ދުނިޔެ

ސީއައިއޭގެ ލިޔެކިއުންތައް ލީކްވި މައްސަލަ ތަހުގީގު ކުރަނީ

Mar 9, 2017

އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ ( ސީއައިއޭ) އިން ފޯނުތަކާއި ޓީވީތައް ހެކްކުރާ ގޮތުގެ ތަފުސީލުތައް ހިމެނޭ ލިޔެކިއުންތައް ވިކިލީކްސް އިން ލީކްކޮށްލި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ ލިޔެކިއުންތައް ވިކިލީކްސް އަށް ލިބުނު ގޮތް ބަލަން ތަހުގީގު ކުރަނީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް ( އެފްބީއައިީ) އާއި ސީއައިއޭ ގުޅިގެން ކަަމށެވެ. ނަން ހާމަ ނުކުރާ އެމެރިކާގެ އޮފިޝަލުންތަކެއް ބުދަދުވަހު ބީބީސީއަށް ބުނެފައި ވަނީ ތަހުގީގުގައި ބަލާނީ ލިޔެކިއުންތައް ވިކިލީކްސްއަށް ލިބުނު ގޮތް ކަމަށެވެ.

ވިކިލީކްސް އިން އާއްމުކޮށްފައިވާ 8000 އަށް ވުރެ ގިނަ ލިޔެކިއުމުގައި ހިމެނެނީ ސްމާޓްފޯނުތަކާއި ޓީވީ ތައް ހެކްކޮށް، އެތަކެތި ބޭނުންކުރާ މީހުންނާ ދެކޮޅަށް ޖާސޫސް ކުރުމަށް ބޭނުންކުރާ ވަސީލަތްތަކާ ބެހޭ ތަފުސީލުތަކެވެ. އެ ލިޔެކިއުންތަކުގެ ތެދު ދޮގު ކަމާއި މެދު އެއްޗެއް ބުނަން ސީއައިއޭއާއި އެފްބީއައި އަދި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ވެސް ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް ވިކިލީކްސް އިން ލިޔެކިއުންތައް އާއްމުކުރި މައްސަލަ ސީއައިއޭއިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ސީއައިއޭގެ ތަރުޖަމާނު ބުދަދުވަހު ބީބީސީއަށް ބުނެފައި ވަނީ ޓެރަރިސްޓުންނާއި އެހެނެހެން ދުޝްމަނުންގެ ކިބައިން އެމެރިކާ މީހުން ދިފާއުކުރުމަށް އިންޓެލިޖެންސް ކޮމިއުނިޓީން ކުރާ މަސައްކަތަށް ގެއްލުން ދިނުމަށް ފަރުމާކޮށްގެން ވިކިލީކްސް އިން ހާމަކުރި ހާމަކުރުންތަކާއި މެދު ރައްޔިތުން ކަންބޮޑުވާނެ ކަމަށެވެ.

" މިކަހަލަ ހާމަކުރުން ތަކުން ހަމަ އެކަނި ހުރަސް އެޅޭނީ އެމެރިކާގެ މުވައްޒަފުންނާއި އޮޕަރޭޝަންތަކަކަށް ނޫން. އެކަމަކު އަހަރެމެންގެ ދުޝްމަނުންނަށް އަހަރެމެންނަށް ގެއްލުންދޭނެ ވަސީލަތްތައް މީގެ ސަބަބުން ލިބޭނެ،" ސީއައިއޭގެ ތަރުޖަމާނު ބުނެފައި ވެއެވެ.