ބޮލީވުޑް

ޕަރިނީތީ އާއެކު "ގޯލްމާލް އެގެއިން" ގެ ޝޫޓިން ފަށައިފި

Mar 10, 2017

ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮމެޑީ ފިލްމު "ގޯލްމާލް" ސިލްސިލާގެ ހަތަރު ވަނަ ފިލްމު، "ގޯލްމާލް އެގެއިން" ގެ ޝޫޓިން އިއްޔެ ފަށައިފި އެވެ.

މި ސިލްސިލާގެ ކުރީ ތިން ފިލްމުގައި ފެނިގެން ގޮސްފައިވާ ލީޑްއެކްޓަރުންގެ އިތުރުން ބަތަލާގެ ރޯލުން ފެނިގެންދާނީ ޕަރިނީތީ ޗޯޕްޅާ އެވެ.

އިއްޔެ "ގޯލްމާލް އެގެއިން" ގެ ޝޫޓިން ފަށާފައިވާކަން ޕަރިނީތީ ކުރި ޓްވީޓެއްގައި ވަނީ ޔަގީންކޮށްދީފަ އެވެ. ޕަރިނީތީ ވަނީ ގޯލްމާލް ސީރީސްގެ ހަތަރު ފިލްމުގެ ކްލެޕް ބޯޑުގެ ފޮޓޯއެއް އާންމުކުރަން ވަނީ މިއީ މަޖާ ފިލްމެއްގެ ފެށުން ކަމަށެވެ.

ޕަރިނީތީގެ އިތުރުން ފިލްމުގެ ލީޑް އެކްޓަރު އަޖޭ ވެސް ކުރި ޓްވީޓެއްގައި ވަނީ ފިލްމުގެ ޝޫޓިން ފަށާފައިވާކަމަަށް ބުނެފަ އެވެ.

"ގޯލްމާލް" ގެ ޓީމާ ބަތަލާއެއްގެ ގޮތުގައި ޕަރިނީތީ ގުޅުނުއިރު، މުހިންމު ރޯލަކުން ތައްބޫ އާއި ނީލް ނިތިން މުކޭޝް ވެސް ފެނިގެންދާނެ އެވެ.

މި ސިލްސިލާގެ އެންމެ ފުރަތަމަ ފިލްމުގައި ބަތަލާގެ ރޯލުން ރިމީ ސެން ފެނިގެން ގޮސްފައިވާއިރު، "ގޯލްމާލް 2 އާއި "ގޯލްމާލް 3" ގެ ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވަނީ ކަރީނާ ކަޕޫރެވެ.

"ގޯލްމާލް އެގެއިން" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 06 ވަނަ ދުވަހު އެވެ.