ދުނިޔެ

ހޮލެންޑް ސަފީރު ތުރުކީއަށް އެނބުރި ވަޑައިގެންނެވުން މަނާކޮށްފި

Mar 14, 2017

ތުރުކީގެ މިނިސްޓަރަކު ހޮލެންޑުން ބޭރުކޮށްލި މައްސަލައިގައި ދެގައުމުން ކުރާ ޒުވާބު ހޫނުވެ، ހޮލެންޑުން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތުރުކީއަށް ވަޑައިގެންނެވުން ތުރުކީން މަނާކޮށްފި އެވެ.

ތުރުކީގެ ބޮޑުވަޒީރުގެ އެއް ނައިބު އަދި ސަރުކާރުގެ ރަސްމީ ތަރުޖަމާނު ނޫމާން ކަރުތުލުމަސް އިއްޔެ ވިދާޅުވީ މިހާރު ޗުއްޓީއެއްގައި ހޮލެންޑަށް ވަޑައިގެން ހުންނެވި ސަފީރު ކީސް ކޯނެލިސް ވާންރީޖް އަލުން ތުރުކީއަށް ވަޑައިގެންނަވަން ތުރުކީ ސަރުކާރުން ދެން ހުއްދަ ނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ ތުރުކީގެ މިނިސްޓަރު ބޭރުކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަަމަށެވެ. ހޮލެންޑްގެ ޑިޕްލޮމޭޓުންނަށް ތުރުކީގެ ވައިގެ ސަރަހައްދު ބަންދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ތުރުކީއާ ހޮލެންޑާ ދެމެދު ޒުވާބު އުފެދުނީ ތުރުކީގެ މިނިސްޓަރް އޮފް ފެމިލީސް ފާތިމާ ބިތޫލް ސަޔާން ކާޔާ ހޮލެންޑްގެ ރޮޓާޑަމްގައި ހުންނަ ތުރުކީ ކޮންސިއުލޭޓަށް ވެދެވަޑައި ގެންނެވިޔަ ނުދީ އޭނާ އެގައުމުން ބޭރުކޮށްލުމުންނެވެ. އެހާދިސާއާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އަރުދުޣާން ވަނީ އާދީއްތަ ދުވަހު ހޮލެންޑް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވައެވެ.

ތުރުކީގެ ވިޔަފާރީގެ މައިރަށް އިސްތަންބޫލްއާ ކައިރި ސަރަހައްދެއްގައި އިއްޔެ ބޭއްވި އެއްވުމެއްގައި ވާހަކަފުޅުދައްކަވަމުން އެގައުމުގެ ރައީސް ރަޖަބު ތޮއްޔިބު އަރުދުޣާން ވިދާޅުވީ ތުރުކީއާ ހޮލެންޑާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް ކުރިމަތިލުމަށް ހޮލެންޑުން " އަގެއް ދައްކަން ޖެހޭނެ" ކަމަށެވެ. ފާތިމާ ބިތޫލް ހޮލެންޑުން އިއްޔެ ބޭރުކޮށްލި ބޭރުކޮށްލުމަކީ ލަދު ކުޑަ އަމަލެއް ކަމަށް އަރުދުޣާން ވަނީ ސިފަކުރައްވާފައެވެ. އޭނާ ވަނީ ބަައިނަަލް އަގުވާމީ ޖަމާއަތްތަކުން ހޮލެންޑަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވެސް ގޮވައިލައްވާފައެވެ.

ޔޫރަޕާއި އެމެރިކާ ބައިވެރިވާ ދިފާއީ ޖަމިއްޔާ ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން ( ނޭޓޯ) ގައި ހިމެނޭ އެ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަ ނުޖެހުން ވާހަކަ ދައްކައިގެން ހައްލުކުރަން މަސައްކަތްކުރާނެ ކަމަށް ހޮލެންޑް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ތުރުކީގެ ރައީސް ދެއްކެވި ވާހަކަފުޅާއި މެދު މައާފަށް އެދިވަޑައިގެންނެވުމަށް ވެސް ހޮލެންޑް ސަރުކާރުން ވަނީ ގޮވާލާފައެވެ.

