ކުޅިވަރު

ޓީމެއްގެ ގޮތުގައި ޔޫވީ މާ ނުރައްކާ، ނިއުއިން ސަމާލު ވާނެ

Mar 8, 2017

ޔުނައިޓަޑް ވިކްޓަރީގައި ތަފާތު މޮޅު ކުޅުންތެރިޔެއް ނެތް ނަމަވެސް، ޓީމެއްގެ ގޮތުގައި އެ ޓީމު މާ ނުރައްކާ ކަމަށާއި، މާދަމާ ކުޅޭ މެޗުގައި ނިއުރޭޑިއަންޓުން ސަމާލުވާނެ ކަމަށް، ނިއުގެ ކޯޗް ބެނާޑޯ ޓެވަރޭސް ބުނެފި އެވެ.

މާދަމާ އަކީ، މި ދެ ޓީމު ވެސް ލީގްގައި ކުޅޭ ދެ ވަނަ މެޗެވެ. ނިއު، ކުޅުނު ފުރަތަމަ މެޗުގައި، ވާދަވެރި ވިކްޓަރީ އަތުން ވަނީ، 3-1 ން މޮޅު ވެފަ އެވެ. ޔޫވީ، އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން، ބަލިވީ 2-0 ން ނެވެ.

ޓެވަރޭސް، ބުނީ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ޔޫވީ ޓީމުން ފާހަގަ ކުރެވުނު އުނިކަންކަން، އެ ޓީމުން ރިކަވާ ކޮށްފައިވާނެ ކަމަށާއި، އެ މެޗުގައި ވެސް އެ ޓީމުގައި ހަލުވި ކުޅުންތެރިންތަކެއް ތިބިކަން އޭނާ އަށް ފާހަގަ ކުރެވުނު ކަމަށެވެ. އަދި ނިއު އިން ހަމަލާ އުފައްދަން ކުރިއަށް ޖެހޭވަގުތު ލިބޭ ފުރުސަތެއްގައި އެ ޓީމުން ނުރައްކާ ކޮށްފާނެ ކަމުގެ ބިރުވެސް އެބައޮތް ކަމަށެވެ.

"އެ ޓީމުގައި މެސީ އަކާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެއް ނެތް، އެކަމަކު އަހަންނަށް ފެނުނީ ޓީމެއްގެ ގޮތުގައި ނުރައްކާ ކުރާ ޓީމެއް، މިއީ ކަންނޭންގެ މިދިޔަ ސީޒަންގައިވެސް އެމީހުންގެ އޮތް އެންމެ ބޮޑު ހަތިޔާރަކީ. ވަރުގަދަ ތަރިއެއް އެމީހުންގެ ނެތް، ނަމަވެސް އެ މީހުންގެ އޮތީ ޓީމެއްގެ ގޮތުގައި ނުރައްކާ ޓީމެއް،"

"ވަކި ކުޅުންތެރިޔަކާ ފާރަވެރިވާކަށް އަހަރެމެންނަކަށް ނުޖެހޭ، އެހެން ނަމަވެސް، މި ޖެހުނީ ޓީމަކާ މެދު ވަރަށް ބޮޑަށް ސަމާލުވާން،" މާދަމާ ކުޅޭ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޓެވަރޭސް ބުންޏެވެ.

ޔޫވީ އާއި ނިއު ކުލޭ މެޗު އޮންނާނީ، މާދަމާ ހަވީރު އެވެ.

ހަވީރު މެޗު ކޫޅޭން ޖެހުމުން މެޗުގެ ޓީމުގެ އޮއިވަރަށް ބަދަލު އަންނާނެ ކަން، ޓެވަރޭސް ފާހަގަ ކުރިއެވެ. އަދި އެކަމުގެ ސަބަބުން ކުޅުންތެރިންގެ ކިބައިން އެންމެ މަތީ ޕާފޯމަންސް ނުފެނިދާނެ ކަމުގެ ކަންބޮޑުވުން، އޭނާ ފާހަގަ ކުރި އެވެ.