ފާއިތުވި އަހަރު ވެސް އޭއެފްސީ ކަޕްގައި ވާދަކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ މި އަހަރު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ތަމްސީލްކުރާ ހަމައެކަނި ޓީމެވެ. އަދި މިހާތަނަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވުނު ނަމަވެސް، މުބާރާތުގައި ކުޅެފައިވާ މެޗުތަކުން މާޒިޔާ ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އޭއެފްސީ ކަޕްގެ އޮނިގަނޑަށް މި އަހަރު ގެނައި ބޮޑު ބަދަލާއެކު، ދެކުނު އޭޝިއާގެ ޓީމުތައް ވެސް ވަނީ އެއް ގުރޫޕަކަށް ލައިފަ އެވެ. ދެކުނު އޭޝިއާގެ ޓީމުތަކާ ވާދަކޮށްގެން ދެވަނަ ބުރުގެ ޖާގައެއް ހޯދަން ފަސޭހަވާނެ ކަމަށް ބެލެވުނު ނަމަވެސް، މާޒިޔާއާ ވާދަކުރާ ޓީމުތަކަށް ބަލާއިރު އެއީ ފަސޭހަކަމަކަށް ނުވާނެ އެވެ.
މާޒިޔާ ވާދަކުރާ ގުރޫޕް އީގައި އެ ޓީމާއެކު އޮތީ ބަންގްލަދޭޝްގެ އަބްހާނީ ލިމިޓެޑް ޑާކާ އާއި އިންޑިއާގެ ވަރުގަދަ ދެ ބާރު ކަމަށްވާ މޯހަން ބަގާން އަދި ބެންގަލޫރު އެފްސީ އެވެ. މީގެ ތެރެއިން ބެންގަލޫރަކީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ފައިނަލްގައި ވާދަކުރި ޓީމެކެވެ. މި އަހަރު އޭއެފްސީ ކަޕްގެ އޮނިގަނޑަށް ގެނައި ބަދަލާއެކު، މާޒިޔާ ހިމެނޭ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕުން ދެވަނަ ބުރަށް ދާނީ އެންމެ ޓީމެކެވެ.
މާޒިޔާ ވެސް މި އަހަރުގެ އޭއެފްސީ ކަޕަށް ނުކުންނަނީ ބޮޑު ބަދަލަކާއެކު އެވެ. މި އަހަރަކީ ބިދޭސީ ކޯޗަކާއެކު މާޒިޔާ އެއެފްސީ ކަޕަށް ނުކުންނަ ފުރަތަމަ އަހަރެވެ. މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮވްސްކީ އަކީ އޭއެފްސީ ކަޕަށް އާ ކޯޗެއް ނޫނެވެ. މަރުޖާނަކީ އޭއެފްސީ ކަޕްގެ ތަޖުރިބާކާރެކެވެ. މަރުޖާން ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑާއި ޔަންގޮން ޔުނައިޓެޑަށް އޭއެފްސީ ކަޕްގައި އިރުޝާދު ދީފަ އެވެ.
މަރުޖާން ގަބޫލްކުރާ ގޮތުގައި އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދިއުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ދެވަނަ ބުރަށް ދިއުމަށް ވިސްނުމަށްވުރެ ބޮޑަށް، އޭއެފްސީ ކަޕްގައި އޭނާ ވިސްނަނީ މެޗަކަށް ފަހު މެޗަކަށެވެ.
"އަހަރެމެންގެ ޓާގެޓަކީ އޭއެފްސީ ކަޕްގައި ކުޅެންޖެހޭ ފުރަތަމަ މެޗު ކާމިޔާބުކުރުން،" މަރުޖާން ބުންޏެވެ. "އަހަރެމެން ވިސްނާނީ މެޗަކަށް ފަހު މެޗަކަށް. އިތުރު ޓާގެޓަކަށް އަހަރެމެން މި ވަގުތު ނުވިސްނަން."
ދެހާސް ފަނަރަ ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް އަޔެޔަވާދީ ޔުނައިޓެޑް ގެންގޮސްދިން މަރުޖާން ބުނީ މި އަހަރު މާޒިޔާގައި އޮތް ސްކޮޑާމެދު ހިތްހަމަޖެހޭ ކަމަށާއި އިދިކޮޅަށް ނުކުންނަ ޓީމުތަކަކީ ރަނގަޅު ފެންވަރުގެ ޓީމުތައް ކަމަށެވެ.
