ކާނާ

ކާބޯތަކެތީގެ ބިލު ކޮމިޓީއަށް

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބަހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ހުށަހެޅުއްވި މި ބިލުގެ ބޭނުމަކީ ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރާ ކާބޯތަކެތީ ރައްކާތެރިކަމުގެ ފެންވަރު ކަނޑައެޅުމުގެ އުސޫލުތައް ބަޔާން ކުރުމާއި ރާއްޖޭގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން ބޭނުން ކުރަން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމަށް ހަދަން އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމު ކުރުމެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު އިތުރަށް ދިރާސާކުުރުމަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުވަން މިއަދު ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ ތަޅުމުން އެ ނިންމުން ފާސްކުރީ 42 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލުގައި ހިމެނޭ މާއްދާތަކާ ހިލާފުވެއްޖެ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނައިފައިވެ އެވެ. އެގޮތުން ކުރި ކުށުގެ ބޮޑުމިނަށް ބަލައި 5،000 ރުފިޔާއާއި 750،000 ރުފިޔާއިން ޖުރިމަނާކުރުމުގެ ބާރު ދިނުމަށް ބިލުގައި ހިމަނައިފައިވެ އެވެ. ނަމަވެސް އެ ޖޫރިމަނާތައް މާބޮޑުކަމަށް ބުނެ ބައެއް މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.