ކުޅިވަރު

އެޗްޑީސީ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން "ބަޖިޔާ" ހޯދައިފި

Mar 12, 2017

ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ފުޓްސަލް މުބާރާތް އެޗްޑީސީ ފުޓްސަލް ކަޕްގެ ފައިނަލުގައި އެފްސީ ސޫޕްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ބަޖިޔާ ހޯދައިފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު އުތުރުން އިރުމަތި ފަރާތުގައި އޮންނަ ދަނޑުގައި ކުޅުނު މެޗުގައި، ބަޖިޔާގެ ލަނޑުތައް ކާމިޔާބު ކުރީ އިބްރާހިމް މުބީން (މުއްކި) އާއި ޝާފިއު (ޝާއްޕެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުއްކި އެވެ.

ބަޖިޔާ ޗެމްޕިއަންކަން ހޯދުމުން އެޓީމަށް ވަނީ 80000 ރުފިޔާގެ ފައިސާގެ އިނާމު ލިބިފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވިފައިވަނީ، ބަޖިޔާގެ ޝާފިއު އެވެ. އޭނާ އަށްވަނީ، މޮޅު ކުޅުންތެރިޔާގެ ޓްރޮފީގެ އިތުރުން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ސައިކަލްވެސް ލިބިފަ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހައިގެން، ރަންބޫޓް ހާސިލު ކުރީ އެފްސީ ދާއެޅުން ރިޓާންސްގެ މުހައްމަދު ނާސިފް (ނާއްޓޭ) އެވެ. އޭނަ ވަނީ 13 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޮޗަކަށް ހޮވުނީ އެފްސީ ސޫޕްގެ އަހްމަދު ހަލީލް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ނޫކަށި ފުރާ ޓީމުގެ އަލީ އަމްޖަދެވެ.