ބޮލީވުޑް

"ނޫރް" ޓްރެއިލާ: ސޮނާކްޝީ މުޅިން ތަފާތު ރޯލަކުން

Mar 8, 2017

"ދަބަންގް" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ސޮނާކްޝީ ސިންހާ އަކީ މިހާރު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން އެކްޝަން ފިލްމު ކުޅެން އެންމެ ކުޅަދާނަ ބަތަލާ އެވެ.

މިހާތަނަށް ސޮނާކްޝީ ގިނައިން ފެނިގެން ގޮސްފައިވަނީ ވެސް ފިސާރި ވަރުގަދަ ރޯލުތަކުންނެވެ.

އެކްޝަން ފިލްމުތައް ކުޅެން ލޯބިކުރާ ސޮނާކްޝީގެ އަންނަ މަހު ރިލީޒްކުރާ ފިލްމު "ނޫރް" އަކީ އޭނާ މުޅިން ތަފާތު ރޯލަކުން ފެނިގެންދާނެ ފިލްމެކެވެ. އެގޮތުން މި ފިލްމުގައި ސޮނާކްޝީ ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ.

މިފިލްމަކީ ޕާކިސްތާނުގެ ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ސަބާ އިމްތިއާޒް 2014 ވަނަ އަހަރު ލިޔެފައިވާ ކޮމެޑީ ތްރިލާ ވާހަކަ، "ކަރާޗީ، ޔޫއާ ކިލިން މީ" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ސޮނާކްޝީ ފެނިގެންދާނީ އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ޒުވާން ނޫސްވެރިއެއްގެ ރޯލުންނެވެ.

"ނޫރް" ގެ ފުރަތަމަ ޓްރެއިލާ އިއްޔެ ރިލީޒްކޮށްފައިވާއިރު، ސޮނާކްޝީ ފެނިގެންދަނީ ވަރަށް ސަކަ މިޒާޖެއްގެ ނޫސްވެރިއެއްގެ ގޮތުގަ އެވެ. ގާތްގަނޑަކަށް ވިހި އަހަރުގެ ޒުވާން އަންހެން ކުއްޖެއްގެ ރޯލުން ސޮނާކްޝީ ފެނިގެންދާއިރު، މި ފިލްމުގައި އޭނާ ކުޅެފައިވާ ކެރެކްޓާ އަކީ އަމިއްލަ މީހާ އަކީ ވަރަށް ފަލަ މީހެއްގެ ގޮތުގައި ދެކި އަދި ދިރިއުޅުމާ މެދު ފޫހިވެ ރަނގަޅު ބައިވެރިޔަކު ހޯދުމަށް މަސައްކަތްކުރާ ނޫރްކިޔާ އަންހެން ކުއްޖެއްގެ ރޯލުންނެވެ.

ނޫސްވެރިއެއްގެ ގޮތުގައި ނޫރް އަކީ އަބަދުވެސް ހަގީގީ ވާހަކަތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭން ކޮންމެ ގޮންޖެހުމަކާ ވެސް ކުރިމަތިލާން ތައްޔާރަށް ހުންނަ މީހެކެވެ. އެކަން މި ފިލްމުގެ ޓްރެއިލާ ބަލާމުލުން ވެސް އެނގެ އެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރާ "ނޫރް" ގެ ޑައިރެކްޓަރަކީ ސުނިލް ސިޕީ އެވެ. މި ފިލްމުގައި ސޮނާކްޝީގެ އިތުރުން މުހިންމު ރޯލަކުން ޕޫރަބް ކޮލީ ވެސް ފެނިގެންދާނެ އެވެ.