ބޮލީވުޑް

ރަންބީރާ ހެދި ކެޓްރީނާއާ ކަރަންގެ އެކުވެރިކަން ނިމުމަކަށް؟

Mar 8, 2017

މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު، ކަރަން ޖޯހަރާއި ބަތަލާ ކެޓްރީނާ ކައިފްގެ އެކުވެރިކަން ބަދަހިވީ މިދިޔަ އަހަރު ނިކުތް "ބާރް ބާރް ދޭކޯ" އަށް ފަހު އެވެ. ކަރަން އުފެއްދި އެ ފިލްމަށްފަހު ކަރަން އާއި ކެޓްރީނާ އެކުވެރިކަން ބަދަހިވެގެން ގޮސް ކަރަން ވަނީ އޭނާ އަލަށް އުފައްދަން ނިންމާފައިވާ ފިލްމެއްގެ ލީޑްރޯލު ވެސް ކެޓްރީނާ އަށް ހުށަހަޅާފަ އެވެ.

ނަމަވެސް ބޮލީވުޑްގެ އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ކެޓްރީނާ އާއި ކަރަންގެ ގާތް އެކުވެރިކަން އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ ހެދި ވަނީ ނިމުމަކަށް އައިސްފަ އެވެ.

ބުނެވޭ ގޮތުގައި ކަރަން ދެން އުފައްދާ ފިލްމެއްގެ ލީޑްރޯލު ކުޅެން ރަންބީރު ވަނީ ހަމަޖައްސާފަ އެވެ. އެކަމުގެ ސަބަބުން ރަންބީރް އާއި ކަރަންގެ އެކުވެރިކަން ބަދަހިވެ، އެދެމީހުން އެކުގައި ފެންނަލެއް މިފަހުން ވަނީ އިތުރުވެފަ އެވެ. ރަންބީރް އާއި ކަރަންގެ ގުޅުން ބަދަހިވުމުގެ ސަބަބުން ކަރަން އާއި ކެޓްރިނާގެ އެކުވެރިކަމަށް އެކަމުގެ ހިޔަނި އެޅި ދެމީހުން ގުޅުން ވަނީ ވަރަށް ގޯސްވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ކެޓްރީނާ ވެސް ވަނީ އޭނާއާ ކަރަންގެ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ދުރުކޮށްލާފަ އެވެ.

އެގޮތުން ކެޓްރީނާ އަށް ކަރަންގެ ފިލްމަކުން ލިބިފައިވާ ފުރުސަތު ވެސް އޭނާ އަށް ގެއްލިފައިވާ ކަމަށްވާއިރު، އެ ފިލްމު ކެޓްރީނާ އަށް ގެއްލުމުގެ އެންމެ ބޮޑު ރޯލެއް ކުޅެފައިވަނީ ރަންބީރެވެ. އެގޮތުން ކަރަން ވަނީ ކެޓްރީނާ ބަތަލާގެ ރޯލުގައި ހިމަނައިގެން އުފައްދަން ނިންމާފައިވާ ފިލްމު އުފެއްދުން ވަގުތީ ގޮތުން މަޑުޖައްސާލާފަ އެވެ.

ކަރަން އެންމެފަހުން ޑައިރެކްޓްކުރި ފިލްމު، 'އޭ ދިލްހޭ މުޝްކިލް" ގެ ލީޑްރޯލުން ވެސް ރަންބީރު ވަނީ ފެނިގެން ގޮސްފަ އެވެ. އެ ފިލްމުގެ ފަހުން ކަރަން އަށް ވަރަށް ހާއްސަ މީހަކަށް ރަންބީރު ވެފައިވާއިރު، ރަނގަޅު ފިލްމުތަކުން ރޯލުތައް ރަންބީރަށް ހޯދައިދޭން ވެސް ކަރަން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކަރަން ދެން ޑައިރެކްޓްކުރާ ފިލްމުގެ ލީޑްރޯލު ކުޅެން ރަންބީރު މިހާރު ވެސް ހަމަޖައްސާފައިވާއިރު، ރަންބީރު ދެން ކުޅޭ ސުޕަހީރޯ ފިލްމު "ޑްރެގަން" ގެ ޕްރޮޑިއުސަރަކީ ވެސް ކަރަން އެވެ.