ބޮލީވުޑް

ޝާހްރުކާއި އަނުޝްކާގެ ފިލްމުގެ ރައިޓްސް ރެކޯޑް އަގެއްގައި ވިއްކާލީ؟

Mar 9, 2017

ބޮލީވުޑްގެ ކިންގް ޝާހްރުކް ޚާން އާއި ބަތަލާ އަނުޝްކާ ޝަރްމާ އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމުގެ ޝޫޓިން ނިމި، އަންނަ އޮގަސްޓުގައި ރިލީޒްކުުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިމްތިއާޒު އަލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރުމުގެ ފަސް މަސް ދުވަސްކުރިން ރެކޯޑް އަގެއްގައި ފިލްމު ޑޮމެސްޓިކާއި އޯވާސީސްގައި ޑިސްޓްރިބިއުޓްކުރަން ޑިސްޓްރިބިއުޓަރަކަށް ވަނީ ވިއްކާލާފަ އެވެ.

އަދި ނަމެއް ދީފައިނުވާ މި ފިލްމު ޑިސްޓްރިބިއުޓް ކުުރުމުގެ ހުއްދަ އެންއެޗް ސްޓޫޑިއޯޒް ކިޔާ ކުންފުންޏަކަށް ވަނީ 125 ކްރޯޑް (1250 މިލިއަން) ރުޕީޒް އަށް ވިއްކާފަ އެވެ.

އެ ސްޓޫޑިއޯގެ ފަރާތުން ނަރެންދުރަ ހިރާވަތް ކިޔާ މީހަކު ވަނީ ޝާހްރުކް އާއި އަނުޝްކާގެ ފިލްމު ޑިސްޓްރިބިއުޓް ކުރުމުގެ ހުއްދަ އެމީހުން ގަނެފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ފިލްމުގެ ރައިޓްސް ގަނެފައިވާ އަގެއް ހިރާވަތް ބުނެފައެއްނުވެ އެވެ.

ޕްރާގް، އެމްސްޓާޑަމް އަދި ބުޑާޕެސްޓްގައި ޝޫޓްކޮށްފައިވާ މި ފިލްމުގައި ޝާހްރުކް ފެނިގެންދާނީ ޓުއާ ގައިޑެއްގެ ރޯލުންނެވެ. ޒަމާނީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމަކީ "ޖަބްވީ މެޓް" އަށް ފަހު އިމްތިއާޒު އުފައްދާ މިފަދަ ލޯބީގެ ދެވަނަ ފިލްމެވެ.

އޮގަސްޓް 11 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމަކީ "ރަބްނޭ ބަނާދީ ޖޯޅޯ" އާއި "ޖަބްތަކް ހޭ ޖާން" އަށް ފަހު އަނުޝްކާ ޝާހްރުކާ އެކު ފެނިގެންދާ ފިލްމެވެ.