އޮބިޗުއަރީ

ކަނދޮޅުދޫ ވަހީދު އަވަހާރަވެއްޖެ

Mar 8, 2017
2

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ވަރަށް ގިނަ ދުވަސްތަކެއްވަންދެން އަގު ހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ހިދުމަތްތެރި އަދި ވިޔަފާރިވެރިއެއް ކަމަށްވާ ކަނދޮޅުދޫ އަހުމަދު ވަހީދު (ކަނދޮޅުދޫ ވަހީދު) އަވަހާރަވެއްޖެ އެވެ. ވަހީދު އަވަހާރަވީ މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

ވަހީދު އަވަހާރަވީ މިއަދު ހެނދުނު އޭނާގެ ގެ، ގ. ވައްފުށީގަ އެވެ. އެއްވެސް އާލާސްކަންފުޅެއްގައި އުޅުއްވާފައެއް ނޫނެވެ.

ޔުނިވާސަލްގެ އިސް މަގާމެގައި ހުންނަވައިގެ ޓޫރިޒަމް ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި އިރު އޭނާ ސާމިލުވާ ވިޔަފާރީގެތެރޭއި ރ. އަތޮޅު މާމިގިލި ރިސޯޓް ހިނގުމާއި އިފްރު އެއާޕޯޓް ހިންގުން ފަދަ ވިޔަފާރިތައް ވެސް ހިމެނެ އެވެ.

ވަހީދަކީ ރައީސް މައުމޫންގެ ސަރުކާރުގެ ދުވަސްވަރު ޓޫރިޒަމާއި އިގްތިސޯދީ ކަންކަމުގައި ސަރުކާރަށް ވަރަށް ގިނަ ލަަފާތައް އަރުވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގައި ޑޮމެސްޓިކް އެއާޕޯޓްތައް އެޅުމުގެ ޕްލޭނެއް އަމިއްލަފުޅަށް ލިޔުއްވައި ޖިއޮގްރަފީ ގޮތުން ރާއްޖޭގައި ޑޮމެސްޓިކް އެއާޕޯޓްތައް އަޅަންޖެހޭނެ ކަމަށް ފާހަގަ ކުރެވޭ ރައްތަކުގެ ލިސްޓަކާއެކު އަމިއްލަފުޅަށް ދިރާސާއެއް ހައްދަވާ ސަރުކާރާ ހިއްސާ ކުރައްވާފައި ވެއެވެ. އޭނާ އެ ދިރާސާ ހެއްދެވި އިރު ރާއްޖޭގައި ހުޅުލެ އާއި އައްޑު އަތޮޅު ގަން ނޫންތަނެއް އެއާޕޯޓެއް ނޯވެ އެވެ. ޓޫރިޒަމަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން ސަރުކާރުން އޭނާގެ އަގު ވަޒަންކޮށް އެވޯޑް ދެއްވާފައި ވެއެވެ.

ވަހީދު އަވަހާރަވި އިރު ތިން އަންހެން ބޭފުޅުންނާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ވަހީދުގެ ބޭބެ އެވެ. އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު މުހައްމަދު އާތިފުގެ ބައްޕަ އެވެ.

ވަހީދު މިއަދު އަވަހާރަވި އިރު އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވާ މައިޒާން އިބްރާހިމް މަނިކު މީގެ ދެދުވަސް ކުރިން ވަނީ އަވަހާރަވެ އެވެ.