ދުނިޔެ

ޗުއްޓީ ނިންމަވައިލެއްވުމަށް ފަހު ސަލްމާން ރަސްގެފާނު ޖަޕާނަށް

Mar 13, 2017
1

އިންޑޮނޭޝިއާގެ ބާލީގައި ޗުއްޓީ ހޭދަކުރެއްވުމަށް ފަހު ސަައުދީ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީރު އަލް ސަޢުދު އިއްޔެ ޖަޕާނަށް ވަޑައިގެންފިއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކްޔޯގެ ހަނިޑާ އިންޓަނޭޝަނަލް އެއާޕޯޓުން ރަސްގެފާނަށް މަރުހަބާ ވިދާޅުވީ ޖަޕާނުގެ ވަލީ އަހުދު ނަރުހީޓޯއާއި ޖަޕާނުގައި ހުންނަވާ ސައުދީ ސަފީރު އަހުމަދު ޔޫނުސް އަލް ބައްރަކާއި ސައުދީ އެމްބަސީގެ އެހެން އޮފިޝަލުންނެވެ.

ސަލްމާން ޖަޕާނަށް ކުރައްވާ ދަތުރުފުޅުގައި ޖަޕާނުގެ އެމްޕެރާ އަކިހީޓޯއާއި ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލުކުރައްވާނެ އެވެ. ޖަޕާނުގެ ވެރިންނާއި އެކު އެމަނިކުފާނު މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެނީ ދެގައުމުގެ ގުޅުމާއި ސަރަހައްދީ މައްސަލަތަކާއި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި މެދުގައި ކަމަށް އަލް އަރަބް ނޫހުން މިއަދު ބުންޏެވެ.

ސައުދީ އަރަބިއްޔާއިން ތެލަށް ބަރޯސާ ކުރާ މިންވަރު ކުޑަކޮށް އެހެން ދާއިރާތަކުން އިގުތިސާދީ ހަރަކާތްތައް ފެށުމަށް ކުރާ މަސައްކަތަށް ޖަޕާނުން އެހީވުމާ މެދު ވެސް މަޝްވަރާކުރައްވާނެ އެވެ. އެގޮތުން ހަކަތައިގެ ދާއިރާ ނޫން އެހެން ދާއިރާތަކުން ޖަޕާނުން ސައުދީގައި އިންވެސްޓް ކުރުމަށް ވެސް ދެގައުމުގެ ވެރިން މަޝްވަރާކުރައްވާނެ އެވެ.

ސަލްމާނުގެ ދަތުރުފުޅަކީ 1971 ވަނަ އަހަރުގެ ފަހުން ސައުދީ ރަސްކަލަކު ޖަޕާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޖަޕާނަށް 1971 ވަނަ އަހަރު ވަޑައިގެންނެވީ ސައުދީ އަރަބިއްޔާގެ އޭރުގެ ރަސްގެފާނު ފައިސަލް ބިން އަބުދުލް އަޒީޒެވެ. ވަލީ އަހުދުގެ ގޮތުގައި ހުންނެވި އިރު ސަލްމާން 2014 ވަނަ އަހަރު ޖަޕާނަށް ވަޑައިގެންނެވި އެވެ. އަދި އެމަނިކުފާނުގެ ދަރިކަލުން އަދި ސައުދީ ޑިފެންސް މިނިސްޓަރު އަދި ވަލީ އަހުދުގެ ނައިބު މުހައްމަދު ބިން ސަލްމާން މިދިޔަ އަހަރު ޖަޕާނަށް ވަޑައިގެންނެވި އެވެ.

ސައުދީ ރަސްގެފާނު އޭޝިއާގެ ގައުމުތަކަކަށް ކުރައްވާ އެއް މަސްދުވަހުގެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ މެލޭޝިއާއަށެވެ. އެއަށް ފަހު އިންޑޮނޭޝިއާއާއި ބުރޫނާއީ އަށް ވަޑައިގެންނެވި އެވެ. ޖަޕާނަށް ފަހު ރަސްގެފާނު ދެން ވަޑައިގަންނަވާނީ ޗައިނާއަށެވެ. އަދި އެންމެ ފަހުން ވަޑައިގަންނަވާނީ ރާއްޖެއަށެވެ.

ސަލްމާން ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.