ކުޅިވަރު

އެޗްޑީސީ ކަޕް ފައިނަލަށް އެފްސީ ސޯޕް އާއި ބަޖިޔޭ

Mar 11, 2017

ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް އެޗްޑީސީ ފުޓްސަލް ކަޕްގެ ފައިނަލަށް އެފްސީ ސޯޕް އާއި ބަޖިޔޭ ދަތުރު ކޮށްފި އެވެ.

ރޭ ކުޅުނު، ސެމީ ފައިނަލު ފުރަތަމަ މެޗުގައި، ކޮލެޖް ފްރެންޑްސްގެ މައްޗަށް ކާމިޔާބު ހޯދައި އެފްސީ ސޯޕް ފައިނަލަށް ދިޔައީ 4-3 ގެ ނަތީޖާ އަކުން މޮޅު ވެގެން ނެވެ.

އެ މެޗުގައި އެފްސީ ސޯޕްގެ ހަތަރު ލަނޑުގެ ތެރެއިން ތިން ކާމިޔާބު ކުރީ، އަހްމަދު ހުސައިން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ އިބްރާހިމް އަހްމަދެވެ.

ކޮލެޖް ފްރެންޑްސްގެ ލަނޑުތައް ކާމިޔާބު ކުރީ، އިބްރާހިމް ޝަހީރު އާއި މާޖިދު އަބްދުލް ގަފޫރުގެ އިތުރުން، އިބްރާހިމް ނައީމް އެވެ. ސެމީ ފައިނަލް ދެ ވަނަ މެޗް، ބަޖިޔޭ ކާމިޔާބު ކުރީ، 3-2 ނޮއެނާ ބަލި ކުރުމަށްފަހު އެވެ.

ބަޖިޔޭގެ ތިން ލަނޑުގެ ތރެއިން ދެ ލަނޑަކީ ޕެނަލްޓީން ކާމިޔާބު ކުރި ދެ ލަނޑެކެވެ. ޕެނަލްޓީ ކާމިޔާބު ކުރީ އިބްރާހިމް މުބީން އާއި މުހައްމަދު ރިފް އަތު އެވެ. މެޗުން މޮޅުވި ލަނޑު ކާމިޔާބު ކުރީ އަބްދުﷲ ޝާފިއު އެވެ.

ނޮއެނާގެ ދެ ލަނޑު ކާމިޔާބު ކުރީ، އަޔާޒު އަހްމަދާއި އަލީ މާއިސް އެވެ. ފައިނަލު މެޗު އޮންނާނީ މިރޭ 8:30 ގަ އެވެ.