ދުނިޔެ

20 މިލިޔަން މީހުން ބަނޑަށް ޖެހެނީ

Mar 13, 2017

ޔަމަން، ސޯމާލިޔާ، ސައުތު ސޫދާން އަދި ނައިޖީރިއާއަށް މިހާރު ކުރިމަތިވެފައިވާ ތަދުމަޑުކަމުގެ ސަަބަބުން 20 މިލިޔަނަށް ވުރެ ގިނަ މީހުން ބަނޑަށް ޖެހުމުގެ ބިރާ ކުރިމަތިވެފައިވާ ކަމަށް ޔްނައިޓެޑް ނޭޝަންސް (ޔޫއެން) އިން ބުނެފި އެވެ.

" ދުނިޔޭގެ ގައުމުތަކުން ގުޅިގެން މަސައްކަތްތަކެއް ނުކޮށްފި ނަމަ މީހުން ހަމަ ބަނޑަށް މަރުވާނީ. އަދި އިތުރު އެތައް ބަޔަކު ބަލިބަލީގައި މަރުވާނެ،" އެމެރިކާގެ ނިއުޔޯކްސިޓީގައި ހުކުރު ދުވަހު ބޭއްވި ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ، ޔޫއެންގެ އިންސާނީ ހިދުމަތްތަކުގެ ވެރިޔާ ސްޓެފަން އޮބްރެއިން ވިދާޅުވިއެވެ.

އޭނާ ވަނީ ހަތަރު ގައުމަށް އެހީވުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ގައުުމުތަކަށް ގޮވާލައްވާފައެވެ. އެގައުމުތަކަށް އެހީތެރިވުމަށް 4.4 ބިލިޔަން ޑޮލަރު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހާލުގައި ޖެހިފައިވާ މީހުން ތިބި ހަތަރު ގައުމުގެ ތެރެއިން އެންމެ ހާލަތު ގޯހީ ޔަމަނުގައި ކަމަށާއި އެގައުމުގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަށް އެހީ ބޭނުންވާކަމަށް އޮބްރެއިން ވިދާޅުވިއެވެ. ޔަމަނުގެ އާބާދީ އަކީ 18.8 މިލިޔަން މީހުންނެވެ. ޔަމަނުގައި ތިބި އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން ހަތް މިލިޔަން މީހުންނަކީ ބަނޑުހައިހޫނުކަމާ ކުރިމަތިވެފައިވާ މީހުންނެވެ. އޮބްރެއިން ވިދާޅުވީ އެއީ މިދިޔަ ޖެނުއަރީ މަހު ބަނޑުހައިހޫނުކަމުގައި ތިބި މީހުންގެ އަދަށް ވުރެ ތިން މިލިޔަން އިތުރު އަދަދެއް ކަމަށެވެ.

ޔަމަނު މީހުން ހާލުގައި ޖެހުނީ އީރާނާއި ސައުދީ އަރަބިއްޔާގެ މަދަދު ލިބޭ އެގައުމުގެ ސަރުކާރާއި އީރާނުގެ މަދަދު ލިބޭ ހޫސީންގެ ޖަމާއަތަކާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ. އެހަނގުރާމައިގައި ސައުދީން ސީދާ ގޮތެއްގައި ބައިވެރިވި، ޔަމަނަށް ބޮން އަޅަމުންދާއިރު ޔަމަނަށް ކަނޑުމަގުން މުދާ އެތެރެކުރުން ވެސް ސައުދީން ދަނީ ހުއްޓުވަމުންނެވެ.

ދެކުނު ސޫދާނުގައި މީހުން ބަނޑަށް ޖެހިފައި ވަނީ އެގައުމުގެ ވާދަވެރި ޖަމާއަތްތަކުގެ މެދުގައި ހިނގާ ހަނގުރާމައިގައި އެހީގެ ތަކެތި އެތެރެވުމަށް ޖަމާއަތްތަކުން ހުރަސްއަޅަމުންދާތީއެވެ. އެގައުމުގެ 7.5 މިލިޔަން މީހުންނަށް އެހީ ބޭނުންވެއެވެ.

ރަނގަޅު މަރުކަޒީ ސަރުކާރެއް ނެތި، ހަނގުރާމައިގެ ތެރޭގައި އެތައް އަހަރެއް ވެފައިވާ ސޯމާލިޔާގައި އެހީ އެހީއަށް ބޭނުންވާ 6.2 މިލިޔަން މީހުން ތިބި އިރު އޭގެ ތެރެއިން 2.9 މިލިޔަން މީހުން ތިބީ ބަނޑުހަިއހޫނުކަމުގައެވެ.

ނައިޖީރިއާގައި ބޮކޯ ހަރާމް ޖަމާއަތާ އެގައުމުގެ ސަރުކާރާ ދެމެދު ހިނގި ހަނގުރާމައިގައި ގެދޮރު ގެއްލިފައި ތިބި 2.6 މިލިޔަން މީހުންނަށް އެހީ ބޭނުންވެއެވެ. އެގައުމުގައި ބަނޑަށް ޖެހިގެން މީހުން މަރުވަމުންދާއިރު ބައެއް އާއިލާތަކުގެ ހުރިހާ ކުޑަކުދިން ވަނީ މަރުވެފައެވެ.