ކާނާ

ރާއްޖެ އެތެރެކުރާ ބިހަށް މިންގަނޑުތަކެއް

ދިވެހިރާއްޖެއަށް ކުކުޅު ބިސް އިމްޕޯޓްކޮށް ވިއްކަން ބެހެއްޓޭނެ މިންގަނޑުތަކެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅައިފި އެވެ.

މިކަމާ ގުޅޭ އުސޫލުގައިވާ ގޮތުން ބިހުގެ މުއްދަތު އިތުރުކުރުމަށް ޚާއްސަ ޓްރީޓްމަންޓެއް ނުދީ، ފިނި ނުކޮށް ކުކުޅުބިސް ބަހައްޓަން ވާނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަކަށެވެ. ޓްރީޓްމަންޓެއް ނުދީ ފިނިކޮށްފައި ފަސް ޑިގްރީ ސެލްސިއަސްއަށް އަށް ވުރެ ދަށުގައި ބެހެއްޓޭނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ދިގުވެގެން ތިން މަސް ދުވަހަށެވެ.

އެގޮތަށް އިމްޕޯޓްކޮށް ވިއްކާ ކުކުޅުބިސް، އިމްޕޯޓްކޮށް ވިއްކުމުގެ ހުރިހާ މަރުހަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓުމަށްވެސް ލާޒިމްކޮށްފައިވެ އެވެ. ބިހުގެ މުއްދަތު ހަމަވާ ތާރީޚް ތިން މަސް ދުވަހަށް ވުރެ އިތުރުވާނަމަ މުއްދަތު އިތުރުކުރުމަށްޓަކައި ދީފައިވާ ޓްރީޓްމަންޓް ބަޔާންކޮށް އުފެއްދި ފަރާތުން ނުވަތަ އުފެއްދި ގައުމުގެ ކަމާ ގުޅޭ އިދާރާގެ ލިޔުމެއް ވެސް ހުށަހަޅަން ޖެހެ އެވެ.

މީގެއިތުރުން ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މިއުސޫލުގެ ދަށުން މަނާ ކުރެ އެވެ.

ރާއްޖެއަށް އިމްޕޯޓުކުރާ ބިހާއި ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓްގެ އޮރިޖިނަލް ހުށަހެޅުމުން ކަމުގައި ވެސް އުސޫލުގައިވެ އެވެ. ހެލްތު ސެޓްފިކެޓްގައި މުދާ އުފެއްދި ގައުމު ބަޔާންކޮށްފައި ނެތްނަމަ ސެޓްފިކެޓް އޮފް އޮރިޖިން ހުށަހަޅަން ޖެހެ އެވެ. އެއްވެސް ސަބަބަކާއި ހުރެ ސެޓްފިކެޓްގެ އޮރިޖިނަލް ވަގުތަށް ހުށަނޭޅިއްޖެ ހާލަތެއްގައި އެ ސެޓްފިކެޓެއް ދޫކުރި އޮތޯރިޓީން އެމްއެފްޑީއޭއަށް މެއިލް މެދުވެރިކޮށް ހުށަހެޅުމުން ގަބޫލުކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހާއި ބިހުގެ ބާވަތްތައް ހުންނަން ޖެހެނީ އެމްއެފްޑީއޭ އިން އެކުލަވާލާފައިވާ "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު"އާ އެއްގޮތަށް ލޭބަލް ކޮށްފަ އެވެ. އަދި ފިހާރަތަކުގައި ވިއްކަން ހުންނަން ވާނީ މުއްދަތު ހަމަވާ ތާރީހް ގަންނަ ފަރާތަށް އެނގޭނެ ގޮތަކަށް ކަމުގައިވެސް އުސޫލުގައިވެ އެވެ.