ކުޅިވަރު

އެޗްޑީސީ ފުޓްސަލްކަޕްގެ ސެމީއަށް ޓީމުތައް ތައްޔާރުވެއްޖެ

Mar 9, 2017

ރާއްޖޭގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް އެޗްޑީސީ ފުޓްސަލް ކަޕްގެ ސެމީ ފައިނަލަށް ޓީމު ތައް ދަތުރު ކޮށްފި އެވެ.

އިއްޔެ ހަވީރާއި، ރޭ ކުޅުނު މެޗު ތަކުން، ސެމީ ފައިނަލަށް ދަތުރު ކުރި ޓީމު ތަކުގެ ކުރިމަތި ލުން އޮންނާނީ މާދަމާ އެވެ.

ހުޅުމާލޭގައި ކުރިއަށްދާ މުބާރާތުގައި، އިއްޔެ ހަވީރު ކުޅުނު ކްއާޓާ ފައިނަލު ފުރަތަމަ މެޗުގައި އެލްއެފްގެ މައްޗަށް އެފްސީ ސޯޕް، ކާމިޔާބު ހޯދީ، 4-3 ގެ ނަތީޖާ އަކުން ނެވެ.

ކްއާޓާ ފައިނަލު ދެ ވަނަ މެޗުގައި، ޕްރިޒަން ރެކްރިއޭޝަންގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސެމީ އަށް ދަތުރު ކުރީ ކޮލެޖް ފްރެންޑްސް އެވެ.

އެފްސީ ދާއެޅުން ރިޓާންސްގެ މައްޗަށް 3-1 ކާމިޔާބު ހޯދައި ސެމީ އަށް ދަތުރު ކުރީ، ބަޖިޔޭ ޓީމެވެ.

ކްއާޓާ ފައިނަލުގެ އެންމެ ފަހު މެޗުގައި ތިމަރަ ޔޫތު ޕްލެޔާސްގެ މައްޗަށް ކާމިޔާބު ހޯދައި، ސެމީގެ ފަހު ޖާގަ ޔަގީން ކުރީ ނޮއެނާ ޓީމެވެ. އެޓީމު މެޗު ކާމިޔާބު ކުރީ 5-0 ން ނެވެ.

މުބާރާތުގެ ސެމީ ފައިނަލު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެފްސީ ސޯޕް އާއި ކޮލެޖް ފްރެންޑްސް އެވެ. އެމެޗު ފަށާނީ ރޭގަނޑު އަށެއް ޖަހާއިރު އެވެ.

ސެމީ ފައިނަލު ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ، ބަޖިޔޭ އާއި ނޮއެނާ އެވެ.

މުބާރާތުގެ ފައިނަލު މެޗު ކުރިން ބާއްވަން ތާވަލު ކޮށްފައި ވަނީ، މާދަމާ ރޭ އެވެ. ނަމަވެސް، ފައިނަލު މެޗް ފޯރިގަދަ ކުރުމުގެ ގޮތުން، އެޗްޑީސީއިން ވަނީ ހޮނިހިރު ދުވަހަށް ފައިނަލު މެޗު ފަސް ކޮށްފަ އެވެ.