ކުޅިވަރު

މާލޭލީގްގެ ޝެޑިއުލް އޮތްގޮތުން ބައެއް ޓީމުތަކަށް ގެއްލުން!

Mar 8, 2017

މާލޭ ލީގްގެ ޝެޑިއުލް އޮތް ގޮތުން، ޓީމުތަކުގެ މެދުގައި ހަމަހަމަ ކަމެއް ނެއް ކަމަށް ބުނެ ޔުނައިޓަޑް ވިކްޓަރީގެ ކޯޗް އަހްމަދު އާތިފް (އާތީ) ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިއަދު ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އާތީ، ބުނީ، އަށް ޓީމު ވާދަ ކުރާ ލީގެއް ގައި، ޓީމުތަކުގެ މެދުގައި ހަމަހަމަ ކަން ނުގެންގުޅެންވީ ސަބަބެއް ނެތް ކަމަށާއި އެފްއޭއެމުން ޓީމުތަކުގެ މެދުގައި ބެލެންސެއް ގެންގުޅެން ޖެހޭނެ ކަމަށެވެ.

އެހެން ބައެއް ޓީމު ތަކުން ވެސް ވަނީ، ހަވީރު މެޗު ކުޅެން ޖެހުމުން، އުނދަގޫ ވާނެ ކަން ހާމަ ކޮށްފަ އެވެ. ނަމަވެސް، ހަވީރު މެޗުތައް ޝެޑިއުލް ކުރުމުގައި، ޓީމުތަކުގެ މެދުގައި ހަމަހަމަ ކަން ނުގެންގުޅޭ މައްސަލަ، އާތީ ވަރަށް ބޮޑަށް ފާހަގަ ކުރި އެވެ.

"އޮޑް ނަންބަރެއް ހިމެނޭ އަދަދަށް ޓީމުތައް ހިމެނޭނަމަ، އުނދަގޫ ވެދާނެ، އެހެން ނަަމަވެސް، އޮޑް ނަންބަރެއް ނީނދޭ، އަށް ޓީމު ހިމެނޭ އިރު، އަހަންނަށް ހީވަނީ ހަވީރު މެޗެއް ރޭގަނޑު މެޗެއް، ނުވަތަ ރޭގަނޑު މެޗެއް ނުވަތަ ހަވީރު މެޗެއް ބެލެންސް ކުރެވެން ޖެހޭނެ ހެން، އެހެން ނޫނިއްޔާ ބައެއް ޓީމުތަކަށް މީގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވާނެ،"

"އީގަލްސް އަށް ބަލާލާއިރު މި ރައުންޑްގައި އެންމެ މެޗެއް ރޭގަނޑު ކުޅެން އިނީ، މިވަރު ވީމަ ކަމަކު ނުދޭ، މިވަރު ވީމަ އެނގިގެން ނަމަވެސް މިއީ ވަކި ފަރާތަކަށް ޖެހުން ކަން ނޭނގެ، މިއީ އެއްގޮތަކަށް ވެސް މުބާރާތެއްގެ ޑްރޯ ހަދާއިރު އިންނަން ޖެހޭނެ ގޮތެއް ނޫން،" އާތީ ބުންޏެވެ.

ޝެޑިއުލް އެގޮތަށް އޮތީ، ޔޫވީ އަށް އަމާޒުވާ ގޮތަށްތޯ ސުވާލު ކުރުމުން އާތީ ބުނީ، އެއީ ޔޫވީ އަށް އެކަނި ކުރިމަތިވާނެ މައްސަލައެއް ނޫން ކަމަށެވެ.

ރާއްޖޭގެ ތިން ޓީމަށް އިންޓަނޭޝަނަލް މެޗުތަކެއް އޮތުމުން، އެފްއޭއެމުން ތިން ފަހަރެއްގެ މަތިން ވަނީ، ޝެޑިއުލް އަށް ބަދަލު ގެނެސްފަ އެެވެ. ޓީމު ތަކަށް އެ މައްސަލަ ބޮޑަށް ކުރިމަތި ވެފައި ވަނީ، ޝެޑިއުލް ޗޭންޖު ކުރުމުގެ ތެރެއިން ކަމަށް އާތީ ގަބޫލު ކުރެ އެވެ.

"ފުރަތަމަ ޝެޑިއުލް ނިކުތް އިރުވެސް ހުރި މިކަހަލަ ކުދިކުދި ކަންތައްތައް، ނަމަވެސް ފަހުން ނިކުތް ޝެޑިއުލް ތަކުގައި މި މައްސަލަ ހުރި ވަރަކަށް ނެތް، މެޗުތައް ޑިލޭ ވެގެން އަލުން ރީޝެޑިއުލް ކުރާއިރު ވެސް، ކޮންމެވެސް ވަރަކަށް އެނަލައިސް ކޮށްލަން ޖެހޭނެކަން ނޭނގެ މި ހުރީ ކިހިނެތް ކަން، ލީގެއްގައި، ތިން މެޗު ހަވީރު ކުޅެގެން، އަނެއް ބަޔަކު ތިން މެޗު ރޭގަނޑު ކުޅެގެން އެ އަންނަ ނުވަ ޕޮއިންޓަކީ ޑިޒާސްޓާއެއް ކަހަލަ ކަމެއް، ދެން އެ (ފަރަގު) އަތުލުމަކީ ވަރަށް އުނދަގޫ ކަމެއް،"

"އަޅުގަނޑު އެއްގޮތަކަށްވެސް ހިތް ހަމަ ނުޖެހޭ މި ހަދާފައި އޮތް ގޮތަކާ މެދު، ސަތޭކަ ޕަސަންޓް އޭގެ އަސަރު ޓީމުތަކަށް ކުރާނެ، އަޅުގަނޑުމެންނަށް ވުރެ ޕްރޮފިޝަނަލް ކޯޗެއް (ނިއުގެ ކޯޗް ބެނާޑޯ ޓެވަރޭސް) ކައިރީގައި މި އިންނެވީ ވެސް އެ ވިދާޅުވީ (ހަވީރުގެ ހޫނު) އެ އިންޓެންސިޓީ އަކު ނުކުޅެވޭނެ، އަވީގައި ނުކުޅެވޭނެ، އުނދަގޫ ވާނޭ ފިޓްނަސް ލެވަލް ދަށަށް ދާނޭ،" އާތީ ބުންޏެވެ.

އޭނާ ބުނީ ރޭގަނޑު ތިން މެޗު ލިބޭ ޓީމަށް ފިޓްނަސް ލެވަލުގައި ވަރަށް ބޮޑު ފައިދާ އެއް ކުރާ ކަމަށާއި ހަވިރު ތިން މެޗު ޖެހޭ ތީމަށް އޭގ ދަތިން ކަން ކުރިމަތިވާނެ ކަމަށެވެ.