ބޮލީވުޑް

ކެޓްރީނާއަށް އަނިޔާވެ ރެސްޓަށް

Mar 10, 2017

ބަތަލާ ކެޓްރީނާ ކައިފް، ސަލްމާން ޚާން އާއެކު ކުޅޭ ފިލްމު "ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ފެށުމުގެ ކުރިން އަންނަނީ އަންނަ މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ޖައްގާ ޖާސޫސް" ގެ ނުނިމި ހުރި މަންޒަރުތައް ނަގަމުންނެވެ.

ކެޓްރީނާ އެންމެފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރު ރަންބީރު ކަޕޫރާ އެކު ކުޅެފައި އޮތް މި ފިލްމުގެ އެންމެފަހުގެ މަސައްކަތް ކެޓްރިނާ އާ ފިލްމެއްގެ މަސައްކަތް ފެއްޓުމުގެ ކުރިން ނިންމަން ބުރަކޮށް މަސައްކަތްކުރަމުން އަންނައިރު "ޖައްގާ ޖާސޫސް" ގެ ޝޫޓިންގައި އޭނާގެ ބުރަކައްޓަށް އަނިޔާވެ ޑޮކްޓަރުން ވަނީ ބެޑް ރެސްޓްކުރަން އެދިފަ އެވެ.

މި ފިލްމުގެ ޝޫޓިން ތެރޭގައި ބަރު އެއްޗެއް ކެޓްރިނާގެ ކަނދުރާ މައްޗަށް ވެއްޓި ބުރަކައްޓަށާއި ކަރަށް ލިބުނު އަނިޔާގައި ޑޮކްޓަރުން ވަނީ ކުރިއަށް އޮތް ދުވަސްކޮޅެއް ވަންދެން އެެއްކޮށް އަރާމުކުރަން އެދިފަ އެވެ.

މި އަނިޔާގެ ސަބަބުން ކެޓްރިނާ ވަނީ ކުރިއަށް އޮތް ޒީ ސިނެ އެވޯޑްސް ހަފްލާގައި އޭނާ ހުށަހަޅަން ހަމަޖެހިފައި އޮތް އައިޓަމް ވެސް ކެންސަލް ކޮށްލާފަ އެވެ.

ކެޓްރީނާ އަށް ލިބުނު އަނިޔާގެ ސަބަބުން އެ އެވޯޑް ހަފްލާގައި އެއްވެސް ހުށަހެޅުމެއް ނުދެއްކޭނެކަން ހާމަކުރަމުން އޭނާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ "ޖައްގާ ޖާސޫސް" ގެ ސެޓުގައި ކެޓްރިނާ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ބެޑް ރެސްޓްކުރަން ޑޮކްޓަރުން އިރުޝާދު ދީފައިވާތީ ޒީ ސިނެ އެވޯޑް ހަފްލާގައި ޕާފޯމް ނުކުރެވޭނެ ވާހަކަ ހިތާމައާ އެކު އޭނާގެ ފޭނުންނާ ހިއްސާކުރާ ކަމަށެވެ.

ކެޓްރީނާ އަށް ލިބުނު އަނިޔާއާ ގުޅިގެން "ޖައްގާ ޖާސޫސް" ރިލީޒްކުރުން އަނެއްކާ ވެސް ލަސްކުރަން ޖެހިދާނެ ކަމުގެ ބިރު އޮތީ ބޮޑުވެފަ އެވެ. މި ފިލްމަކީ 2014 ވަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ ފިލްމެކެވެ. ކެޓްރީނާ އާއި ރަންބީރުގެ ހަ އަހަރުވީ ލޯބީގެ ގުޅުން ނިންމާލުމުން ފިލްމުގެ މަންޒަރުތައް ނުނެގި ރިލީޒްކުރުން ވަނީ ދެ ފަހަރެއްގެ މަތިން ލަސްކޮށްފަ އެވެ.