ދަރިން ބޮޑުވަމުން އައިސް ވަކި އުމުުރަކަަށް އެޅުމުން އާންމުކޮށް މައިންބަފައިންނާ ދުރުވެ އެވެ. ހާއްސަކޮށް ފުރާވަރަށް އެޅިގެން އަންނަ އިރު ބައްޕަ އާއި އަންހެން ދަރިފުޅު ވަރަށް ބޮޑަށް ދުރުވެއެވެ. ދެބަފައިން ދައްކާނެ މާ ގިނަ ވާހަކައެއް ނޯވެ އެވެ. އެހެން ކަމުން ބައްޕަ އާއި ދެމެދު އޮންނަ ގުޅުން އޮންނަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ކަމެއް ދިމާވި ނަމަވެސް ބައްޕަ އާއި ހިއްސާ ކުރަން ޖެހިލުންވެ އެވެ.
އެކަމަކު ބައެއް ވާހަކަތަކަކީ ބައްޕަ އަންހެން ދަރިފުޅާއި ދެއްކުން ބުއްދިވެރި ވާހަކަ ތަކެކެވެ. މަންމައަށް ވުރެ ބައްޕަ ބުނުމުން ގަބޫލު ކުރަން ފަސޭހަވެ އެވެ. ފުރާ ވަރަށް އަރައިގެން އަންނަ އިރު ރީތި ވުމާއި ނަލަވުން ކަހަލަ ކަންކަމަކީ އަންހެން ކުދިންގެ މެދުގައި ވާދަވެރި ކަމެއް އޮންނަ ކަމެކެވެ. އަބަދުވެސް އެންމެ ރީތި ކުއްޖާއަށް ވާން މަސައްކަތް ކުރެ އެވެ. އެހެން ކަމުން ކޮންމެ ކުއްޖަކީ ވެސް ރީތި ކުއްޖެއްކަން ވިސްނައި ދޭށެވެ. ރީތި ވުމުގައި ވެސް ފަސޭހަ ވާނެ ގޮތްގޮތަށް ހެދުން އަޅަން ހިޔާލު ދެވިދާނެ އެވެ.
ހަށިގަނޑުގެ ބޭރުގެ ރީތި ކަމަށްވުރެ ކުއްޖާގެ އަހުލާގު ރީތި ކުުރުމުގެ މުހިންމުކަން ވިސްނައިދޭށެވެ. ކިތަންމެ ރީތި މީހެއް ނަމަވެސް ރަނގަޅު އަހުލާގެއް ނެތް ނަމަ އޭނާގެ އަގެއް ނުހުންނާނެ ކަން ހަނދާން ކޮށްދޭށެވެ.
ބައްޕައަކު އަންހެން ދަރިފުޅަށް ދަސްކޮށްދޭން ޖެހޭ އަނެއް ކަމަކީ ހިތްވަރު ގަަދަ އަންހެނަކަށް ވާނެ ގޮތެވެ. އަންހެނެއް ކަމަކު ކަންކަމުގައި ފަސްޖެހެން ނުޖެހޭނެ ކަން ބުނެދޭށެވެ. އަދި މުޖުތަމައުގައި ދިމާވާ ކަންކަމާއި ކުރިމަތިލާ އެކަންކަން ހައްލުކުރާނެ ގޮތް ބުނެދޭށެވެ. ދަރިފުޅު ބާރުވެރި ކުުރުވުމަށް ހިތްވަރެއް ކަމުގައި ވާށެވެ.