ހޮލެންޑުން ފާތިމާ ބޭރުކޮށްލީ ތުރުކީގެ ރައީސަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް އެގައުމުގެ ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޕާލަމެންޓުން ފާސްކޮށްފައިވާ ބިލަށް އެގައުމުގެ ރައްޔިތުންގެ އާނބަސް ލިބޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓުގައި ސަރުކާރާ އެއްކޮޅަށް ކެމްޕޭން ކުރެއްވުމަށް ވަޑައިގެންނެވުމުންނެވެ. ޖަރުމަނުގައި އިންނަވާފައި އެއްގަމު މަގުން އޭނާ ހޮލެންޑަށް ވަޑައިގެންނެވީ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޯޓް ޗަވުޒެގްލޫ ދަތުރުކުރެއްވި މަތިންދާބޯޓް ހޮލެންޑަށް އުދުހުން ހޮނިހިރު ދުވަހު މަނާކޮށްފައި ވަނިކޮށެވެ.

ހޮލެންޑްގައި ކެމްޕޭން ކުރަން ތުރުކީ ސަރުކާރުން މަސައްކަތް ކުރީ އެގައުމަކީ ތުރުކީގެ ތިން މިލިޔަނެއްހާ މީހުން އުޅޭ ގައުމަކަށް ވާތީއެވެ. ރައީސަށް ބާރުތައް ލިބޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ފެނޭތޯ ނޫންތޯ ނަގާ ވޯޓް ކާމިޔާބު ސަރުކާރަށް ކާމިޔާބު ކުރެވޭނީ ތުރުކީން ބޭރުގައި ތިބި އެތައް މިލިޔަން ބައެއްގެ ވޯޓް ލިބިގެންނެވެ.

ޔޫރަޕްގެ ގައުމުތަކުގެ ބޮޑު ނުރުހުމަކާ ކުރިމަތިވެފައިވާ އެ ކެމްޕޭން ކުރުން ފުރަތަމަ ހުއްޓުވީ ޖަރުމަނުންނެވެ. މިދިޔަ ހަފުތާގައި ޖަރުމަނުގެ ހަމްބާގްގައި ބޭއްވި ކެމްޕޭން ރެލީއެއްގައި ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޮޓް ޗަވުސޮގްލޫ ވާހަކަދެއްކެވުން ޖަރުމަނުން މަނާކުރިއެވެ. އެކަމާ ގުޅިގެން އަރުދުޣާން ވަނީ ޖަރުމަނު ސަރުކާރާ އެގައުމުން އުފެދުނު އަނިޔާވެރި ވެރިޔާ އެޑޮލްފް ހިޓްލަރުގެ ނާޒީ ޖަމާއަތާ ހުރި ތަފާތަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. ހޮލެންޑު ސަރުކާރާ މެދުގައި ވެސް އަރުދުޣާން ވަނީ އިއްޔެ ހަމަ އެމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.

ޗަވުސޮގްލޫ ހޮލެންޑަށް ދަތުރުކުރެއްވުން މަނާކުރުމާއި ފާތިމާ ބިތޫލް އެގައުމުން ބޭރުކޮށްލުމުން އަރުދުޣާން އަށް ތާއީދުކުރާ މީހުން ވަނީ އަންކަރާގައި މުޒާހަރާކޮށް، ހޮލެންޑްގެ އެމްބަސީގައި ނަގާފައި ހުރި އެގައުމުގެ ދިދަވެސް ތިރިކޮށްފައެވެ. ހޮލެންޑްގެ ރޮޓާޑަމްގައި ވެސް އަރުދުޣާނަށް ތާއީދުކުރާ މީހުން ވަނީ ހަމަނުޖެހުން ބޮޑު މުޒާހަރާއެއް ކޮށްފައެވެ. ހޮލެންޑު ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެ މުޒާހަރާ ހުއްޓުވައި ބަޔަކު ހައްޔަރުކޮށްފައެވެ.

ތުރުކީ ސަރުކާރުން ފެންނަ ނުފެންނަ ވޯޓަށް ކުރާ ކެމްޕޭން ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކުގައި ބޭއްވިޔަ ނުދޭން ޔޫރަޕިއަން ޕާލަމެންޓްގެ ނައިބުރައީސް އެލްގްޒެންޑާ ގްރާފް ލަމްބްސްޑޯފް ވަނީ ގޮަވައިލައްވާފައެވެ