ކުޅިވަރު

ފާޑު ކީ މީހުންނަށް ބޮޅެއް، ބާސާ ތާރީހު ބަދަލުކޮށްފި

Mar 9, 2017

މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ، ޗެމްޕިއަންސް ލީގްގައި، ޕީއެސްޖީ އަތުން ބާސެލޯނާ 4-0 ން ބަލިވުން ވީ ގިނަ ބަޔަކަށް ލިބުނު ޝޮކަކަށެވެ. ގިނަ ބަޔަކު ދުށީ، ދެ ވަނަ ލެގް މެޗުގައި، އެ ނަތީޖާ އަނބުރާލުމަކީ، މުސްތަހީއްލު ކަމެއްގެ ގޮތުގަ އެވެ. އެއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި، މުބާރާތުގެ ދެ ވަނަ ބުރުގައި 4-0 ގެ ނަތީޖާއެއް މީގެ ކުރިން ބަދަލު ކުރެވިފައި ނެތުމުން ނެވެ.

އެ ނަތީޖާއިން ބަލިވުމުން ބާސާ އަށް ގިނަ ބައެއްގެ ފާޑު ކިޔުންވެސް އަމާޒުވި އެވެ. ނަމަވެސް، ރޭ ކުޅުނު ދެ ވަނަ ލެގް މެޗުގައި، ޕީއެސްޖީގެ މައްޗަށް، 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައި، 6-5 ގެ އެގްރިގޭޓް ނަތީޖާއިން، ބާސާ ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

މިއީ ޗެމްޕިއަންސް ލީގް ދެ ވަނަ ބުރުގައި 4-0 ގެ ނަތީޖާއެއް އެފުށް މިފުށަށް ޖަހާލުމަށްފަހު، ޓީމެއް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު، ބާސާ އަށް ކާމިޔާބު ކޮށްދިނީ މެޗު ފެށިގެން ތިން ވަނަ މިނެއްޓުގައި ލުއިސް ސުއަރޭޒް އެވެ.

ދެ ވަނަ ލަނޑަކީ، ބާސާގެ ކެޕްޓަން އަންދުރޭ އިނިއެސްޓާ ފޮނުވާލި ބޯޅަ އެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި، ޕީއެސްޖީގެ ލެވިން ކްރެޒަވާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ލަނޑު ވަނީ މެޗުގެ 40 ވަނަ މިނެޓް ގަ އެވެ.

ރޭގެ މެޗުގައި މެސީ ވަނީ، ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގައި އޮންނަ ޗެމްޕިއަންސް ލީގްގެ ރެކޯޑަކާ އަރާ ހަމަކޮށްފަ އެވެ. މެޗުގެ 50 ވަނަ މިނެޓްގައި، މެސީ ކާމިޔާބު ކުރި ޕެނަލްޓީ އާއެކު، އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި، ޕެނަލްޓީ ޖަހައިގެން ރޮނާލްޑޯ ހެދި ރެކޯޑާ އަރާ ހަމަކޮށްފަ އެވެ. އެ ދެ ކުޅުންތެރިން ވެސް ވަނީ ޗެމްޕިއަންސް ލީގު ގައި 11 ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ރޮނާލްޑޯގެ އަތުގައި އޮންނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ވެސް މެސީ އަށް، ރޭގެ މެޗުގައި ލިބުނެވެ. ނަމަވެސް، ބާސާ އަށް ލިބުނު ދެ ވަނަ ޕެނަލްޓީ ޖަހަން، މެސީ ދިނީ ނޭމާ އަށެވެ. އަދި އޭނާ އެ ޕެނަލްޓީ ޖެހި ނަމަ، ރޮނާލްޑޯ ހަދާފައިވާ، ލަނޑު ޖެހުމުގެ ރެކޮޑާ ވެސް އެއްވަރު ކުރެވުނީ ހެވެ. ރޮނާލްޑޯ ވަނީ 95 ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެސީ 94 ލަނޑެވެ.

މެޗުގެ އެންމެ ފަހު މިނެޓްގައި ބާސާއިން ވަނީ ތިން ލަނޑު ޖަހައި، އެ ޓީމު ކޮޅަށް، މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ.

މެޗުގެ 88 ވަނަ މިނެޓްގައި، ނޭމާ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ނޭމާ ޕެނަލްޓީ ކާމިޔާބު ކުރީ، އޭގެ ދެ މިނެޓް ފަހުންނެވެ.

މެޗުގެ 94 ވަނަ މިނެޓްގައި، ނޭމާ ތަނަވަސް ކޮށްދިން ބޯޅަ އަކުން ސަރްޖީ ރޮބާޓޯ ވަނީ، ބާސާ ކުއާޓާ ފައިނަލަށް ގެންގޮސް ދިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ޕީއެސްޖީގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ، ކަވާނީ އެވެ.