ބޮލީވުޑް

"ޓިއުބްލައިޓް" އަށް ފަހު ކަބީރް އުފައްދާ ފިލްމުގައި ރިތިކް

Mar 9, 2017

ރިތިކް ރޯޝަންގެ އެންމެފަހުން ނިކުތް ފިލްމު "ގާބިލް" އަށް ވަނީ ބޮކްސް އޮފީހުގައި ރަނގަޅު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

ކުރިއަށް ރިތިކް އަށް ގިނަ ފިލްމުތަކަކުން ހުށަހެޅުންތައް ލިބިފައިވާއިރު ދެން އެންމެ އަވަހަށް އޭނާ ކުޅެން ފަށާނީ ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމެކެވެ. އެގޮތުން ރިތިކް ވަނީ ކަބީރް އުފައްދާ ފިލްމު ކުޅެން އެއްބަސްވެފަ އެވެ.

ކަބީރް، ސަލްމާން ޚާން ލީޑްރޯލުގައި ހިމަނައިގެން އުފެއްދި ފިލްމު "ޓިއުބްލައިޓް" ގެ ޝޫޓިން މިދިޔަ މަހުގެ ތެރޭގައި ނިމި، އަންނަ ފިތުރު އީދާ ދިމާކޮށް ރިލީޒްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

"ގާބިލް" އަށް ފަހު ރިތިކް ކުޅޭ ފުރަތަމަ ފިލްމުގެ ގޮތުގައި އޮތް މި ފިލްމުގެ އޭނާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއަކު އަދި ހާމަކޮށްފައެއްނުވެ އެވެ.

މި ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން މިއީ އެކްޝަން އަދި ރޮމޭންޓިކް ފިލްމެކެވެ. މިހާތަނަށް ބޮލީވުޑް ފިލްމެއްގައި އެކްޝަން މަންޒަރުތައް ފެނިގެން ގޮސްފައިނުވާ ފެންވަރުގައި މި ފިލްމުގެ އެކްޝަން މަންޒަރުތައް ފެނިގެންދާނެ އެވެ. އަދި އިންޑިއާއިން ބޭރުގައި ޝޫޓްކުރާ މި ފިލްމަކީ މިހާތަނަށް ބޮލީވުޑްގައި އުފައްދާ އެންމެ އަގުބޮޑު ފިލްމަށް ވުން ވެސް އެކަށިގެންވާ ކަމަށް ވަނީ ބުނެފަ އެވެ.

މިއީ ކަބީރް އުފައްދާ ފިލްމެއްގައި ރިތިކް ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ޝޫޓިން ނިމުމުން ދެން ރިތިކް ކުޅުމަށް ހަމަޖެހިފައިވަނީ އޭނާގެ ބައްޕަ ޑައިރެކްޓްކުރާ "ކްރިޝް 4" އެވެ.

ފިތުރު އީދާ ދިމާކޮށް "ޓިއުބްލައިޓް" ރިލީޒްކުރުމަށް ކަބީރް ބުރަކޮށް މަސައްކަތްކުރަމުން އަންނައިރު، ރިތިކް އާއެކު އޭނާ އުފައްދާ ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއްނުވެ އެވެ.

ކަބީރްގެ ފިލްމާއި "ކްރިޝް 4" ގެ އިތުރުން ޑައިރެކްޓަރު ކަރަން މަލްހޯތުރާ އުފައްދާ ފިލްމެއްގައި ބޮލީވުޑަށް އަލަށް ތައާރަފުވާ ސާރާ އަލީ ޚާން އާއެކު ލީޑްރޯލު ކުޅުމުުގެ ފުރުސަތާއި ތަމަޅަ ބްލޮކްބާސްޓް ފިލްމު "ކައްތި" ގެ ހިންދީ ރިމޭކުން ވެސް ރިތިކަށް ވަނީ ފުރުސަތު ލިބިފަ އެވެ.