ނަމާދުގައި ކުރާ ހަރަކާތްތަކަކީ ބުރަކަށީގެ ރިހުންތަކަށް ފަރުވާ ލިބޭ އަދި ހުޅުތައް ވަރުގަދަކޮށްދޭ ކަމެއްް ކަމަށް ދިރާސާއަކުން ދައްކަފި އެވެ.
އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓްގެ ޕެން ސްޓޭޓް ބެރެންޑް ޔުނިވާސިޓީގެ ސައިންސްވެރިން ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި ނަމާދުގައި ކުރާ ހަރަކާތްތައް ރަނގަޅަށް ކުރާ ނަމަ އެ ހަރަކާތްތަކަކީ މީހާ އެންޒައިޓީ އިން ސަލާމަތްކޮށްދޭ ބުރަކައްްޓާއި އުނަގަނޑުގެ ރިހުންތަކަށް ފަރުވާއަކަށް ފުދޭ ކަމެކެވެ.
" އެހަރަކާތްތަކާ މެދު ވިސްނޭނޭ އެއް ގޮތަކީ އެއީ އުނަގަނޑުގެ ރިހުންތައް ރަނގަޅު ކުރުމަށް ކުރާ ކަސްރަތު ނުވަތަ ޔޯގާ އާ އެއްކަހަލަ ހަރަކާތްތަކެއް ކަމަށް ބެލުން،" ދިރާސާގައި އިސްކޮށް އުޅުއްވި މުޙައްމަދު ޚަޝައުނާ އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހަށް ވިދާޅުވެފައި ވެއެވެ.
" އާގޮނޮމިކް ސްޓަޑީ އޮފް ބޮޑީ މޯޝަންސް ޑިއުރިން މުސްލިމް ޕްރެޔާ ޔޫޒިން ޑިޖިޓަލް ހިއުމަން މޮޑެލިން" ގެ ނަމުގައި އެކުަލަވާލާފައިވާ ދިރާސާ ރިޕޯޓް ޝާއިއުކޮށްފައި ވަނީ އިންޓަނޭޝަނަލް ޖާނަލް އޮފް އިންޑަސްޓްރިއަލް އެންޑް ސިސްޓަމް އެންޖިނިއަން ގެ އެންމެ ފަހުގެ އަދަދުގައެވެ.
ދިރާސާގައި ބޭނުންކޮށްފައި ވަނީ އިންޑިއާއި އެމެރިކާ މީހުންގެ ހަށިގަނޑާ އެއްގޮތަށް ކޮމްޕިއުޓަރުން ޖެނެރޭޓްކޮށްފައިވާ މޮޑެލްތަކެކެވެ. އެމޮޑެލްތައް ބޭނުންކޮށްގެން ބަލާފައި ވަނީ ނަމާދުގެ ހަރަކާތްތައް ކުރުމުން ހަށިގަނޑުގެ އެކި ގުނަވަންތަކަށް އެކަމުން ކުރާ އަސަރުތަކެވެ.
ނަމާދަކީ ވަރަށް ގިނަ އެހެން ބަލިތަކަށް ވެސް ޝިފާ ލިބޭ ކަމެއް ކަން ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުން ވަނީ އެނގިފަ އެވެ.