ކުޅިވަރު

ކުރީގެ ގައުމީ ކޯޗަށް މާޒިޔާ އެނގުން، އަބްހާނީއަށް ފައިދާ

Mar 14, 2017

އޭއެފްސީ ކަޕްގައި، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، މިއަދު ނިކުންނާނީ، ބަންގްލަދޭޝްގެ ލީގް ޗެމްޕިއަން، އަބްހާނީ ލިމިޓެޑާ ދެކޮޅަށެވެ. އެޓީމުގެ ކޯޗަކަށް ހުރީ، ކުރިން ރާއްޖޭގެ ގައުމީ ޓީމަށް ކޯޗް ކޮށްދިން ކްރޮއޭޝިއާގެ ޑްރެގޯ މަމިޗެވެ. މާޒިޔާގައި ގައުމީ ޓީމުގެ އަށް ވަރަކަށް ކުޅުންތެރިން އެބަ ތިއްބެވެ.

ދެހާސް ސާދަ ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕްގައި، ރާއްޖެ އަށް ތިން ވަނަ ހޯދައިދިން، މަމިޗްގެ ކޯޗް ކަމުގެ ދަށުން ކުޅުނު ބައެއް ކުޅުންތެރިން މާޒިޔާގެ ސްކޮޑްގައި އެބަ ތިއްބެވެ. މިއަދުގެ މެޗާ ބެހޭގޮތުން އޭނާ ބުނެފައިވަނީ، މާޒިޔާގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިބުމަކީ، އޭނާ އަށް ފައިދާއެއް ކަމަށެވެ.

"އަހަރެމެންނާ ދެކޮޅަށް މި ނިކުންނަ ރާއްޖޭގެ ކުލަބު އަހަންނަށް އެނގޭ، ސަބަބަކީ، އެމީހުންގެ އެބަތިބި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް،" މަމިޗް ބުންޏެވެ.

"އެ ޓީމަކީ ވަރުގަދަ ޓީމެއް، އަހަރެމެން ޖެހޭނެ އެކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވާން، އެފަދަ ޓީމެއް އޮތް ކުލަބެއްގައި އެމީހުންނަށް ނެރެވޭ އެންމެ ވަރުގަދަ ނަތީޖާ ނެރޭނެ،"

އޭނާ ބުނީ، އަބްހާނީ އަށް މިއަހަރު އޭއެފްސީ ކަޕުން ފުރުސަތު ލިބުމަކީ، އެޓީމަށް ލިބު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އެކަމުގެ ސަބަބުން ނަތީޖާ ނެރުމަށް އިތުރު އިތުބާރެއް ލިބިގެންދާނެ ކަމަށެވެ.

މާޒިޔާ އާ ދެކޮޅަށް މިއަދު ނިކުންނައިރު، އެޓީމަށް އެހެން ނުތަނަވަސް ކަމެއް ވެސް އެބައޮތެވެ. މިމަހު ނިމިގެންދިޔަ، އަމިއްލަ ގައުމުގައި ބޭއްވި، ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގައި، މުބާރާތުގެ ޗެމްޕިއަން، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު އަތުން ބަލިވެފައި ވުމެވެ. އެހެންވެ، އެއްމަސް ދުވަހުގެ ތެރޭގައި، ދިވެހި ދެ ވަނަ ޓީމެއް އަތުން ބަލިވާކަށް، މަމިޗް ބޭނުމެއް ނުވާނެ އެވެ.

މާޒިޔާ އާއި އަބްހާނީ ބައްދަލު ކުރާ މެޗު އޮންނާނީ، ރާއްޖޭ ގަޑިން މިއަދު ހަވީރު 5:10 ގަ އެވެ.