"މާޒިޔާ އަށް ބެލިޔަސް ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެބަތިބި. ހަމަ އެގޮތަށް މި ގުރޫޕްގައި ދެން އޮތް ކޮންމެ ޓީމެއްގައި ވެސް، އެ ގައުމެއްގެ ގައުމީ ޓީމުގެ ވަރަށް ގިނަ ކުޅުންތެރިން އެބަތިބި. ރަނގަޅު ޓީމުތަކެއް މި ގުރޫޕްގައި މި އޮތީ،" މަރުޖާން ބުންޏެވެ.
މާޒިޔާއާއެކު އޮތް ޓީމުތަކަށް ބަލާއިރު، ބަންގާޅުގެ އަބްހާނީ ޑާކާ އަކީ އެ ގައުމުގެ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. ދާދި ފަހުން ބަންގާޅުގައި ނިމިގެންދިޔަ ޝޭހު ކަމާ އިންޓަނޭޝަނަލް ކްލަބް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސްއާ ދެކޮޅަށް އަބްހާނީ ޑާކާ ކުޅުނެވެ. އެ މެޗު ކާމިޔާބުކުރީ ޓީސީ އެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ޑްރާގޯ މަމިޗްގެ އިރުޝާދުގެ ދަށުން ނުކުންނަ އަބްހާނީ ޑާކާ އެ މުބާރާތަށް ނުކުތީ އާ ކޯޗަކާއި އާ ބިދޭސީ ކުޅުންތެރިންތަކަކާއެކު އެވެ. އެކަމަކު އޭއެފްސީ ކަޕް ނުކުންނައިރު، މަމިޗް އަށް ވެސް ވަނީ ޓީމު ތައްޔާރުކުރަން ވަގުތު ލިބިފަ އެވެ. އެހެންކަމުން ޝޭހު ކަމާލް ކަޕްގައި ފެނުނު ޑާކާ އަބްހާނީ ޓީމަށްވުރެ، އޭއެފްސީ ކަޕްގައި ފެންނަ ޓީމު ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ.
މި ގުރޫޕްގައި ދެން އޮތް އިންޑިއާގެ ދެ ޓީމުގެ ތެރެއިން، ބެންގަލޫރަކީ މި ވަގުތު އިންޑިއާގައި އޮތް އެންމެ ވަރުގަދަ އެއް ޓީމެވެ. އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ލީޑު ކުރާ ބެންގަލޫރު ޓީމަކީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ރަނަރަޕެވެ. ބޮޑު ބަޖެޓަކާއެކު ހިންގަމުންދާ ބެންގަލޫރުގައި ތިބި ބިދޭސީ ކުޅުންތެރިންނަކީ މަތީ ފަންތީގެ ކުޅުންތެރިންނެވެ. އެހެންކަމުން މި ގުރޫޕްގެ އެއް ފޭވަރިޓަކީ ބެންގަލޫރެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި 2015 ވަނަ އަހަރު ބެންގަލޫރު ވަނީ މާޒިޔާއާ ވާދަކޮށްފަ އެވެ.
ބެންގަލޫރާ ވާދަވެރި މޯހަން ބަގާން އަކީ އޭއެފްސީ ކަޕަށް އާ ޓީމެއް ނޫނެވެ. ޕްލޭއޮފްގައި ރާއްޖޭގެ ވެލެންސިއާގެ މައްޗަށް ކުރި ހޯދި މޯހަން ބަގާންގެ އެޓޭކްގައި ތިބީ ފާހަގަކޮށްލަންޖެހޭ ކުޅުންތެރިންތަކެކެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު ނަމަކީ އިންޑިއާގެ ޖޭޖޭ ލަލްޕެކުއާ އެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި މާޒިޔާއާ ވާދަކުރި މޯހަން ބަގާން އަކީ ވެސް ގުރޫޕް އެއްވަނަ އަށް އަމާޒުހިފާނެ ޓީމެކެވެ.
މާޒިޔާ އަށް އެންމެ މުހިންމުވެގެންދާނީ އަމިއްލަ ދަނޑުގައި ކުޅޭ ތިން މެޗު ކާމިޔާބުކުރުމެވެ. ފާއިތުވި އަހަރުތަކުގެ ތަޖުރިބާ އަށް ބަލާއިރު، މާޒިޔާ އަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލިފައިވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކެއް ގެއްލިގެނެވެ. އަމިއްލަ ދަނޑުގައި ކުޅޭ ތިން މެޗު ކާމިޔާބުކޮށްފި ނަމަ، މާޒިޔާ އަށް އެހެން ޓީމުތަކާ ރަނގަޅު ވާދައެއް ކުރެވިދާނެ އެވެ.