ދިވެހި ސިނަމާ

ވިޝްކާއެއް ނުހުއްޓުވުނު! ތައުރީފު ވެސް ނުހުއްޓުވުނު!

ޔާރާ ޕްރޮޑަކްޝަންސްގެ އާ ފިލްމު "ވިޝްކާ" ގެ މިލްކުވެރިކަމަށް ދައުވާކުރި ކެމެރާމަން ކޮކޯ ހަސަން ހަލީމް މި ފިލްމުގެ ޕްރޮޑިއުސަރާ ދެކޮޅަށް ކޯޓަށް ވެއްދި މައްސަލައިން ހިންދެމިލުމަށް ފަހު ޝްވެކް ސިނަމާގައި މިއަދު ހަވީރު ބޭއްވި ކުލަގަދަ ރެޑްކާޕެޓް ހަފުލާއަކުން "ވިޝްކާ" ގެ ފެންވަރު ބެލުންތެރިންނަށް ދައްކާލައިފި އެވެ.

ފިލްމުގެ ޕްރިމިއާ ހަފުލާގައި ވާހަކަ ދައްކަމުން ޑައިރެކްޓަރު އަދި އެކްޓަރު ރަވީ ފާރޫގު ބުނެފައި ވަނީ "ވިޝްކާ" އެންމެފަހުން ބެލުންތެރިންނާ ހަމަ އަށް ގެނެވުމަކީ އަންހެނުންގެ ދުވަހު އަންހެނަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ރަވީ މިހެން ބުނެފައި ވަނީ ރިޝްމީއާ ދެކޮޅަށް ކޮކޯ ހަސަން ކޯޓަށް ވެއްދި މައްސަލާގައި، ފިލްމުގެ ޝޯތައް ހުއްޓުވެން ނެތް ކަމަށް ކޯޓުން މިއަދު ނިންމާފައިވާ ނިންމުމަށް އިޝާރާތްކޮށެވެ.

"އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ މިއަދު މިއީ ވަރަށް ބޮޑު ވިކްޓަރީއެއްކަން އަންހެނަކަށް ލިބުނު. އެއީ މި ދާއިރާގައި 25 އަށް ވުރެ ގިނަ ދުވަސްވެފައިވާ މީހަކު މި ފިލްމު ހުއްޓުވަން ކުރި މަސައްކަތް (ވިޝްކާ އަށް) ކާމިޔާބުވުމުން އެއީ ވަރަށް ބޮޑު ވިކްޓަރީއެއް،" ޕްރިމިއާ ހަފުލާއާ އެކު ނޫސްވެރިންނާއި ގެސްޓުންނަށް ހާއްސަކޮށްގެން ބޭއްވި ޝޯގެ ކުރިން ރަވީ ބުންޏެވެ.

ރަވީ މިހެން ބުންޏަސް ކޮކޯ ހަސަން ބުނެފައި ވަނީ ފިލްމުގެ މިލްކުވެރިކަމަށް އޭނާ ކުރާ ދައުވާގެ މައްސަލަ އަދި އޮތީ ކުރިއަށް ކަމަށެވެ. އޭނާ ބުނީ ފިލްމު ހުއްޓުވަން އެއްވެސް އިރެއްގައި މަސައްކަތްނުކުރާ ކަމަށާއި ބޭނުންވަނީ މި ފިލްމަކީ އޭނާގެ މިލްކެއްގެ ހުއްދަ ހޯދުމެއް ނެތި ރިޝްމީ އުފައްދާފައިވާ ފިލްމެއްކަން ސާބިތުކޮށްދިނުން ކަމަށެވެ.

"ކޯޓުން ބަލާއި ނިންމާ ކޮންމެ ގޮތަކަށް އަޅުގަނޑު އިހްތިރާމްކުރާނަން،" ބަލިވެއްޖެ ނަމަ ރިޝްމީގެ ކިބައިން މައާފަށް އެދޭނެ ކަމަށް ވެސް ބުނެފައިވާ ކޮކޯ ހަސަން ބުންޏެވެ.

އޭނާ ބުނަނީ "ވިޝްކާ" ގެ އޮރިޖިނަލް ވާހަކައިގެ ހުރިހާ ރައިޓްސްގެ އޭގެ ލިޔުންތެރިޔާ އޭނާ އަށް ސިޓީއަކުން މިލްކުކޮށްދީފައި ވަނިކޮށް ރިޝްމީ މި ފިލްމު އުފެއްދީ ހުއްދަ ނުހޯދަ އެވެ. އެކަމަކު ރިޝްމީ ބުނަނީ "ވިޝްކާ" އަކީ އޭނާގެ މިލްކެއް ކަމަށެވެ.

ކޮންމެއަކަސް މި ކުޅިގަނޑެއްގެ ތެރެއިން ނުކުމެ ރެޑްކާޕެޓަށް ބޯދިއްކޮށް ޝްވެކް ސިނަމާގައި ދެ ގަޑިއިރަށް ވުރެ ގިނަ އިރަށް ދިގުދެމިގެން ދިޔަ "ވިޝްކާ" އަށް ދަނީ ހިފެހެއްޓުމެއް ނެތް ތައުރީފު އޮހެމުންނެވެ. ފިލްމު ނިމުމާ އެކު އަތްތިލަބަޑީގެ ތައުރީފެއް ފިލްމާއި އޭގެ ކްރޫއަށް އޮއްސާލިއިރު ސޯޝަލް މީޑިއާގައި މީހުންދަނީ މި ފިލްމަށް ތައުރީފުކުރަމުންނެވެ.

މި ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ރަވީ ޑައިރެކްޓްކޮށް ރިޝްމީއާ އެކު ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ. ފިލްމުގެ ވަރަށް މުހިންމު ސަޕޯޓިން ރޯލަކުން އަހުމަދު ސައީދު ވެސް ފެނިގެންދެ އެވެ. މި ފިލްމުގެ ޝޯތައް ޝްވެކް ސިނަމާގައި ކުރިއަށް ދާއިރު ޓިކެޓް ވިއްކާނީ 100ރ. އަށެވެ.

"ވިޝްކާ" ގެ ރިވިއުއެއް އަވަސްގައި ފަހުން ޝާއިއުކުރާނެ އެވެ.