ކުޅިވަރު

ގައުމީ ލީގު ކާމިޔާބުކުރުމަށް ފަހު ސިފައިންގެ އަމާޒު ގައުމީ މުބާރާތަށް

Dec 13, 2014

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީބޯޅަ ލީގު މި އަހަރު ކާމިޔާބުކުރުމަށް ފަހު، ދިވެހި ސިފައިންގެ ކްލަބްގެ އަމާޒަކީ ގައުމީ ވޮލީބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށް، މި ސީޒަންގެ ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ޝަރަފު ހޯދުން ކަމަށް ސިފައިންގެ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސިފައިން ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން މިދިޔަ ހަފުތާގައި ހޯދީ ލީގު ހޯދިއިރު، އެ ޓީމަށް ގެއްލުނީ އެންމެ މެޗެކެވެ. ލީގު ފަހު މެޗުގައި ޕޮލިސް ކްލަބް އަތުން ސިފައިން ވަނީ ބަލިވެފަ އެވެ. އެކަމަކު އެ މެޗުގެ ކުރިން ސިފައިންނަށް އޮތީ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ. މިއީ މި އަހަރުގެ ވޮލީބޯޅަ ސީޒަންގައި ސިފައިން ބަލިވި ފުރަތަމަ ފަހަރެވެ. ސިފައިން މި އަހަރުގެ އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ.

ގައުމީ މުބާރާތަށް ނުކުންނައިރު، ސިފައިން އެންމެ ފަހުން އެ މުބާރާތް ކާމިޔާބުކޮށްފައިވަނީ 2011 ވަނަ އަހަރެވެ. މިދިޔަ އަހަރު ހުސްއަތާ ނިންމާލުމަށް ފަހު، މި އަހަރު ސިފައިން ނުކުތީ ވަރުގަދަ ޓީމަކާއެކު އެވެ. އަދި އެ ޓީމުގެ ކޯޗުކަން ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިއާ ކާއްޓޭ އަށް ހަވާލުކޮށް، ސިފައިންގެ އަމާޒަކަށްވީ ތިން ތަށި ކާމިޔާބުކުރުމެވެ.

ދެވަނަ މެޗުން މޮޅުވާ ޓީމަކަށް ފައިނަލް އިން ޖާގަ ލިބޭނެ އެވެ. ބަލިވާ ޓީމަކަށް ޖެހޭނީ ފައިނަލްގެ ޖާގައެއް ހޯދުމަށް ތިން ވަނަ މެޗުގައި ވާދަކުރާށެވެ. ތިން ވަނަ މެޗުގައި ދެން ވާދަކުރާނީ ފުރަތަމަ މެޗުން މޮޅުވާ ޓީމެވެ. ފުރަތަމަ މެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާނެ އެވެ.