ކުޅިވަރު

ވޭލްސްގެ އެސޯސިއޭޝަން ކަޕްގެ ސެމީގައި އޮއްޕޮ މިއަދު ކުޅެނީ

Mar 11, 2017
1

ވޭލްސްގެ ފޫޓްބޯޅަ އެސޯސިއޭޝަން ޓްރޮފީ ކަޕް ނުވަތަ އެފްއޭޑަބްލިއު ޓްރޮފީ ކަޕްގެ ސެމީ ފައިނަލު މެޗުގައި ޗެރިކް އޭއޭއޭ އެފްސީއާ ދެކޮޅަށް ރާއްޖޭގެ އެޓޭކިން މިޑްފީލްޑާ އިބްރާހިމް ފަޒީލް (އޮއްޕޮ) ކުޅެމުންދާ ލާންގެވްނީ ޓައުން އެފްސީ ކުޅޭ މެޗުގައި، އޮއްޕޮ މިއަދު ކުޅޭނެ އެވެ.

އެފްއޭޑަބްލިއު ޓްރޮފީ މުބާރާތަކީ، ވޭލްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކުރިއަށް ގެންދާ، އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ މުބާރާތެކެވެ. މިއީ ނޮކައުޓް މުބާރާތެކެވެ.

ޗެރިކް އޭއޭއޭ ޓީމާ ދެކޮޅަށް، ކުޅޭ މެޗުގައި، އޮއްޕޮ ސްޓާޓް ކުރާނީ ބެންޗުން ނެވެ. ނަމަވެސް ބަދަލު ކުރާ ތިން ކުޅުންތެރިންގެ ތެރޭގައި އޮއްޕޮގެ ނަން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

ވޭލްސްގެ އެލިއަންސް ލީގް ޑިވިޝަން އެކެއްގައި، މިދިޔަ ހަފުތާ، ގްރީން ފީލްޑާ ދެކޮޅަށް ކުޅުނު މެޗުގައި، އޮއްޕޮ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން މޮޅު ކުޅުމެއް ދައްކާފަ އެވެ. ޓީމު އެ މެޗުން މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ އޮއްޕޮ ދިން ތުރޫ ޕާހަކުން ނެވެ.

އެ މެޗުގައި އޭނާ ދެއްކި ކުޅުމާއެކު ލާންގެވްނީ ކޯޗް ކްރިސް ރޮބަޓްސްގެ އިތުބާރު އޮއްޕޮއާ މެދު ވަނީ އެބައޮތެވެ.

އޮއްޕޮ އަކީ ސެމީ ފައިނަލުގައި، ނަތީޖާ ނެރުމުގައި، ތަފާތު ކުޅުންތެރިޔެ ކެވެ. ގައުމީ ޓީމުގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާ ކުރި އޮއްޕޮ ވަނީ، ސާފް ޗެމްޕިއަންޝިޕް 2003 ވަނަ އަހަރާއި 2008 ވަނަ އަހަރުވެސް، ރާއްޖެ ފައިނަލަށް ގެންގޮސް ދިނުމުގައި ސެމީ ފައިނަލު މެޗުގައި ލަނޑު ޖަހާފަ އެވެ.

ޗެރިކް އޭއޭއޭ އަކީ، ވޭލްސްގެ ނެޝަނަލް ލީގްގެ ޕްރިމިއާ ޑިވިޝަންގައި ވާދަ ކުރަމުން އަންނަ ޓީމެކެވެ. އެޓީމުން ވަނީ، އެފްއޭޑަބްލިއު ޓްރޮފީ ތިން ފަހަރެއްގެ މަތިން ހޯދާފަ އެވެ.

ސެމީ ފައިނަލް ދެ ވަނަ މެޗުގައި ވާދަ ކުރާނީ، އެންމެ ފަހުގެ ރަނަރަފު ސުލީ ސްޕޯޓްސް އާއި ޕެންލަން ސޯޝަލް ކުލަބެވެ.