ދުނިޔެ

ވައިޓްހައުސް ފާރު މަތިން އެރި މީހަކު ހައްޔަރުކޮށްފި

Mar 12, 2017

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އަށް ނުގަވައިދުން ވަންނަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ ރައީސުންގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސީކްރެޓް ސާވިސް އިން ބީބީސީއަށް ބުނީ ދަބަހެއް އަޅުވައިގެން ހުރި މީހަކު ވައިޓްހައުސްގެ ގޯތިތެރެއަށް ވަދެ ހުއްޓައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ އޭނާ ހައްޔަރު ކުރިއިރު ހާދިސާއެއް ނުހިނގާ ކަމަށާއި އޭނާގެ ދަބަހުގައި ނުރައްކާތެރި އެއްޗެއް ނެތް ކަމަށެވެ. އެކަންތައް ހިނގި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ވައިޓްހައުސްގައި ހުންނެވި އެވެ. އެކަމުގައި ސީކްރެޓް ސާވިސް އިން މަސައްކަތް ކުރި ގޮތަށް ޓްރަމްޕް ވަނީ ތައުރީފު ކުރައްވާފައެވެ. ވަންނަން އުޅުނު މީހާއަކީ " ހަމަނުޖެހޭ" މީހެއް ކަމަށް ޓްރަމްޕް ސިފަކުރެއްވި އެވެ.

ހައްޔަރުކިރި މީހާއާ ބެހޭ މައުލޫމާތު ސީކްރެޓް ސާވިއިން ވަނީ އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕާއި ހޯމްލޭންޑް ސެކްރެޓަރީ ޖޯން ކެލީއާ މިހާރު ހިއްސާކޮށްފަ އެވެ.

ކޯޓްގެ ލިޔެކިއުންތަކާ ހަވާލާދީ ބީބީސީން ބުނީ ވައިޓްހައުސްއަށް ވަންނަން އުޅުނުކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ ކެލިފޯނިއާގައި ދިރިއުޅޭ ޖޮނަތަން ޓްރޭން ނަމަކަށް ކިޔާ އުމުރުން 26 އަހަރުގެ މީހެއް ކަަމަށެވެ.

ވައިޓްހައުސްގެ ގޯތި ތެރެއަށް މީހުން ވަނުމުގެ ހާދިސާތައް ކުރިން ވެސް ހިނގާފައި ވެއެވެ. އެގޮތަށް ވަންނަ މީހުން ސީކްރެޓް ސާވިސް އިން ހައްޔަރުކޮށްފަައި ހަވާލުކުރަނީ ފުލުހުންނާ އެވެ. ވައިޓްހައުސްގެ އިމާރާތުގެ އެތެރެއަށް ވެސް 2014 ވަނަ އަހަރު މީހަކު ވަނެވެ. އުމަރު ގޮންޒާލިސް ނަމަކަށް ކިޔާ އުމުރުން 42 އަހަރުގެ އެމީހާ ވަނީ ވަޅިއެއް ވެސް ހިފައިގެންނެވެ. ވައިޓްހައުސްގެ އިމާރާތުގެ ދޮރުން އެތެރެވުމާ އެކު އޭނާ ހައްޔަރުކުރި ކަމަށް ސީކްރެޓް ސާވިސް އިން އޭރު ބުންޏެވެ.