މާލޭ ޕްރިމިއާ ލީގުގައި ރޭ ގްރީން ސްޓްރީޓް އަތުން 3-0 އިން މޮޅުވެ، އޭއެފްސީ ކަޕްގައި ކުޅެންޖެހޭ ފުރަތަމަ މެޗުގެ ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހަމަޖެހުމެއް ހޯދައިފި އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން މާޒިޔާ އަށް ލީޑު ހޯދައިދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. މާޒިޔާ އަށް ޕެނަލްޓީއެއް ލިބުނީ އެ ޓީމުގެ މުހައްމަދު އުމެއިރަށް ގްރީން ސްޓްރީޓްގެ މުހައްމަދު ސާއިފް ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ 68 ވަނަ މިނިޓުގައި މާޒިޔާގެ ދެވަނަ ލަނޑު ޖެހީ ސާބިއާގެ ފޯވަޑް އެލެކްސަންޑާ ރަކިޗެވެ. ހާފުގެ މެދުތެރެއިން ލިބުނު ހިލޭޖެހުމަކުން ރަކިޗް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފަ އެވެ.
އޭގެ ދިހަ މިނިޓު ފަހުން މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ އަސަދުﷲ އެވެ.
ދެވަނަ ހާފުގައި މާޒިޔާގެ އެލެކްސް އާއި ޔަސްފާދު ހަބީބަށް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއްނުވި އެވެ.
މި މޮޅާއެކު، މާޒިޔާ އިން ވަނީ ތާވަލްގެ އެއްވަނައިގައި އޮތް ނިއު ރޭޑިއަންޓާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ. ދެ މެޗުން މި ދެ ޓީމު ވެސް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ނިއު ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.
ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓުން ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.
މެޗަށް ފަހު މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮވްސްކީ ބުނީ މެޗުގައި މާޒިޔާގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މިހާތަނަށް މި ސީޒަންގައި މާޒިޔާ ކުޅުނު ވާދަވެރި ތިން މެޗުން ވެސް، އެ ޓީމުގެ ކޮޅަށް ލަނޑެއް ނުވަނުމަކީ ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ ކަމެއް ކަމަށެވެ.
މި މެޗަށް ފަހު މާޒިޔާ ދެން ކުޅޭނީ އޭއެފްސީ ކަޕްގެ މެޗެކެވެ. މި އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ބަންގްލަދޭޝްގެ ޑާކާ އަބްހާނީއާ ދެކޮޅަށެވެ.
ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހު މުހައްމަދު ބުނީ ނަތީޖާއާމެދު ހިތްހަމަނުޖެހުނަސް، ޓީމުން ކުރި ހިތްވަރާއި މަސައްކަތުގެ ސަބަބުން ކުރިއަށް އޮތް މެޗުތަކަށް ކުރާ އުންމީދު ބޮޑުވެއްޖެ ކަމަށެވެ.
އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ އާއި އީގަލްސް އެވެ. މިރޭ ކުޅޭ މެޗުގައި ވެލެންސިއާއާ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް އެވެ.