ދުނިޔެ

އެންމެ ކޮރަޕްޓީ އިންޑިއާ، ރަނގަޅީ ޖަޕާން

Mar 9, 2017

އިންޑިއާއަކީ ކޮރަޕްޝަން ނެތް ތަނަކަށް ހެދުމަކީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އެންމެ ބޮޑު އެއް މަގުސަދެވެ. ނަމަވެސް އެކަން ހާސިލު ކުރު މޯދީގެ ސަރުކާރުން އަދި ވަރަށް ދިގު ރާސްތާއެއް ކަޑައްްތު ކުރަން ޖެހޭނެއެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ( ޓީއައި) އިން ކުރި ސާވޭއަކުން ދެއްކި ގޮތުގައި ދުނިޔޭގެ އެންމެ ކޮަރަޕްޓް ގައުމަކީ އިންޑިއާއެވެ. އަދި ކޮރަޕްޝަން އެންމެ މަދު ގައުމަކީ ޖަޕާނެވެ.

އޭޝިއާ ޕެސިިފިކްގެ 16 ގައުމެއްގައި ޓީއައި އިން ކުރި ސާވޭގެ ނަތީޖާ ދައްކާ ގޮތުން އެންމެ ގިނައިން ރިޝްވަތު ދެނީ އިންޑިއާގައެވެ. އެގޮތުން އެގައުމުގައި އާއްމު ހިދުމަތްތައް ހޯދާ ކޮންމެ 10 މީހަކުން ހަތް މީހުން ވަނީ ކޮންމެވެސް ހިދުމަތެއް ހޯދަން ރިޝްވަތު ދެއެވެ. ނަމަވެސް ޖަޕާނުގައި ރިޝްވަތު ދީފައި ވަނީ އެންމެ 0.2 ޕަސެންޓް މީހުންނެވެ.

އިންޑިއާއާއި ޗައިނާ ފަދަ ބޮޑެތި އިގުތިސާދުތައް ހިމެނޭ ގޮތުން އޭޝިއާ ޕެސިފިކްގެ 16 ގައުމެއް ހިމަނައިގެން ކުރި ސާވޭގައި އިން އެނގިަފއިވާ ގޮތުގައި އެގައުމުތަކުގެ 900 މީހުން ރިޝްވަތު ދީފައި ވެއެވެ. އެއީ ހިދުމަތް ހޯދާ މީހުންގެ ތެރެއިން ކޮންމެ ހަތަަރުމީހަކުން އެކެކެވެ. "ޕީޕަލް އެންޑް ކޮރަޕްޝަން ، އޭޝިއާ ޕެސިފިކް" ގެ ނަމުގައި ކުރި އެސާވޭގައި ސުވާލުކޮށްފައި ވަނީ 22000 މީހުންނާއެވެ.

" ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުތަކުން މަސައްކަތްކުރާ ގޮތާ މެދު ހިތްހަމަ ޖެހޭތޯ" ވެސް ސާވޭގައި ބައިވެރިވި މީހުންނާ ސުވާލު ކުރިއެވެ. އެސުވާލަށް ޖަވާބުދިން އިންޑިއާ، ސްެރީލަންކާ، ތައިލެންޑް އަދި އިންޑޮނޭޝިއާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ބުނެފައި ވަނީ ހިތްހަމަ ނުޖެހޭ ކަމަށެވެ. އެއާ ޚިލާފަށް ދެކުނު ކޮރެއާ، ހޮންކޮން ، ޖަޕާން އަދި މެލޭޝިއާ މީހުން ބުނެފައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

ރިޝްވަތު ދެނީ ކޮން ހިދުމަތްތަކެއް ހޯދަން؟

ސާވޭއިން އެނގިފައިވާ ގޮތުގައި ސަރަހައްދުގެ ގައުމުތަކުގެ މީހުންގެ ތެރެއިން ކޮންމެ ފަސްމީހަކުން ދެމީހުން ގަބޫލުކުރަނީ ގިނަ ފުލުހުންނަކީ ކޮރަޕްޓް ބައެއް ކަމަށެވެ. އަދި ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ފުލުހަކާ މުއާމަލާތެއް ކުރަން ޖެހުނު މީހުންގެ ތެރެއިން ގާތް ގަނޑަކަށް ތިން ބައިކުޅަ އެއްބައި މީހުން ވަނީ ރިޝްވަތު ދީފައެވެ. ގާނޫނު ހިންގާ އިދާރާ ތަކަށް އެންމެ ގިނައިން ރިޝްވަތު ދެނީ ޕާކިސްތާން މީހުންނެވެ. އެއީ ކޮންމެ ދިހަ މީހަކުން ހަތް މީހުންނެވެ. އިންޑިއާގައި ފުލުހުންނަށް ރިޝްވަތު ދިނުން އޮތީ 54 ޕަސެންޓްގައެވެ.

އިންޑިއާ މީހުން އެންމެ ގިނައިން ރިޝްވަތު ދީފައި ވަނީ ޕަބްލިކް ސްކޫލްތަކާއި ސިއްހީ ނިޒާމުން ހިދުމަތް ހޯދުމުގައެވެ. އެގޮތުން ސްކޫލްތަކުން ހިދުމަތް ހޯދަން 58 މީހުން ރިޝްވަތު ދީފައި ވާއިރު ސިއްހީ ހިދުމަތް ހޯދަން 59 ޕަސެންޓް މީހުން ރިޝްވަތު ދީފައި ވެއެވެ. - ފޯބްސް