާޒިޔާ އަށް ލިބުނީ ތިން ވަނަ އެވެ.

ބެންގަލޫރު އެފްސީ އޮތީ، ރޭންކިންގެ 59 ވަނައިގަ އެވެ. އެ ޓީމުވެސް މެޗެއް ނުކުޅެ އޮތުމުން ވަނީ 12 ދަރަޖައިގެ ވެއްޓުމެއް ކުރިމަތި ވެފަ އެވެ. މޯހަންބަގާން އޮތީ 78 ވަނައިގަ އެވެ. އެ ޓީމަށް ވެސް ވަނީ ރޭންކިންގެ ހަ ދަރަޖައިގެ ވެއްޓުމެއް ކުރިމަތި ވެފަ އެވެ.

އޭއެފްސީ ރޭންކިންއާ ބެހޭގޮތުން އަވަސްއާ ވަހަކަ ދައްކަމުން ސްކޮލަސްކީ ބުނީ ރޭންކިން އަކީ ހަމަ އެކަނި ނަންބަރެއް ކަމަށާއި، ނަމަވެސް އެއީ ހިތް ވަރެއް ކަމަށެވެ.

"ރޭންކިން އަކުން މާބޮޑު ފައިދާއެއް ނުކުރާނެ، އަހަރެމެން ނަށް މެޗަށް ރަނގަޅަށް ތައްޔަރުވެ ނަތީޖާ ނެރެވުނީމަ އޭގެ ފައިދާ ކުރާނީ،" ސްކޮލަސްކީ ބުންޏެވެ.

އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި މެޗުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި އެޓީމު ވާދަ ކުރާނީ، ބަންގުލަދޭޝްގެ އަބްހާނީ ލިމިޓެޑާ ދެކޮޅަށް ށެވެ. އެ ގައުމުގައި ކުޅޭ މި މެޗް އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު ރާއްޖޭގަޑިން 5:30 ގަ އެވެ.

އޭގެ ކުރިން، މަލޭ ލީގްގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ، މާޒިޔާ ނިކުންނާނީ ގްރީން ސްޓްރީޓާ ދެކޮޅަށެވެ.

ސްކޮލަސްކީ ބުނީ، މިވަގުތު މާޒިޔާގެ ހުރީ ފޯކަސް އެއް ހުރީ، ގްރީންގެ މެޗަށް ކަމަށާއި ޕްރެކްޓިސް ވެސް ކުރިއަށް ގެންދަނީ، އެމެޗަށް އަމާޒު ކޮށްގެން ކަމަށެވެ.

ސީޒަންގައި މާޒިޔާ ކުޅުނު ދެ މެޗުގައި، އެޓީމަށް ވަނީ ބޮޑު އިތުބާރެއް ލިބިފަ އެވެ. އެއީ މިހަތަނަށް ލަނޑެއް ނުވަންނަ ހަމަ އެކަނި ގޯލަކީ މާޒިޔާގެ ގޯލެވެ.

"އެއީ އަހަރެމެންގެ ޓީމު ވޯކް، މާޒިޔާގެ އެންމެ ބޮޑު ސިއްރަކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާކަން، އަހަރެމެން ޑިފެންސް ކުރަނީ މުޅި ޓީމު އެކުގައި، ހަމަލާ އުފައްދަނީ މުޅި ޓީމު އެކުގައި،" ސްކޮލަސްކީ ބުންޏެވެ.