ދުނިޔެ

ދޫނިރޯގާ ޖެހިގެން ޗައިނާގައި 161 މީހުން މަރުވެއްޖެ

Mar 13, 2017

ޗައިނާގައި 2013 ވަަނަ އަހަރުން ފެށިގެން ފެތުރެމުން އަންނަ ދޫނިރޯގާ ޖެހިގެން މިދިޔަ އޮކްޓޯބަރުމަހުން ފެށިގެން މިހައިތަނަށް 161 މީހުން މަރުވެއްޖެއެވެ.

ޗައިނާ ސަރުކާރުން އިއްޔެ ބުނީ މިދިޔަ ފެބްރުއަރީ މަހު އެގައުމުގެ 160 މީހަކަށް ދޫނިރޯގާގެ ބާވަތެއް ކަމަށްވާ އެޗްސެވަން ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 60 މީހުން މަރުވި ކަމަށެވެ. އަދި ބުނީ ޖެނުއަރީ މަހު އެރޯގާ ޖެހިގެން 79 މީހުން މަރުވި ކަމަށެވެ.

ޗައިނާގެ ނެޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިން ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދޫނިރޯގާގެ ސަބަބުން އެންމެ ގިނަ ބަޔަކު މަރުވީ މިހާރު ކުރިއަށްދާ ފިނިމޫސުމުގައެވެ. އެގޮތުން އެންމެ ގިނަ ބަޔަކު މަރުވީ ޖެނުއަރީ މަހުއެވެ. ޗައިނާގައި މީހުންގެ ތެރޭގައި ދޫނިރޯގާ މިވަރަށް ފެތުރިފައި މިވަނީ އެރޯގާއާ މެދު ސަމާލުވުމަށް ޗައިނާގެ ސިއްހަތާ ބެހޭ އިދާރާތަކުން އިރުޝާދުތައް ދެމުން ދަނިކޮށެވެ.

އެޗްސެވަން އެން ނައިން އަކީ ދޫނިތަކަށް އެ ބަލި ޖެހުމުން ބަލީގެ ނިޝާންތައް ވަރަށް މަދުން ނޫނީ ނުފެންނަ، އަދި ބައެއް ފަހަރު އެއްގޮތަކަށް ވެސް ނުފެންނަ ބާަވަތެކެވެ. އެހެންވެ އެބަލި ފެތުރުން ހުއްޓުވުމަށް މާގިނަ ދޫންޏެއް މިފަހަރުގެ ފިނިމޫސުމުގައި ނައްތާލާފައެއް ނުވެއެވެ. ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައިން ކުކުޅު ވިއްކާ ގައުމެވެ. އަދި ކުކުޅުހާލުގެ މަސް އެންމެ ގިނައިން ބޭނުން ކުރަނީ ވެސް އެގައުމުގައެވެ.

ދޫނިރޯގާގެ މައްސަލަ ދެކުނު ކޮރެއާއަށާއި ޖަޕާނަށް ވެސް ވަނީ ކުރިމަތިވެފައެވެ.