ކުޅިވަރު

ބްރެޒިލް ވަންތަކަން ނޭމާގެ ނަމަށް، "ރޭމާ"؟

Mar 12, 2017

ދުނިޔެ މިހާތަނަށް ދެކެފައިވާ، އެންމެ މޮޅު ކުޅުންތެރިން، އުފެދުނީ ބްރެޒިލުން ނެވެ. ފުޓްބޯޅައިގެ ދުނިޔެއިން އެވަރުގެ ދެ ވަނަ ނަންތަކެއް އަދިވެސް ނުފެނެ އެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެންމެ ގިނައިން ގޮސް ފައިވަނީ ބްރެޒިލްގެ ފަސް ގަނޑަށެވެ. ބްރެޒިލްގެ ތަރިންގެ ތެރެއިން "ރ" އިން ފެށޭ، ތަރިންގެ ވިންދުން އަދި މާ ގަދަ އެވެ. ރިވެލީނިއޯ ރޮމާރިއޯ އާއި ރިވާލްޑޯ އާއި ރޮނާލްޑީނިއޯ އާއި ރޮބާޓޯ ކާލޯސް އާއި ރޮބީނިއޯ އާއި ދުނިޔޭގެ މިހާތަނަށް އުފެދުނު އެންމެ މޮޅު ފޯވަޑް ރޮނާލްޑޯ ނަޒާރިއޯ އަކީ، ބްރެޒިލްގެ ރީނދޫ ޖޯޒީ ލައިގެން ނިކުތް "ރ" އިން ފެށޭ ނަންތަކެވެ. އަދި މިއީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަރާހުރި ނަންތަކެވެ.

މިހާރު ބްރެޒިލް ފުޓްބޯޅައިގައި، އެންމެ ވަރުގަދަ ނަމަކީ، ބާސެލޯނާގެ ފޯވަޑް ނޭމާ އެވެ. ނޭމާ ކިތަންމެހާ ވެސް މޮޅެވެ. އޭނާގެ މޮޅުކަން، އެންމެ ފަހުން ޗެމްޕިއަންސް ލީގްގައި ޕީއެސްޖީއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ފެނިގެން ދިޔަ އެވެ. މެސީގެ މަގާމު އަތުލާނެ ކުޅުންތެރިޔަކީ، ނޭމާ ހެންވެސް ހީވި އެވެ. ނާމާ އަކީ، ބްރެޒިލުން އުފެއްދި ޖާދޫގެ ތެރެއިން އެންމެ ފަހުގެ ޖަދޫ އެވެ. ނަމަވެސް، އޭނާ އަށް ކިޔާނަން، ކަމަކު ނުދެ އެވެ. އެނަން ކަމުނުދިޔައީ، ބްރެޒިލުން، އެންމެ ފަހުން، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރިކާޑޯ ކަކާ އަށެވެ.

ކަކާގެ ލަފާ އަކީ، ނޭމާގެ ނަން ރޭމާ އަށް ބަދަލު ކޮށް، ބްރެޒިލް ފުޓްބޯޅަ ވަންތަކަން ނާގެ ނަމަށް ގެނައުމަށެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބޭނީ ނޭމާ އަށް، އެއީ އޭނާ ބާސެލޯނާގާއި ހޯދަމުންދާ ކާމިޔާބުން، އެކަމަކު އަހަންނަށް ހީވަނީ، އޭނާގެ ނަން ރޭމާގެ ނަމަށް ބަދަލު ކޮށްފިއްޔާ އޭނާ އަށް އެބައޮތް ހެން މާ ރަނގަޅު ފުރުސަތެއް،" ސަމާސާ ރާގަކަށް ކަކާ ބުންޏެވެ.

ބްރެޒިލުގައި ކާމިޔާބު ހޯދާފައިވާ، އެންމެ ވަރުގަދަ ނަންތަކަކީ އާރް އަކުން ފެށޭ ނަންތައް،" އެމެރިކާގެ މޭޖާ ލީގްގެ އޮރްލާންޑޯ އަށް ކުޅެމުންދާ، ކަކާ ބުންޏެވެ.

ކަކާވެސް އޭނާ އަމިއްލަ ނަން ނިސްބަތް ކުރަނީ "ރިކާޑޯ" ގެ ނަމާ ގުޅުވަ އެވެ. އަދި އޭނާ އެދެނީވެސް، އޭނާ އަށް ރިކާޑޯގެ ނަމުން މުހާތަބު ކުރުމަށެވެ.