ހަބަރު

އެމްޑީޕީގެ މެންބަރުންތަކެއް މާދަމާގެ ވޯޓަށް ފިލާފާނެ! އެއީ ކޮންބައެއް؟

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކި ކުރުމަށް މަޖިލީހުގައި މާދަމާ ވޯޓަށް އަހާނެ އެވެ. ނަމަވެސް ސަރުކާރު ކޯލިޝަނަށް އެ ވޯޓް ވާނީ ކާމިޔާބު ކުރަން އުނދަގޫ ވޯޓަކަށެވެ. ގާނޫނު ބުނާ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ މެންބަރުންގެ ތިން ބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ. މަޖިލީހުގެ 85 މެންބަރުން މާދަމާގެ ޖަލްސާގެ ހާޒިރުވެއްޖެ ނަމަ 57 ވޯޓް ޕީޕީއެމަށް ބޭނުންވާނެ އެވެ. އެ ބިލަށް ތާއީދުކޮށް ވޯޓް ދިން އެމްޑީއޭ އާއި އަދާލަތު ޕާޓީގެ މެންބަރުން އެއްކޮށްލުމުން ޕީޕީއެމް ކޯލިޝަނަށް މަޖިލީހުގައި ލިބޭނީ 47 ވޯޓެވެ. އެކަމަކު ޕީޕީއެމްގެ ބައެއް މެންބަރުން ވެސް އެކަމަށް އާ ބަސް ބުނެ ވޯޓް ލާނެ ކަމަށް ގަބޫލު ނުކުރެވޭތީ ޕީޕީއެމްއަށް އޮތް ގޮތަކީ ކޮބައި ހެއްޔެވެ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި ޕީޕީއެމުން އަންނަނީ އެކަމަށް ޓަކައި އެމްޑީޕީގެ ބައެއް މެންބަރުނަށް، އެކިވަރުގެ ފައިސާ އާއި އެހެން ވެސް އިނާޔަތްތައް ހުށަހަޅަމުންނެވެ. އަދި ޝަރުތަކީ މާދަމާގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން މަދު ކުރެއްވުން ކަމަށް އެމްޑީޕީން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ އެކި ބޭފުޅުން ސޯޝަލް ނެޓްވޯކްތަކުގައި އާންމު ކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި، ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދާއި ޅ. ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ބާރީ އަބްދުﷲ އާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވަނީ މިހާރު ވެސް ރާއްޖޭން ބޭރަށް ފުރާވަޑައިގެންފަ އެވެ. އެހެންވެ، އެބޭފުޅުން މާދަމާގެ ޖަލްސާއަށް ވަޑައި ނުގަންނަވާނެކަން މިހާރު މި ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސަ ވެސް އެ ވޯޓުގައި ބައިވެރިވެ ވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެކެވެ. 

އެ މެންބަރުންނާ ގުޅަން މަސައްކަތް ކުރި ނަމަވެސް އެބޭފުޅުންގެ ފޯނު ނިންވާލާފައި އޮތުމުން ގުޅޭ ގޮތް ވަނީ ނުވެފަ އެވެ. އަދި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރާއްޖޭން ބޭރަށް ވަޑައިގަތީ މާކުރިން ޕްލޭންކޮށްފައި އޮތް ދަތުރެއްގައި އޭނާގެ މަންމަގެ ބޭސްފަރުވާޔަކަށް ކަމަށް މައުލޫމާތުލިބެ އެވެ. ނަމަވެސް އެކަން ކަށަވަރެއް ނުކުރެ އެވެ. އެއާ އެކު އެ ވޯޓު ކާމިޔާބު ކުރުމަށް ޕީޕީއެމުން ހޯދަން ޖެހޭ ވޯޓު 54 އަށް މަދުވާނެ އެވެ.

އެކަމަކު އެކަން ވެސް ވާނީ ކުރަން ތަންކޮޅެއް އުނދަގޫ ކަމަކަށެވެ. އެއީ އެކަމަށް ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ވޯޓު ދޭނެ ކަމަށް ނުބެލެވޭތީ އެވެ. އަދި ޕީޕީއެމްގެ ހުރިހާ ޕާލިމަންޓް މެންބަރުން ވެސް އެކަމަށް ވޯޓު ދޭނެ ކަމަށް ނުބެލެވޭތީ އެވެ. 

އެއީ އެ ބިލް ފާސްކުރުމަށް މިދިޔަ ބުދަ ދުވަހު މަޖިލީހުގައި ނެގި ވޯޓްގައި ވެސް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވޯޓު ދެއްވާފައެއް ނުވެ އެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވެސް ވޯޓު ދެއްވާނެ ކަމާ މެދު ވެސް ސުވާލު އުފެދެ އެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހުލޫފް އަދި ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް އެކަމަށް ތާއީދުކޮށް ވޯޓު ދެއްވާނެކަމާ މެދު ޝައްކެވެ. އެއީ އެ ބިލް ފާސްކުރުމަށް އެބޭފުޅުން ވޯޓު ދެއްވާފައި ނުވާތީ އެވެ.

އެހެންކަމުން މާދަމާގެ ވޯޓަކީ ސަރުކާރަށް ވެސް ކާމިޔާބު ކުރަން އުނދަގޫ ވޯޓަކަށް ވާނެ އެވެ. މާދަމާގެ މަޖިލީހާ ދިމާކޮށް އެމްޑީޕީން މަޖިލިސް ކައިރިއަށް އެއްވާ އިރު މިއީ މިފަހުގެ ތާރީހެއްގައި އަންނާނެ އެންމެ ހޫނު ގަދަ އަދި އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭނެ ވޯޓެވެ. އެންމެންގެ މިހާރުގެ އިންތިޒާރަކީ މާދަމާގެ ވޯޓެވެ.