ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތައް ހެލްތު މިނިސްޓްރީގައި މިއަދު ފަށައިފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ފައްޓަވައި ދެއްވުމުގެ ގޮތުން މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރަން ފަރުދީ ގޮތުން މަސައްކަތް ކުރުމަށް ވައުދުވެ ވަޑައިގެންފައެވެ.
މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކާބޯތަކެތީގެ ރައްކާތެރިކަން އެންމެންގެ ކަމެއް" މި ސުރުހީ އެވެ. މިއީ މިކަމަށް ވަކި ދުވަހެއް ކަނޑައަޅާ މި ދުވަސް ދުނިޔޭގައި މި ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ. މިގޮތުން، ކޮންމެ އަހަރެއްގެވެސް ހަތެއް ޖޫން އަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކަމުގައި އ.ދ ގެ ޖެނެރަލް އެސަންބްލީން، 20 ޑިސެންބަރު 2018 ގައި ވަނީ ނިންމާފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ހެލްތު މިނިސްޓަރު އަމީން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކީ ވިޔަފާރިވެރިންގެ އިތުރުން އަމިއްލަ ފަރުދުންގެވެސް ޒިންމާއެއް ކަމަށް ދެކި މަސައްކަތްކުރުމަށް ގޮވަލައްވާފަ އެވެ. އަދި، އާއްމު ރައްޔިތުން ކާބޯތަކެތި ހޯއްދަވާ ބައްލަވައިގަންނަވާއިރު އެތަކެތި އުފައްދާފައި ހުރި ގޮތާއި މުއްދަތު ހަމަވާ ތާރީހުތަކާ އަދި މިނޫންވެސް ކާބޯތަކެެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަންޖެހޭ ކަންކަމަށް ބެލުމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑު އިލްތިމާސް ކޮށްލަން ބޭނުންވަނީ ދިވެރިހާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކާ ދަނޑުވެރިކަން ކުރައްވާ ފަރާތްތަކާ އަދި މިނޫންވެސް ކެއުން ބުއިމާ ގުޅޭ ތަކެތި އުފެއްދުމުގަ މަސައްކަތް ކުރާ ހުރިހާ ފަރާތްތައް ތައްޔާރުވެވަޑައިންނަވާށެވެ. އުސޫލުތައް ހަރުދަނާ ކުރުމަށާއި އެކަމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ގެނައުމަށް މަސައްކަތް ކުރާނަން"
ދުވަހުގެ ޝިޢާރާއި ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ސޯޝަލް މީޑިއާ ކެންޕޭން ހަރަކާތްތަކާއި، ޕެނަލް ޑިސްކަޝަން ކުރިޔަށް ގެންދުމަށްވެސް ވަނީ ހެލްތު މިނިސްޓްރީ އިން ރާވާފަ އެވެ.