ކާނާ

ހިނގާ ކުކުޅު ސެލެޑް ހަދަން!

ކުކުޅަކީ އެއާ ނުލައި ހުކުރު ދުވަހުގެ ސުފުރާމަތީގެ ފަޅުކަން ނުފިލާ އެއްޗެކެވެ. ކުކުޅުގެ އާދަޔާ ޚިލާފު މީރުވަސް ނުދުވާނަމަ ހުކުރު ދުވަސްހެން ބައެއްފަހަރު ހީވެސް ނުވެއެވެ. މިއަދު ކުކުޅު ބޭނުންކޮށްގެން ތަފާތު އެއްޗެއް ހަދާލަމާ ހިނގާށެވެ.

މި ރެސިޕީގައި 8 މީހުން ކާނެ ވަރަށް ހުންނާނެ އެވެ.

ބޭނުންވާ ތަކެތި:

2 ބޯންލެސް ކުކުޅު (ހަންދަމާފައި)
1 ބޮނޑި ރަތް ލެޓިޔުސް (ކިޔުބްކޮށް 2 އިންޗިއަށް ވާވަރަށް ކޮށާފައި)
1 ބޮނޑި ފެހި ލެޓިޔުސް (ކިޔުބްކޮށް 2 އިންޗިއަށް ވާވަރަށް ކޮށާފައި)
1 ޓޮމާޓޯ (ކޮށާފައި)
2 މޭޒުމަތީ ސަމްސާ ސިލާޓްރޯ (ކުދިކޮށް ކޮށާފައި)
1 ޖޯޑު ޒުވާރި (ކައްކާފައި)
1 ބޮޑު ފިޔާ (ތެލުލާފައި)
1/2 ޖޯޑު ސެލެޑް ކްރީމް (އިޓާލިއަން ނުވަތަ ފްރެންޗް)
1/2 ޖޯޑު ބާބަކިޔު ސޯސް

ދެން ހިނގާ އަވަހަށް ތައްޔާރު ކޮށްލަން!

އެންމެ ފުރަތަމަ ކުކުޅު ކޮޅު ގްރިލް މަތީގައި ފަހަރަކު ފުށެއް ފިހެލާށެވެ. ރަގަޅަށް ފެން ހިނދެންދެން ގްރިލަމަތީައި ފިހެލަންވާނެ އެވެ. ފިހެވުމުން ގްރިލް މަތިން ނަގާ ކުދިކޮށް ފޮތިހިކޮށްލާށެވެ.

ތަށްޓެއްގެ ތެރެއަށް ލެޓިޔުސް، ޓޮމާޓޯ، ސިލާންޓްރޯ، އަދި ޒުވާރި އަޅާ ރަގަޅަށް އެއްކޮށްލާށެވެ. އަދި އޭގެ މައްޗަށް ކުކުޅުކޮޅާއި ފިޔާކޮޅު އަޅާލާށެވެ. އެއަށްފަހު ބާބަކިޔު ސޯސްއާއި ސެލެޑް ކްރީމް މައްޗަށް އަޅާލާށެވެ. އޭރުން ތައްޔާރުކޮށް މި ނިމުނީއެވެ.

މިއީ ހަށިގަނޑަށް ވަރަށް ފައިދާވާ ގޮތަށް ތައްޔާރު ކޮށްލެވޭ އެއްޗެކެވެ. ޑައިޓުގައި އުޅޭ މީހުން ވެސް މެންދުރުގެ ކެއުމެއްގެ ގޮތުގައި މި ސެލެޑް ބޭނުން ކުރެވިދާނެ އެވެ.