ޑާކް ރެއިން އެންޓަޓެއިންމަންޓަކީ ހަމައެކަނި އެއް އިރެއްގައި ދިވެހި ސިނަމާ އަށް ބަދަލުތަކެއް ގެނެސްދިން ސްޓޫޑިއޯއެއް ނޫނެވެ. ދިވެހި ސިނަމާ މިހާރު ވެސް މި އުޅެނީ އެމީހުން ވެއްސި ވާރެއިން ނުހިކިގެންނެވެ. އެހެން އެންމެން ވެސް އުފައްދަމުން މި އަންނަ ކޮމެޑީ ފިލްމުތަކާއި ލޯބީގެ މަޖާ ފިލްމުތަކަކީ ހަމަ ގައިމު ވެސް ޑާކް ރެއިން އިން ދެއްކި ތަފާތެއްގެ ނަތީޖާއެވެ.
ރޮމޭންޓިކް ކޮމެޑީ ފިލްމުތައް އުފެއްދުމުގެ ރޭހުގެ ކުރީގައި އުޅޭ ޑާކް ރެއިން އެންޓަޓެއިންމަންޓުން އެމީހުންގެ އާ، ރޮމޭންޓިކް ކޮމެޑީ ފިލްމު ނެރުމުގެ ތައްޔާރީގައި ޕްރޮމޯޝަންތައް ފަށާފައިވާއިރު މި ފިލްމުގެ ފުރަތަމަ ޓްރެއިލާ މި ވަނީ ދައްކާލައިފަ އެވެ. އެކަމަކު އާ ފިލްމަކަށްވުރެން މި ޓްރެއިލާ އިން "މިއީ ލޯތްބަކީ" އެންމެ ވައްތަރީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެމީހުން ގެނެސްދިން "ވާށޭ މަށާ އެކީ" ގެ ދެ ވަނައެއްގެ ޓްރެއިލާއަކާ އެވެ.
އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ "މިއީ ލޯތްބަކީ" ވެސް ސިނަމާތަކަށް ނެރޭނީ "ވާށޭ މަށާ އެކީ" އަދި ޑާކް ރެއިން އަށް މި ރަން ވަޅެއް ކޮނެދިން "އެންމެ ފަހު ވިންދާ ޖެހެންދެން" ވެސް ނެރުނު އެޕްރީލް ފަހެއްގަ އެވެ. އެޕްރީލް ފަހެއް މިއީ ޑާކް ރެއިން އިން މި ވަނީ ލޯތްބާއި ކަރުނައިގެ ދުވަހަކަށް ރަސްމީކޮށް ބަދަލުކޮށްފަ އެވެ.
މި ޓްރެއިލާ އަށް ތައުރީފު އޮހެމުން އަންނައިރު ފެންނަ ފެނުމަށް "އެންމެ ފަހު ވިންދާ ޖެހެންދެން" އާއި "ވާށޭ މަށާ އެކީ" އަދި "މިއީ ލޯތްބަކީ" އަކީ ވެސް އެއް ރަހަތަކެއް އަދި ޖުމްލަކޮށް އެއް އެކްޓަރުންތަކެއް ފެނިގެންދާ ފިލްމެކެވެ. ނަމަވެސް މިފަހަރުގެ ފިލްމުގައި މުހައްމަދު ޖުމައްޔިލްގެ ކޯ އެކްޓަރަކީ މަރިޔަމް މަޖުދާ (މަޖޫ) އެއް ނޫނެވެ. މަޖޫގެ ބަދަލުގައި އާ އެހެން އަންހެން ތަރިންތަކެއް ވެސް މި ފިލްމަށް އިތުރުކޮށްފައިވާއިރު ލީޑް އެކްޓްރެސް އަކީ މިވަގުތަށް އެންމެ މަޝްހޫރު މަރިޔަމް އައްޒައެވެ.
"މިއީ ލޯތްބަކީ" ގެ ޓްރެއިލާ އިން ޑާކް ރެއިންގެ މި "ކަރުނަ އާއި ލޯތްބާއި ވީބޭވަފާ" ތައްގަނޑުގެ އެހެން ފިލްމުތަކާ ދާދި އެއްގޮތް އެތައް ސިފައެއް ފެނިގެންދިޔައިރު "ވާށޭ މަށާ އެކީ" ގެ ޓްރެއިލާއާ "މިއީ ލޯތްބަކީ" ގެ ޓްރެއިލާ ވެސް ވަރަށް އެއްގޮތެވެ. މިހެންވުމުން "ވާށޭ މަށާ އެކީ" ގައި އަސްލު ފޮރުވިފައި އޮތީ ކޮން މޮޅުކަމެއްތޯ ބެލުމަށް އިތުރަށް ޝައުގުވެރިވެސް ކުރުވަ އެވެ.
އެކަމަކު "ވާށޭ މަށާ އެކީ" ޓްރެއިލާ ވެސް ބަލައިލާށެވެ. ނިކަން އެއްގޮތް ޝޮޓްސްތަކެއް ދެ ޓްރެއިލާއިން ވެސް ފާހަގަކުރެވޭނެ އެވެ. ލަފާކުރެވޭ ގޮތުގައި މިއީ "ހޭންގްއޯވާ" ފަދަ ފިލްމުތަކުގެ ފޭނުންނަށް "ހޭންގްއޯވާ" ގެ ޓީމުން ތަކުރާރުކޮށް ގެނެސްދިން ޓްރީޓްމަންޓާ އެއްވަރުގެ ހަދިޔާއެކެވެ.
މި ސިފަތައް "މިއީ ލޯތްބަކީ" ގެ ޓްރެއިލާ އިން ދައްކާލާފައިވުމަކީ މިއީ "ވާށޭ މަށާ އެކީ" ގެ ފޭނުންނަށް އޮތް ބޮޑު ހަދިޔާއެއްކަން އަންގައިދޭ ނިޝާނެކެވެ.