ކުޅިވަރު

ހުމާއި ގުޅިގެން މާލޭ ލީގް މެޗުތައް ފަސް ކޮށްފި

Mar 14, 2017

ބާރުމިނުގައި، މިހާރު ފެތުރެމުންދާ، އެޗް1 އެން1 ނުވަތަ ސްވައިން ފުލޫއާ ގުޅިގެން މާލޭ ލީގާއި، އެފްއޭއެމުން މިހާރު ބާއްވަމުން ގެންދާ އެހެން މުބާރާތްތައް ވެސް ފަސްކޮށްފި އެވެ.

މާލޭ ލީގުގެ އިތުރުން، މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތާއި އަދި މިމަހު ފެށުމަށް ހަމަޖެހިފައިވާ، މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ވެސް، އެފްއޭއެމުން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ރޭ ދަންވަރު އެފްއޭއެމުން ނެރުނު ބަޔާނާއި ގުޅިގެން، މާލޭ ލީގުގައި މިއަދާއި މިރޭ ކުޅެން ހަމަޖެހިފައިވާ ދެ މެޗުވެސް ވަނީ ފަސް ކޮށްފަ އެވެ.

އެ ދެ މެޗަކީ، އިންޓަނޭޝަނަލް ކުލަބު މުބާރާތެއްގައި، ޓީސީ އާއި ކުލަބު ވެލެންސިއާ ވާދަ ކުރަން ޖެހުމުން ކުރިންވެސް ފަސް ކުރި ދެ މެޗެވެ.

އެފްއޭއެމުން، ބުނީ، އެމެޗުތައް ކުޅޭނެ ތާރީހް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

އެޗް1 އެން1 ޕޮޒިޓިވް ވި މީހުންގެ ތެރެއިން މިހާތަނަށް އެކަކު ވަނީ މަރުވެފަ އެވެ. ބަލިން ރައްކާތެރި ވުމަށް މާލޭގެ ސްކޫލްތަކުގެ ކިޔެވުން ވެސް ވަނީ މެދު ކަނޑާލާފަ އެވެ.